01 Jul 2012, 13:44
ކޮރަޕްޝަނާ ދެކޮޅު ހަދައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.
އޭސީސީން ބުނީ ސްކޫލް ކުދިންނަށް އަމާޒުކޮށްފައިވާ އެ ޕްރޮގްރާމް މިހާރު ކުރިއަށް ގެންދަމުން ދަނީ ށ. އަތޮޅުގެ ސްކޫލްތަކުގެ ގްރޭޑް އަށްކުން މަތީގެ ދަރިވަރުންނަށާއި ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ) ގެ ދަރިވަރުންނަށް ކަމަށެވެ.
މީގެ ކުރިން ތ. އަތޮޅާއި ކ. އަތޮޅުގައި އޭސީސީން ވަނީ މި ޕްރޮގްރާމް ހިންގާފަ އެވެ.
އޭސީސީން ބުނީ އަތޮޅުތަކުގައި ބާއްވާ ޕްރޮގްރާމްތަކުގައި ދަރިވަރުންގެ އިތުރުން ދައުލަތުގެ މުއައްސަސާތަކާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް އޭސީސީގެ ގާނޫނީ ހައިސިއްޔަތާއި، ކޮމިޝަނުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި އަދި ކޮރަޕްޝަނަކީ ކޮބައި ކަމާއި، ކޮރަޕްޝަންގެ އެކިއެކި ބާވަތްތަކާއި ބެހޭގޮތުން މައުލޫމާތު ދޭ ކަމަށެވެ.
ހޭލުންތެރިކުރުމުގެ މި ޕްރޮގްރާމްތައް ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދަނީ އެކުދިންގެ މެދުގައި ނަޒާހަތްތެރިކަމުގެ މަތިވެރި ސިފަ އަށަގެންނެވުމަށާއި، ވަޒީފާގެ މައިދާނަށް ނިކުންނައިރު ކޮރަޕްޝަނަކީ ކޮބައިކަން އެނގި، އެފަދަ އަމަލުތަކުން ދުރުވެތިބުމަށް އަންގައިދިނުމަށް ކަމަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.