01 Jul 2012, 13:36
ސަރުކާރު މުވައްޒަފުގެ ރޯދަމަހުގެ އިނާޔަތް މިމަހުގެ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހު ދީ ނިންމަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އަންގައިފި އެވެ.
ވަޒީފާއާއިބެހޭ ގާނޫނު ބުނާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި އެމީހެއްގެ މުސާރައިގެ ތިންބައިކުޅަ އެއްބައި ދޭންޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މުސާރައިގެ ތިންބައިކުޅަ އެއްބަޔަކީ 2000ރ. އިން މަދު އަދަދެއް ނަމަ ލިބޭނީ 2000ރ. ކަމަށާއި އެމީހެއްގެ މުސާރައިން ތިންބައިކުޅަ އެއްބަޔަކީ 10000ރ. މަތީ ނަމަ އެމީހަކަށް ލިބޭނީ 10000ރ. ކަމަށެވެ.
ގާނޫނުގައި ބުނާ ގޮތަށް އިނާޔަތުގެ ފައިސާ ދޭ ފަހުން ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް އެމީހަކު ވަޒީފާއިން ވަކިވެއްޖެނަމަ ވަކިވި ދުވަހާއި ހަމައަށް ފިޔަވައި ދެން ހުރި އަނެއް ބައި އެމީހެއްގެ އަތުން ހޯދައި އަނބުރާ ޖަމާކުރަން ވެސް ފިނޭންސުން ވަނީ އަންގާފަ އެވެ.
އަދި ވަޒީފާއާ ރޯދަ މަހު ގުޅޭ މުވައްޒިފެއް ނަމަ އެމީހާ މަސައްކަތްކުރާ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށްޖެހޭ ވަރެއްބަލައި އިނާޔަތުގެ ގޮތުގައި އެ އަދަދަށް ފައިސާ ދިނުމަށް ވެސް އަންގާފައި ވެއެވެ.