ތޫނު އެއްޗަކުން ހަމަލާދީ ގ. ވޭރު، އަބްދުލް މުހީތު މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ހެކިބަސް މިއަދު ނަގައިފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން މިއަދު ނަގާފައި ވަނީ ދެ މީހެއްގެ ހެކިބަސް ކަމަށާއި އެ ދެ މީހުންގެ ހެކިބަސް ނަގާފައި ވަނީ ކާކުކަންނޭގޭ ގޮތަށް ސިއްރުން ކަމަށެވެ. އަދި ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ އިތުރު ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.

"މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީންގެ ހެކިބަސް ނަގާފަ. ދެން އޮންނަ ޝަރީއަތެއްގަ ވެސް އޮންނާނީ އިތުރު ހެކީންގެ ހެކިބަސް ނެގުން،" އޮފިޝަލް ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ މައްސަލައިގެ ބާވަތުން އެކަމާ ގުޅޭ އިތުރު ތަފްސީލު ދެވެން ނެތްކަމަށެވެ.

މުހީތުގެ (ފޮޓޯގައި) މަރާއި ގުޅިގެން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައިވާއިރު އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެެވެ. ދެން ތިބި މީހުންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި މުހީތު މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ގދ.ގައްދޫ އަބުލަޣީގޭ، މުހުޖަތު އަހުމަދު ނާސިހު، 18 އާއި ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފައު 20، އާއި ޅ. ނައިފަރު، ޒައިތޫނިގޭ، މުހައްމަދު މައިމޫން، 19،ގެ މައްޗަށެވެ. އެމީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދި ފަށާފައެއް ނުވެއެވެ.