19 Aug 2010, 19:32
00:00
ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާ އަށް ރަމްޒީ އެހީއެއްގެ ގޮތުގައި ދިވެހި ސަރުކާރުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފި އެވެ.
ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމަކަށް ދެވޭނީ ރަމްޒީ އެހީއެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް އަވަށްޓެރި ގައުމުތަކަށް ކުރިމަތިވެފައިވާ ކަންކަމުގައި ދިވެހި ސަރުކާރުން ރަމްޒީ އެހީ ދީފައިވާކަން ފާހަގަކުރައްވާ ޑރ. ޝަހީދު ވިދާޅުވީ، ރަމްޒީ އެހީއެއްގެ ގޮތުގައި ތިން މިލިއަން ޕާކިސްތާނު ރުޕީސް ނުވަތަ ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ ޕާކިސްތާނު ސަރުކާރަށް ދޭން ނިންމިކަން އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ޕާކިސްތާނު ޚާރިޖިއްޔާއަށް މިހާރު އަންގަވައިފައިވާ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
ޕާކިސްތާނަށް ކެނޑިނޭޅި ކުރަމުންދިޔަ ބޯ ވިއްސާރައިގައި، ކޯރުތައް ފުރި ބަންޑުންވެ، ފެންބޮޑުވުމުގެ ސަބަބުން ހާހަކަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި ހަތަރު މިލިއަނަށް ވުރެ ގިނަ ރައްޔިތުން ވަނީ ގެދޮރު ގެއްލި، ހާލުގައި އުޅެންޖެހިފަ އެވެ.
މި ކާރިސާގައި ޕާކިސްތާނުގެ ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީއާ މިއަދު ހަވީރު ފޯނުން ގުޅުއްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ އިޚްލާޞްތެރި ތަޢުޒިޔާއާއި ހަމްދަރުދީ ޕާކިސްތާނު ސަރުކާރަށާއި ރައްޔިތުންނަށް ރައްދުކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.