01 Jul 2012, 13:14
އެމްޑީޕީން ގަބޫލު ކުރާ ގޮތުގައި މިހާރު ވެސް އޮތީ އެ ޕާޓީގެ ސަރުކާރެކެވެ. މިއާ އެއްހަމަ އެތައް ކަމަކަށް އެމްޑީޕީން އަޑުހަރު ކުރެ އެވެ. ހުރިހާ ވާކަލާތެއް އެމްޑީޕީއާ ކުރީގެ ސަރުކާރުގެ އިސްވެރިން ކުރައްވަނީ އުސް ފަސްގަނޑުގައި ތިއްބަވައިގެނެވެ. ގިނަ ފަހަރަށް ރައީސް ނަޝީދު ވެސް ހުންނަވައިގެނެވެ. އެތަނުގައި ނަޝީދުގެ ސަރުކާރުގެ ފުލުހުންގެ ވެރިޔާ ހޯމް މިނިސްޓަރު، ހަސަން އަފީފު ހުންނަވަ އެވެ. ބިމާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު މުހައްމަދު އަސްލަމް ހުންނަވަ އެވެ. އެތަނުގައި މާލޭ ސިޓީގެ މޭޔަރު ހުންނަވަ އެވެ. އަދި މިދެންނެވި ވާކާލާތު އެބޭފުޅުން ކުރައްވަނީ އެކަންކަމާ ޕާޓީގެ ތެރެއިން ނުރުހުނު އިސް ބޭފުޅުން ބޭރު ވެސް ކުރައްވައިގެނެވެ.
ކުށަށް އަރައިގަތުމާއި ކުށް ކުރުން ހުއްޓުވުމަކީ ފުލުހުން މެދުވެރިކޮށް ހޯމް މިނިސްޓަރު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. ރަނގަޅު ގޮތުގައި ބިން ބޭނުން ކުރުމާއި ޕްލޭން ކުރުން ފަދަ ކަންކަމަކީ ހައުސިން މިނިސްޓަރުގެ ބެލުމުގެ ދަށުން ހިނގާނެ ކަންކަމެވެ. އެއިން ކަމެއްގައި ގާނޫނާއި ގަވައިދާ ހިލާފުވާ ނަމަ އެކަމުގެ ޒިންމާ ހައުސިން މިނިސްޓަރު ނަންގަވަން ޖެހޭނެ އެވެ. ތިމާވެށީގެ ގާނޫނާ ހިލާފަށް ކަމެއް ކުރައްވާ ނަމަ އެކަމެއް ބަލައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ފިޔަވަޅު އަޅަންޖެހޭނެ އެވެ. މާލޭގެ އެއްވެސް ތަނެއްގައި އެއްވެސް ކަމެއް ގަވައިދާ އުސޫލުން ނެއްޓިގެންދާ ނަމަ އެކަމެއް ހުއްޓުވުމުގެ މަސައްކަތް މާލޭގެ މޭޔަރު ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. މިދެންނެވި ކަންކަމަކީ އެއަށް ވުރެ މަތިން ރައީސުލްޖުމްހޫރިއްޔާ ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަންކަމެވެ.
***
ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދިގު މުއްދަތަކަށް ލޮނު ޒިޔާރަތްކޮޅު ދިނެވެ. އެތާނގައި ޖަގަހައާ ކުޅިވަރު މައިޒާތަކާއި ބަދިގެއާ ގުދަން އަޅައި ފާހާނާލައި ހެދި ކަމަށް މީހުން ކިޔަ އެވެ. އެތަނުން ބިޔަރު ފެނުނު ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ފަހުން އެމްޑީޕީން ކޭމްޕް ޖެހީ އުސް ފަސްގަނޑުގަ އެވެ. ދިގު މުއްދަތަކަށް އުސްފަނޑު އެމްޑީޕީ އަށް މިހާރު ވަނީ ދެވަނަ ފަހަރަށް ދީފަ އެވެ. އެއީ ހަމަހަމަ ކަމާ އެކު ކޮށްފައިވާ ކަމެއް ނޫން ކަމަށް އެތައް ބަޔަކު ބުނަމުން ދަނިކޮށެވެ. އެ ބިން ހަވާލު ކުރަން މައި ސަރުކާރުން އަންގަނިކޮށެވެ. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މުދަލާއި ބިމާއި ތަންތަން ސިޔާސީ ބޭނުންތަކަށް ބޭނުން ނުކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ގޮވާލަމުން ދަނިކޮށެވެ.
އުސްފަސްގަނޑުގައި ގާނޫނާއި ގަވައިދާ ހިލާފު ކަންތައްތަކެއް ހިންގާ ކަމުގެ ތުހުމަތުތައް އޮވެ އެވެ. އެފަދަ ބައެއް ކަންކަން ފުލުހުން ވެސް ފާހަގަ ކުރެ އެވެ. އެކަމަކު އެއިން ކަމެއް ރައީސް ނަޝީދުގެ ހޯމް މިނިސްޓަރަކަށް ގޯހަކަށް ނުވެ އެވެ. އުސް ފަސްގަނޑުގައި މޫދަށް ފާލަން އަޅާ ހަދާފައިވެ އެވެ. ރައީސް ނަޝީދުގެ ތިމާވެށީގެ މިނިސްޓަރަކަށް އެކަން ގޯހެއް ނުވެ އެވެ. އިމާރާތް އަޅައި އެކި ގޮތްގޮތަށް ބިން ބޭނުން ކުރަމުން ދެއެވެ. އެއިން އެއްވެސް ކަމެއް ގޯހެއް ނުވެ އެވެ. ރައީސް ނަޝީދު އެކަމަކާ ކަންބޮޑުވެވަޑައިގެން އުޅުއްވާފައެއް ނުވެ އެވެ.
އަޅުގަނޑުގެ ސުވާލަކީ ހަމަ ހަގީގަތަށް ވެސް ވެރިކަމުގައި އެމްޑީޕީ އޮވެފައި އެހެން ބަޔަކު އުސް ފަސްގަނޑަށް އަރާ އިމާރާތްތައްކޮށް މޫދަށް ފާލަން އަޅައި ދިރޭތަކެތި ހިފާ ހައްޔަރުކޮށް އެތަނުގައި ކުށުގެ ވެއްޓެއް ގާއިމްކޮށް، ކުށަށް އަރައި ގަންނަ މީހުންނަށް ހިމާޔަތްދޭ ކޭމްޕެއް ދިގު މުއްދަތަކަށް ޖަހައިފި ނަމަ އަމަލު ކުރާނީ ކޮން ގޮތަކަށްތޯ އެވެ؟ އެމްޑީޕީން އެދެމުން ދަނިކޮށް ސިޓީ ކައުންސިލު މާލޭ ސިޓީ ހޯލާއި ދަރުބާރުގެއާ އުސް ފަސްގަނޑު އެމްޑީޕީއަށް ނުދީ ހަމަ އެކަނި އެހެން ޕާޓީއަކަށް ދިގު މުއްދަތަކަށް ހާއްސަކޮށްފައި ބާއްވައިފި ނަމަ އަމަލު ކުރާނީ ކޮން ގޮތަކަށްތޯ އެވެ؟ އަޅުގަނޑަށް ލަފާވަނީ ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެބަޔަކު އުސް ފަސްގަނޑު ހަމަ ބިމަށް ތިރިކުރާނެ ކަމަށެވެ.
***
ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމާ އެކު އެމްޑީޕީން ސުވާލެއް ފެންމަތިކުރި އެވެ. އެއީ "މަގޭ ވޯޓް ކޮބައިހޭ؟" ކުރި ސުވާލެވެ. ނަމަވެސް އެ ޕާޓީގެ އިންތިހާބީ ރައީސާއި ނާއިބު ރައީސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން، އެ ބޭފުޅުން އިންތިހާބު ކުރެއްްވި ބޭފުޅުންނަށް ދޮންކަޅު ވެސް އަންގާ ނުލައި ބޭރުކޮށްލި ހިސާބުން އެ ވާހަކައެއް ނުދައްކަ އެވެ.
މިހާރު އެމްޑީޕީގެ ޖަލްސާތަކާއި އެއްވުންތަކުގައި އާ ސުވާލެއް ކުރަމުން ދެއެވެ. ސަރުކާރުގެ ބައެއް ބުނުންތަކަށް ދޭ ރައްދެއްގެ ގޮތުގައި ކުރާ ސުވާލަކީ، ކަން ނުކުރެވެންޏާ ހަވާލުވީ ކީއްވެގެން ހެއްޔޭ އެވެ؟ ހަވާލުވީ ކާކު ބުނެގެން ހެއްޔޭ އެވެ؟ މި ސުވާލު ރައީސް ނަޝީދު ވެސް ވަނީ ރައީސް ވަހީދަށް އަމާޒުކޮށް ކުރައްވާފަ އެވެ. ނަމަވެސް މި ސުވާލަށް ރައީސް ވަހީދާއި އެމަނިކުފާނާ ގުޅިވަޑައިގެން ތިބި ޕާޓީތަކުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެބޭފުޅުން ޖަވާބު ދޭން ޖެހޭނެ އެވެ.
ރައީސް ނަޝީދާ ރައްޔިތުން ވެރިކަން ހަވާލު ކުރީ ފަސް އަހަރު ދުވަހަށެވެ. ތިން އަހަރު ވެރިކަން ކުރައްވާފައި ޖެހިގެން އަންނަ ދުވަހު އިސްތިއުފާ ދެއްވާ ގޮތަކަށް ނޫނެވެ. ނަތީޖާ ނުކުންނާނެ ގޮތް ބައްލަވައި ނުލައްވާ އެމަނިކުފާނު އިސްތިއުފާ ދެއްވީމާ އެކަމާ ހަވާލުވާން ޖެހޭ ފަރާތް ގާނޫ އަސާސީން ވަނީ ބުނެދީފަ އެވެ. ރައީސް ވަހީދު، މަސްއޫލިއްތާ ހަވާލުވެ ވަޑައިގަތީ ރައީސް ނަޝީދު އެ މަސްއޫލިއްޔަތުތައް ދޫކޮށްލެއްވީމަ އެވެ. އެ ހާލަތުގައި އެކަމާ ހަވާލުވާން ޖެހޭ މީހާ، ގާނޫނު އަސާސީ މެދުވެރިކޮށް ބުނެދިނީ ދިވެހި ރައްޔިތުންނެވެ. އެހެންވީމާ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ.
***
މިދެންނެވި ދެ ވާހަކަ އެމްޑީޕީގެ ގާނޫނު ކޮމެޓީގައި ހިމެނޭ އަޅުގަނޑުގެ ގާތް ރައްޓެއްސަކާ ހިއްސާކުރުމުން ދެއްކެވީ މުޅިން އެހެން ވާހަކަ އެކެވެެ. ދެން ކުރެއްވީ ސުވާލެކެވެ.
ފުރަތަމަ ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖެ ދުށް އާދަޔާހިލާފު ބޭފުޅެއް ކަމަށެވެ. އެކަން ގަބޫލު ނުކުރެވެނީ ކީއްވެގެން ހެއްޔޭ އެވެ؟ އަޅުގަނޑު އެއަށް ޖަވާބު ދިނީމެވެ:
ތިޔަކަމަށް ފުރަތަމަ އެއްބަސްވާ މީހަކީ އަޅުގަނޑެވެ. އެމަނިކުފާނު ހެނދުނު ވިދާޅުވާނީ ބަޣާވާތުގެ އިސްވެރިޔަކީ މައުމޫނެވެ. މެންދުރު ވިދާޅުވަނީ ރައީސް ވަހީދެވެ. ހަވީރު ވިިދާޅު ވަނީ ޔާމީނާއި ގާސިމެވެ. ރޭގަނޑު ވިދާޅުވަނީ އިންޑިޔާ ހައިކޮމިޝަނަރު މުލޭ އެވެ. އެެއް ކަމެއްގެ ވާހަކަ ހަތަރު އިރު ހަތަރު ގޮތަށް އެމަނިކުފާނު ވިދާޅުވީމާ އެމްޑީޕީގެ ބައިލައްކައާ ގާތްކުރާ އަދަދުގެ މީހުން އެ ހުރިހާ ވާހަކައެއް ވެސް އެއީ އެންމެ ރަނގަޅު ތެދު ކަމުގައި ގަބޫލު ކުރެ އެވެ. އަތްތިލަބަޑި ޖަހަ އެވެ. އާދަޔާ ހިލާފު ނޫން ބޭފުޅަކަށް އެއް ކަމެއްގެ ވާހަކަ ހަތަރު ފަހަރު ހަތަރު ގޮތަށް ވިދާޅުވެގެން ބަޔަކު ލައްވާ އެހާ ފަސޭހައިން ގަބޫލު ކުރުވޭނީ ކިހިނެއް ހެއްޔެވެ؟ އެހެންވީމާ އެއީ އާދަޔާހިލާފު ބޭފުޅެއް ކަމަށް ގަބޫލު ކުރަން ޖެހޭނޫންތޯ އެވެ؟ އަޅުގަނޑު މިހުރީ ގަބޫލުކޮށްގެނެވެ.