ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ރަނގަޅު އެއްބަސްވުމެއް އެކުލަވައިލުމަށް ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އަހުމަދު ސަރީރު ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވައިފި އެވެ.

"ޔުނައިޓެޑް ނޭޝަންސް ގްލޯބަލް ކައުންޓަ ޓެރަރިޒަމް ސްޓްރެޓެޖީ" ގެ ނަމުގައި 2006 ވަނަ އަހަރު ފާސްކޮށްފައިވާ ކަރުދާސް އަލުން މުރާޖައާ ކުރަން އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައިމަރުކަޒުގައި މިދިއަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަރީރު ވިދާޅުވީ އެ ކަރުދާހަށް ރާއްޖޭން ތާއީދުކުރާ ކަަމަށެވެ.

ސަރީރު އަދި ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ވެފައިވާ 12 މުއާހަދާއެއްގައި ރާއްޖޭން މިހާރު ވެސް ސޮއިކޮށްފައިވާ ވުމަކީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ރާއްޖެއިން މަސައްކަތް ކުރާ މިންވަރު ދައްކައިދޭ ކަމެއް ކަމަށެވެ.

"ހަމަނުޖެހުން ހިނގިޔަ ނުދިނުމަކީ ދިވެހި ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި އޮންނަ ކަމެއް،" ސަރީރު ވިދާޅުވި އެވެ.

ޓެރަރިޒަމަށް މަގުފަހިވާ ހަގީގީ ސަބަބުތައް ހޯދުމުގެ މުހިއްމުކަން ފާހަގަކުރައްވާ ސަރީރު ވިދާޅުވީ ޓެރަރިޒަމް ނައްތާލުމަށް މަސައްކަތް ކުރުމުގައި ޖާސޫސީ މައުލޫމާތު ބަދަލު ކުރުމަށް ގައުމުތަކާ އެކު ބައިވެރިވުން އުފެއްދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. ރާއްޖޭގައި ޑިމޮކްރެޓިކް އިންސްޓިޓިއުޝަންތައް ހަރުދަނާކޮށް، ރައްުޔިތުންގެ މެދުގައި ހޭލުންތެރިކަން އުފައްދަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް ސަރީރު ވިދާޅުވި އެވެ.