ޖީއެމްއާރުން އެއާޕޯޓާއި ހަވާލުވި ފަހުން ދިވެހި ކުންފުނިތަކަށާއި އެކިފަރާތްތަކަށް ޖީއެމްއާރުން 10 މިލިއަން ޑޮލަރު ހޭދަކޮށްފައިވާނެ ކަމަށް ޖީއެމްއާރުން ބުނެފި އެވެ.

ސަން އޮންލައިންއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އެއާޕޯޓުގެ ސީއީއޯ އެންޑްރޫ ހެރިސަން ވިދާޅުވީ އެއާޕޯޓް ޑިވެލޮޕްކުރުމުގައި ވެސް ދިވެހި ކުންފުނިތައް ބައިވެރި ކުރަން އިސްކަމެއް ދޭ ކަމަށާއި ޖީއެމްއާރުން އެއާޕޯޓް މެނޭޖް ކުރިޔަސް އެއާޕޯޓް ވާނީ ދިވެހިންގެ ތަނަކަށް ކަމަށެވެ.

"މި ބަލަނީ ވީވަރަކުން އެއާޕޯޓް ޑިވެލޮޕްމަންޓުގައި ވެސް ދިވެހިންގެ ބައިވެރިވުން ހިމަނައިގެން ކުރިއަށް ގެންދިޔުމަށް، އެގޮތުން އިންޓީރިއާ ޑެކަރޭޝަން އަދިވެސް އެހެން ޕްރޮޖެކްޓްތަކުގައި ވެސް ދިވެހި ކުންފުނިތައް މި ބައިވެރި ކުރަނީ، ދިވެހި މުވައްޒިފުންނަށް ވެސް އަޅުގަނޑުމެން އިސްކަމެއް ދެމުން. މިހާތަނަށް ދިވެހިންނަށް އެވޯޑް ކުރެވިފައި ހުރި ޕްރޮޖެކްޓްތަކުގެ އަގު 10 މިލިއަން ޑޮލަރަށް އަރާނެ،" އެންޑްރޫ ވިދާޅުވި އެވެ. "ދިވެހިން އެއާޕޯޓުން ބާކީ ކޮށެއް ނުލާނަން،"

ޖީއެމްއާރުން އަންނަނީ އެ ކުންފުނީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން ސިއްހީ ކަންކަމަށާއި ކިޔެވުމަށް ޑޮލަރުން ކުރަން ޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ޑޮލަރު ވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން ދިވެހި މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދިނުމަށް ވެސް ޖީއެމްއާރުން ވަނީ ނިންމާފަ އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ވާހަކަތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް އެ ކުންފުނިން އެއާޕޯޓް ޑިވަލޮޕްމަންޓަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށާއި 2014 ގައި މުޅިން އާ އެއާޕޯޓެއް ދައްކާނެ ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓް އަބަދުވެސް ވާނީ ދިވެހިންގެ ތަނަކަށް ކަމަށެވެ.

"އަހަރުމެންގެ މަގުސަދަކީ އެއާޕޯޓުން ސަރުކާރަށް ލިބޭ އެއްޗެއް އިތުރުކޮށް އަދި ދިވެހިންނަށް ފެންވަރު ރަނގަޅު އެއާޕޯޓެއް ގެނެސްދިނުން، އަދި ދިވެހިން ފަހުރުވެރިވާ އެއާޕޯޓަކަށް އެއާޕޯޓް ހަދައިދިނުން،" އެންޑްރޫ ވިދާޅުވި އެވެ.

އެންމެ ބޮޑަށް މައްސަލަ ހޫނުވެފައިވާ އޭޑީސީގެ 25 ޑޮލަރު ކޮންސެޝަންފީއިން އުނިކުރާ މައްސަލައަށް ވެސް އެންޑްރޫ ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ އޭޑީސީގެ މައްސަލަ ހައްލުކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެ މައްސަލައިގައި މަޖިލީހުން ނިންމާ ގޮތަކަށް އިހުތިރާމް ކުރާނެ ކަމަށެވެ.

"ކުރީގެ ސަރުކާރަށް ވެސް އަދި މިހާރުގެ ސަރުކާރަށްވެސް އޭޑީސީގެ 25 ޑޮލަރު ނެގުމުގައި ދިވެހިންނަށް ލުއިތަކެއް ހަމަޖައްސައިދިނުމަށް ގޮތްތަކެއް ހުށަހަޅާފައިވާނެ، އަދި އޭޑީސީގެ މައްސަލައިގައި އުފެދިގެން އުޅޭ ހިޔާލު ތަފާތުވުން ހައްލުކުރުމަށް އެ ގޮތްތައް މަޖިލީހަށް ހުށަހަޅައިގެން ގޮތްތަކެއް ނިންމަންޖެހޭނީ އެއީ އޭޑީސީގެ މައްސަލައަށް އޮތް ހައްލަކީ،" އެންޑްރޫ ވިދާޅުވި އެވެ.

އޭޑީސީގެ 25 ޑޮލަރުގެ މައްސަލައިގައި ޖީއެމްއާރުން ސަރުކާރަށް ހުށަހަޅާފައިވާ ފުރަތަމަ ގޮތަކީ ދިވެހިންގެ އަތުން އެއްވެސް އެއްޗެއް ނުނަގާ، ދެން ފުރާ ކޮންމެ މީހެއްގެ އަތުން 28 ޑޮލަރު ނެގުމެވެ. ދެ ވަނަ ގޮތަކީ ސާކް ސަރަހައްދުގެ އެއްވެސް ގައުމަކަށް ފުރާ ދިވެއްސެއްގެ އަތުން އޭޑީސީ ނުނަގާ، އެހެން ދަތުރުވެރިންގެ އަތުން 27 ޑޮލަރު، އަދި ސާކުން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ވެސް އެ އަދަދު ނެގުމެވެ.

އެންޑްރޫ ވިދާޅުވީ އެއާޕޯޓުން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނީ އޮޕަރޭޓް ކުރާ ކުންފުންޏަކަށް އެއްޗެއް ލިބިގެން ކަމަށާއި އޭޑީސީއަކީ ދުނިޔޭގެ އެހެން އެއާޕޯޓުތަކުން ވެސް ޗާޖު ކުރަމުން އަންނަ ފީއެއް ކަމަށެވެ.

"އޭޑީސީ ނަގަން މިޖެހެނީ، ރަނގަޅު ފެންވަރަކަށް އެއާޕޯޓް ޑިވަލޮޕްކުރަން، އެތަނުން އެއްޗެއް ލިބިގެން އެއާޕޯޓް ޑިވަލޮޕް ކުރެވޭނީ، ޖީއެމްއާރުން މަސައްކަތް މި ކުރަނީ ދިވެހިން ފަހުރުވެރިވާ ދިވެހިންގެ އެއާޕޯޓަކަށް ހަދަން،" އެންޑްރޫ ވިދާޅުވި އެވެ.