01 Jul 2012, 12:53
ރާއްޖޭގެ މީޑިއާ ރެގިއުލޭޓް ކުރުމަށް ގާނޫނަކުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ މަގާމު ވީޓީވީ އަށް ނިސްބަތްވާ ދެ ބޭފުޅަކު ކާމިޔާބު ކުރައްވައިފި އެވެ.
މިދިޔަ ބުރާފަތި ދުވަހު އިންތިހާބު ކުރި 15 މެންބަރުންގެ ކައުންސިލްގެ ރައީސާއި ނާއިބު ރައީސް ހޮވުމަށް މީޑިއާ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި އިންތިހާބީ ޖަލްސާގައި ކައުންސިލްގެ ރައީސްގެ ގޮނޑި 12 ވޯޓުގެ އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ ވީޓީވީގެ ސީއީއޯ އިބްރާހީމް ހަލީލެވެ.
އޭނާ އާ އެކު އެ ގޮނޑި އަށް ވާދަކުރެއްވި، ދި ޓީވީގެ އެޑިޓަރު މިދުހަތު އާދަމަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
ނާއިބު ރައީސްގެ ގޮނޑި އަށް ވާދަކުރެއްވީ ހަވީރު ނޫހުގެ ލޯކަލް އެޑިޓަރު އިސްމާއީލު ނަސީރާއި، އަމިއްލަ ގޮތުން ކައުންސިލަށް ހޮވިވަޑައިގަތް، ވީޓީވީގެ ލިއުންތެރިޔާ އަބްދުﷲ މުއާޒު ޔޫސުފެވެ. ނާއިބު ރައީސްގެ ގޮނޑި10 ވޯޓުގެ އަޣުލަބިއްޔަތުން ކާމިޔާބު ކުރެއްވީ މުއާޒެވެ. އިސްމާއީލް ނަސީރަށް ލިބިވަޑައިގަތީ ފަސް ވޯޓެވެ.
މީޑިއާ ކައުންސިލް އިންތިހާބު ކުރަނީ ދެ އަހަރު ދުވަހަށެވެ.