ޖެނީވާ (ޖުލައި 1) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެޤައުމަށް އިންތިޤާލީ މަރްޙަލާއެއް ގެނައުމަށް ދުނިޔޭގެ ބާރުތަކާއި އދ. ން އެއްބަސްވުމަކަށް އަތުވެއްޖެވެ.

ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމާބެހޭގޮތުން މިފަރާތްތަކުން އިއްޔެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އދ. ގެ ޚާއްސަ މަންދޫބު ކޯފީ އަނާން ވިދާޅުވީ " މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށްޓަކައި އިންތިޤާލީ މަރްޙަލާއެއް ގެނައުމާބެހޭގޮތުން" ކަމުގައެވެ. "ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ނިމުމަކަށް ގެނައުމަށްޓަކައި އެޤައުމަށް އިންތިޤާލީ މަރްޙަލާއެއް ގެނަސް އިންތިޤާލީ ސަރުކާރެއް އުފެއްދުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ޖެނީވާގައި އެއްބަސްވުމަކަށް އައިސްފާ" މިބައްދަލުވުމަށްފަހު ދެއްވި ބަޔާނެއްގައި އަނާން ވިދާޅުވި އެވެ.

އަނާން ވިދާޅުވިގޮތުން ޖެނީވާގެ ބައްދަލުވުމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އދ. ން އެއްބަސްވުމަކަށް އައީ ވަތަނީ އެއްބައިވަންތަ އިންތިޤާލީ ސަރުކާރެއްގެ ބެލުމުގެ ދަށުން ސޫރިޔާގެ ދަސްތޫރު ޑިމޮކްރެޓިކް އުސޫލުތަކާއެއްގޮތަށް އިސްލާހް ކުރުމަށާއި ހަނގުރާމަވެރިންގެ އަތުން ހަތިޔާރުތައް އަތުލުމަށާއި މިނިވަން އިންތިޚާބެއް ބާއްވައިގެން ރައީސަކު އަލުން އިންތިޚާބުކުރުމަށެވެ.

އިންތިޤާލީ މަރްޙަލާގައި ސޫރިޔާގައި އެލަވާލާ އިންތިޤާލީ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުގެ އިތުރުން ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރުގައި މިހާރު ތިއްބެވި ބައެއްބޭފުޅުންވެސް ހިމެނުމަށް ޖެނީވާގެ ބައްދަލުވުމުގައި ބޮޑެތި ބާރުތަކުންވަނީ އެއްބަސްވެފައެވެ. ނަމަވެސް ސޫރިޔާގެ ރައްޔިތުންގެ ލެއިން ތަތްތެޅިފައިވާ ބައަކު ހިމެނޭ އިންތިޤާލީ ސަރުކާރެއް ރައްޔިތުން ބަލައިގަންނާނެ ކަމާމެދު ޝައްކުކަމަށް އަނާން ވިދާޅުވިއެވެ.

އިންތިޤާލީ ސަރުކާރުގެ ވެރިއަކު ހަމަޖެއްސުމާއި ރައީސް ބައްޝާރުލްއަސަދް މުސްތަޤްބަލް ކަނޑައެޅުން ދޫކޮށްލެވިފައިވަނީ ސޫރިޔާގެ ރައްޔިތުންނަށް ކަމަށްވެސް އަނާން ވިދާޅުވިއެވެ. ރަޝިޔާއިން ބުނީ ޖެނީވާގެ ބައްދަލުވުމުގައި ބޮޑެތި ބާރުތަކާއި އދ. ން އެއްބަސްވި އިންތިޤާލީ މަރްޙަލާ ސޫރިޔާއަށް ގެނެވޭނީ އެޤައުމުގެ އިދިކޮޅު ފަރާތްތަކާއި ރައްޔިތުންނާއި ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރުން މިކަމަށް އެއްބަސްވެގެން ކަމުގައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވީ ޖެނީވާގެ ނިންމުމަކީ ރަނގަނޅު ނިންމުމެއްކަމަށާ މިއީ ރައީސް ބައްޝާރާނުލާ ސޫރިޔާގެ މުސްތަޤްބަލް ބިނާކުރުމަށް މަގުފަހިކުރުމުގެ އެއްބަސްވުމެއް ކަމުގައެވެ. (ނޫސްއެޖެންސީތައް)