މިނިސްޓަރުން ފިޔަވައި މަގުބޫލު އުޒުރަކާނުލައި ސިޔާސީ މުވައްޒަފުން އޮފީހަށް ވަޑައިނުގަންނަވާ ނަމަ މުސާރައިން ކަނޑާ ގޮތަށް ހަމަޖައްސައިފި އެވެ. މިގޮތަށް ހަމަޖެއްސުމަށްފަހު ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ ގޮތުގެ މިންގަނޑެއް ރައީސް އޮފީހުން އާންމުކޮށް ވަނީ އަމަލު ކުރަން ފަށާފަ އެވެ.

"ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑު"ގެ ނަމުގައި ރައީސް އޮފީހުން އެކުލަވާލައި އަމަލު ކުރަން ފެށި މިންގަނޑުގައި އަސާސީ ސިފަތަކާއި، ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ސިއްރު ހިފެހެއްޓުމާއި ބާރާއި އިޚްތިޔާރު ބޭނުން ކުރުމާއި ޙާޒިރީގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތާއި ޗުއްޓީއާ ދަތުރުތައް ކުރެވޭ ގޮތާއި ވަޒީފާގައި ހެދުން އަޅަންވީ ގޮތާއި، އިސްތިއުފާ ދިނުމާއި މަޤާމުން ވަކިވާނެ ގޮތްތައް ހިމަނާފައި ވެއެވެ.

ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އެފަދަ މިންގަނޑެއް އެކުލަވާލީ ސިޔާސީ ބޭފުޅުން ވެސް އަމަލުކުރަން ޖެހޭނެ ވަކި އުސޫލެއް މިހާތަނަށް ނެތުމާއެކު ސިޔާސީ މުވައްޒަފުންގެ ކަންތައްތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ކަމަށާއި އެކަން ކުރީ ކެބިނެޓާއި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

"މި އުސޫލުގެ ދަށުން ސިޔާސީ މުވައްޒަފުން ރެގިއުލޭޓް ކުރެވިގެންދާނެ، މީގެ ކުރިން ނޯވޭ އެއްވެސް އުސޫލެއް ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭނެ، އޭރުން ދެން ސިޔާސީ މުވައްޒަފުން ވެސް ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނެކޭ ވެސް އެއްގޮތައް އަމަލުކުރަން ޖެހޭނެ އުސޫލުތައް ހުންނާނީ،" އައްބާސް ވިދާޅުވި އެވެ. "މީގެ ކުރިން ހާޒިރީއެއް ނުބެލެހެއްޓޭ އޮފީހަށް ނަޔަސް މުސާރައިން ކެނޑޭނެ ގޮތެއް ވެސް ނޯވޭ،"

އާ އުސޫލުގެ ދަށުން ސިޔާސީ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ވިދިވިދިގެން ދެ ދުވަހަށްވުރެ ގިނަ ދުވަހަކަށް ނެގޭނީ ޑޮކްޓަރުގެ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅައިގެންނެވެ. އަދި އެ ނޫން ގޮތަކަށް އޮފީހަށް ހާޒިރު ނުވާނަމަ ހާޒިރުނުވާ ދުވަހަށް މުސާރައިން ކަނޑާނެ ކަމަށް އުސޫލުގައި ބުނެ އެވެ. އަދި ސިޔާސީ ބޭފުޅަކަށް ވެސް ސަމާލުގެ ޗުއްޓީގެ ގޮތުގައި އަހަރަކު ލިބޭނީ 30 ދުވަހެވެ.

އަހަރީ ޗުއްޓީ ލިބެނީ މަގާމަށް އައްޔަން ކުރާ ތާރީހުން ފެށިގެން މީލާދީ ގޮތުން އެއްއަހަރު ވުމުން، ބަންދު ދުވަސްތައް ނުހިމަނައި، 30 ދުވަހެވެ. ޢާއިލީ ޒިންމާގެ ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ނުހިމަނައި، އަހަރެއްގެ ތެރޭގައި 10 ދުވަސް ސިޔާސީ މުވައްޒަފުންނަށް ލިބެ އެވެ.

ސިޔާސީ މުވައްޒަފަކަށް ލިބޭ އެހެން ޗުއްޓީތަކުގެ ތެރޭގައި ހިމެނެނީ ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ނުހިމަނައި، އަހަރެއްގެ ތެރޭގައި 60 ދުވަހާއި ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ހިމަނައިގެން ތިން ދުވަހާއި އަދި ދަރިއަކު ޚިޠާނު ކުރުމާ ގުޅިގެންދޭ ޗުއްޓީގެ ގޮތުގައި، ބަންދު ދުވަސްތައް ހިމަނައިގެން، ފަސްދުވަސް ލިބެ އެވެ.

ސިޔާސީ މުވައްޒަފުންގެ ތެރެއިން ޙައްޖަށްދާން އެދޭ މުވައްޒަފުންނަށް ވެސް، މާލެއިން ފުރާ ދުވަހުން ފެށިގެން ހަމަޖެހިފައިވާ އޮންނަ އުޞޫލުން 30 ދުވަހުގެ ޗުއްޓީއެއް ލިބޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ސިޔާސީ މުވައްޒަފުންގެ ހާޒިރީ ވެސް ކޮންމެ އޮފީހަކުން ވެސް ބެލެހެއްޓުން އެ ގަވާއިދުގެ ދަށުން ވަނީ ލާޒިމުކުރެ އެވެ. އެގޮތުން ރޯދަ މަސް ނޫން އެހެން މަސްމަހު ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30ގެ ކުރިން އަދި ރޯދަ މަހު ހެނދުނު 9.30ގެ ކުރިން އޮފީހަށް ހާޒިރުވެ ހާޒިރީގައި ރެކޯޑު ކުރަންޖެހެ އެވެ. އެހެން ނޫންނަމަ އޮންނަ އުސޫލުގެ ދަށުން މުސާރަ ކެނޑޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މިންގަޑުގެ ދަށުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި، މުވައްޒަފު ވަޒީފާ އަދާކުރާ ދާއިރާގެ ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް ފުރިހަމައަށް ޖަވާބުދާރީވުމާއި، ދައުލަތާއި ރައްޔިތުންގެ މަޞްލަޙަތަށް އަބަދުވެސް އިސްކަންދޭންޖެހެ އެވެ. ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެ ނިންމުންތަކަށް ޙުރްމަތްތެރިކޮށްހިތުމާއި، ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށުއަރާ ކަމަކަށް މަގުފަހިވެދާނެ އުޞޫލުތަކެއް ނުގެންގުޅުމާއި، އެއްވެސް މީހެއްގެ އަބުރަށް ނުވަތަ ޢިއްޒަތަށް އުނިކަމެއް ލިބޭފަދަ އެއްވެސް ޢަމަލެއް ކުރުމަކީ މަނާކަމެކެވެ.

ސިޔާސީ މުވައްޒިފަކަށް މަޤާމުގެ ޙައިސިއްޔަތުން ލިބިފައިވާ އެއްވެސް މަޢުލޫމާތެއް، އަމިއްލަ މަޞްލަޙަތެއް ޙާޞިލް ކުރުމަށް ނުވަތަ ޢާއިލީ ގުޅުމެއް އޮތް ނުވަތަ ރައްޓެހިކަމުގެ ނުވަތަ އެނޫންވެސް ގުޅުމެއް އޮތް މީހެއްގެ މަޞްލަޙަތެއް ޙާޞިލް ކުރުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށާއި، މަޤާމުގެ ޙައިޘިއްޔަތުން ލިބިފައިވާ، ކުރިން ހާމަކޮށްފައިނުވާ އެއްވެސް މަޢުލޫމާތެއް ނުވަތަ ލިޔުމެއް ޤާނޫނަކުން އެހެން ގޮތަކަށް ލާޒިމް ނުކުރާހާ ހިނދަކު، ހާމަކޮށްގެން ނުވާނެކަމަށްވެސް އެ ކަނޑައަޅައިފައިވެ އެވެ.

މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން، އަމިއްލަ މަންފާއެއް ޙާޞިލް ކުރުމަށް ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ޙާޞިލް ކޮށްދިނުމަށް މަސައްކަތް ނުކުރުމާއި، ސަރުކާރުގެ އެއްވެސް މުދަލެއް، ފައިސާއެއް ނުވަތަ ވަސީލަތެއް މަޤާމުގެ ޙައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަކަށް މެނުވީ ބޭނުން ނުކުރުން ވެސް ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގެ ތެރެއިން ވަނީ މަނާވެފަ އެވެ.