01 Jul 2012, 11:31
އަންނަ ރޯދަ މަހުގެ ތެރޭގައި ދަތުރުވެރިންގެ މާރުކޭޓް ވަރަށް ބޮޑަށް ތިޔާގިވެ ހެޔޮ އަގުގައި ތަކެތި ވިިއްކޭނެ ކަމަށް ދަތުރުވެރިންގެ މާރުކޭޓްގެ ވިޔަފާރިވެރިން ބުނެފި އެވެ.
ރޯދައަށް ކަރާ ހައްދާ އއ. ތޮއްޑޫ ދަނޑުވެރިއެއް ކަމަށް އިބްރާހިމް ނަސީރު ބުނީ އެހެން އަހަރުތަކަށްވުރެ މިއަހަރު އުންމީދު ބޮޑު ކަމަށާއި ކަރާލާއި އެހެނިހެން ބާވަތްތައް މިއަހަރު ރޯދައަށް ވަރަށް ރަގަޅަށް ހެދެމުން އަންނަ ކަމަށެވެ.
"މިހާރު ދާގޮތަށް މޫސުމަށް ބަދަލުތަކެއް ނައިސް ކުރިއަށް ދާނަމަ މިއަހަރު މިދިޔަ އަހަރަށްވުރެ ރަގަޅުވާނެ ކަމަށް މިބަލަނީ" ނަސީރު ބުންޏެވެ. "އެހެން އަހަރުތަކަށްވުރެ ބޮޑަށް ތޮއްޑޫ ދަނޑުވެރިން ވެސް އަންނަނީ ތައްޔާރުވަމުން އެހެން ކަމުން ގިނަ ތަކެތި ބާޒާރަށް ނެރެވި އަގު ހެޔޮކޮށް ވިއްކޭނެ،"
ތޮއްޑުގެ ކައުންސިލްގެ ނައިބް ރައީސް މައުރޫފް އާދަމް ވިދާޅުވީ މިދިޔަ އަހަރު ތޮއްޑުއިން މާލެ ފޮނުވި ކަރައާއި އެހެނިހެން ބާވަތްތަކަށް ވުރެ މިފަހަރު ރޯދައަށް މާލެ ފޮނުވޭ ކަރާގެ އަދަދު އިތުރުވާނެ ކަމަށެވެ. މިއަހަރު ދަޑުވެރިކަމުގައި އިތުރަށް 40 ފަރާތެއް ބައިވެރިވެ ތޮއްޑޫގައި ކަރާ ހައްދަމުން އަންނަ ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.
ރޯދަމަހަށް ކަރާ ހައްދަން ތޮއްޑޫގައި މިއަހަރު 135 ދަނޑު ވަނީ ދޫކޮށްފައެވެ. މިއަހަރު އިތުރު 40 ދަނޑުވެރިޔަކު ވަނީ ރޯދައަށް ދަނޑު ހައްދާފަ އެވެ.
"އަޅުގަނޑަށް ޔަގީން މިއަހަރު މިދިޔަ އަހަރަށްވުރެ ތޮއްޑޫގެ އުފެއްދުންތައް ދަތުރުވެރިންގެ މާރުކޭޓްގައި ގިނަވެ އަގު ހެޔޮވާނެ ކަމަށް" މައުރޫފް ވިދާޅުވި އެވެ.
ތޮއްޑޫގެ އެހެން ދަނޑުވެރިއެއް ކަމަށްވާ އަލީ އަބުދުއްﷲ ބުނީ ރޯދައަށް ކަރާގެ އިތުރުން ދަނޑުވެރިކަމުގެ އެހެން ބާވަތްތަށް ވެސް ރަނގަޅަށް ހައްދަމުން ގެންދާ ކަމަށައި ގިނަ އަދަދެއްގެ ބާވަތްތައް މިއަހަރު މާލޭ ގެންދެވޭނެ ކަމަށެވެ. އެރަށުގެ ދަނޑވެރިން މިއަހަރު ހައްދާ ބާވަތްތަކުގެ ތެރޭގައި ކަރާގެ އިތުރުން ބަރަބޮލާއި ކިއުކަންބާއާ ފަޅޮލާއ ދޮންކެޔޮ ހިމެނެ އެވެ.
ދަނޑުވެރި ކަމުގެ ގިނަ ބާވަތްތައް ރޯދައަށް ގެންނަ ތ.ކަނޑޫދޫ ދަނޑުވެރިއަކު ބުނީ އެރަށުގެ ދަނޑުވެރިންވެސް މިފަހަރުގެ ރޯދަމަހަށް ތައްޔާރުވެފައިވާ ކަމަށާއި ހެޔޮ އަގުގައި ވިއްކޭ ވަރަށް ގިނަ ބާވަތްތަކެއް މާލެ ގެންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ނުވިސްނަށް ހަމައެކަނި ކަރާ ގެންނާކަށް. މިރުހާ ބަރަބޮލާއި ފަޅޮލާއި މިހުރިހާ އެއްޗެއްވެސް ގެންނާނެ،" ކަނޑުދޫގެ ދަނޑުވެރިއަކު ބުންޏެވެ.
ފުވައްމުލަކުގެ ދަނޑުވެރިން ބުނީ މާރުކޭޓްގެގައި އެހެން އަހަރުތަކަށްވުރެ އަގު ހެޔޮކޮށް ދަނޑުވެރިވެރި ކަމުގެ ބާވަތްތައް މިހަރު ވިއްކޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ފުވައްމުލަކުގެ ދަނޑުވެރިން ދުރާލާ ރޯދައަށް ތައްޔާރުވެފައިވާ ކަމަށް ވެސް ބުންޏެވެ.
"ވަރަށްބޮޑު އުންމީދެއް އެބޮތް އެހެން އަހަރުތަކަށްވުރެ ރަގަޅުވާނެ ކަމަށް ސަބަބަކީ ކުރިއާލާ މަސައްކަތް ކުރެވުން، އަދި މިއަހަރު މޫސުން ވެސް ވަރަށް ރަގަޅު. މޫސުން މިގޮތަށް އޮތިއްޔާ ވަރަށް ރަގަޅުވާނެ،" ހަމީދު ބުންޏެވެ.