އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓްގެ ކާގޯ އެސިސްޓެންޓްގެ ވަޒީފާއިން ވަކިކުރި މީހަކަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޖީއެމްއާރްގެ މައްޗަށް އަމުރުކޮށްފި އެވެ.

އެއާޕޯޓުގެ ކާގޯ އެސިސްޓެންޓްގެ ވަޒީފާއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަކިކުރި ކ. ދިއްފުށީ، ހިޔާވެހި، މުހައްމަދު ޒައިދުއަށް އަލުން ވަޒީފާދޭން ޓަރައިބިއުނަލުން އަމުރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ބުނަނީ ޒައިދު ވަޒީފާއިން ވަކިކޮށްފައި ވަނީ ސައްޚަ ނޫން މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުން، އޭނާއާމެދު ޖީއެމްއާރުން ހަދާފައިވާ ވަޒީފާގެ އެއްބަސްވުމާއި އެއްގޮތަަށް ކަމަށް ޖީއެމްއާރުން ބުނެފައިވާ ކަމަށެވެ.

އެ ނިންމުމުގައި ބުނަނީ ޖީއެމްއާރުން އެހެން ބުނިނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ޖީއެމްއާރުން ބުނާ ސަބަބަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ އިމުގެ ތެރެއަށް ފެތޭ ސަބަބެއް ނޫން ކަމަށް މައްސަލަ ބެލި މަޖިލީހުގެ އަޣުލަބިއްޔަތަށް ފެންނަ ކަމަށެވެ.

އެހެންކަމުން ޒައިދު ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އޭނާ ވަޒީފާއަށް ނެރުމަށާއި އަދި އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާއަށް ނެރޭ ދުވަހާއި ހަމަޔަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ 15 ދުވަހުގެ ތެރޭގައި ދިނުމަށްފަހު އެކަން ލިޔުމުން ޓްރައިބިއުނަލަށް އެންގުމަށް ވެސް ޖީއެމްއާރްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން މުވައްޒަފުންގެ ވަޒީފާގެ ކަންތައްތަކުގައި ވަޒީފާއާ ބެހޭ ގާނޫނާއި ޚިލާފުނުވާގޮތަށް އަމަލުކުރުމަށް ވެސް ޓްރައިބިއުނަލުން ވަނީ ޖީއެމްއާރްގެ މައްޗަށް އަމުރުކޮށްފައެވެ.