19 Aug 2010, 19:23
00:23
މަދަނީ ޖަމިއްޔާތަކުގެ ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ ތަރައްގީގައި ޖަމިއްޔާތަކުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ޔޫއެންޑީޕީއާ ސަރުކާރާ ދެމެދު 7.6 މިލިއަން ރުފިޔާގެ މަޝްރޫއެއްގައި ސޮއިކޮށްފި އެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި ސޮއިކުރުމަށް ޔޫއެންޑީޕީ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖޭގައި ހުންނަވާ އ.ދ ގެ ރެޒިޑެންޓް ކޯޑިނޭޓަރ އެންޑްރިއު ކޯޒެވެ.
މި ޕްރޮޖެކްޓުގެ ދަށުން މަދަނީ ޖަމިއްޔާތަކުގެ ގާބިލްކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށް ޔޫއެންޑީޕީގެ ނޫސް ބަޔާނުގައިވެ އެވެ. އޭގެ ތެރޭގައި، ސަރުކާރާ ޖަމިއްޔާތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ކޯޑިނޭޓުކުރާނެ ގޮތްތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގުމާ އަދި ކަމާބެހޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން ވެސް ހިމެނޭ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޔޫއެންޑީޕީގެ މަގްސަދަކީ، މި ޕްރޮޖެކްޓު މެދުވެރިކޮށް، ޕާޓްނަރުންގެ އިތުބާރު ލިބޭ ފަދަ ގާބިލު މަދަނީ ޖަމިއްޔާތަކެއް ރާއްޖޭގައި އުފައްދައި، އާއްމުންނަށާއި ޚާއްސަ ގޮތެއްގައި ފަގީރުންނަށް ޖަމިއްޔާތަކުން ދެމުންދާ ޚިދުމަތައް އިތުރަށް ފުޅާކުރުން ކަމަށް ވެސް ބުނެފައިވެ އެވެ.
މި ޕްރޮޖެކްޓަށް ޚަރަދުކުރާނީ ފަސް ލައްކަ ނުވަދިހަ ފަސްހާސް ޑޮލަރު ކަމަށް ޔޫއެންޑީޕީން ބުންޏެވެ. އެއީ ގާތްގަނޑަކަށް 7.6 މިލިއަން ރުފިޔާ އެވެ.
#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#