ރާއްޖޭގެ މައި ގޭޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ދިނުމަކީ ވިޔަފާރީގެ މުއާމަލާތެއް ކަމަށް ވިޔަސް އެއީ ސިޔާސީ ގޮތުން ވެސް ހޫނު ގަދަ ބަހުސެވެ. އެއާޕޯޓް ޖީއެމްއާރާއި ހަވާލުކޮށް މިވީ ދުވަސްތަކުގައި ޖީއެމްއާރުގެ ކޮންމެވެސް މައްސަލައެއް އަބަދުވެސް އޮންނަނީ ފެންމަތިވެފަ އެވެ. އެ މައްސަލަތައް އޭރު ނަމަ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އޮއްބާލަނީ އެވެ. މިހާރު ކުޑަކޮށް ތަފާތުވިޔަސް އެންމެ ހިނގާ އެއް މައްސަލައަކީ ޖީއެމްއާރްގެ މައްސަލަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ޖީއެމްއާރާއި ދެމެދު ހިޔާލު އެއްގޮތެވެ. ސަރުކާރު ވެސް އޭރު ވާހަކަ ދެއްކީ ޖީއެމްއާރުގެ އިންޓްރެސްޓްގަ އެވެ. އެހާރާއި މިހާރާ ހުރި ތަފާތަކީ ޖީއެމްއާރުގެ އިންޓްރެސްޓަށް ކޮންމެ ކަމެއް ނިމިގެން ނުދިޔުމެވެ. ސަރުކާރާއި ޖީއެމްއާރާއި ދެމެދު ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ.

"ޖީއެމްއާރުގެ މައްސަލަތައް މިހާރު އެ ހުރީ ވަރަށް ހޫނު ހިސާބެއްގައި، ހަމަ ދޮންވެފައި، ރައީސް ޕާޓީތަކުގެ މަޝްވަރާ ވެސް އެކަމުގައި އެ ހޯއްދެވީ މަޝްވަރާތަކުން އަލިމަގެއް ނުފެނުމުން،" ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އެންމެ ބޮޑު މައްސަލައަކީ އޭޑީސީގެ 25 ޑޮލަރު ކޮންސެޝަންފީން ކަނޑާ މައްސަލަ އެވެ. އެ މައްސަލަ ހައްލުނުވެ ވަނިކޮށް އަދި ވަނީ އެހެން އައު މައްސަލައެއް ފެންމަތިވެފަ އެވެ. ސިވިލޭވިއޭޝަންގެ ހުއްދައެއް ނެތި ޖީއެމްއާރުން އެ އާޕޯޓުގެ އިންފްރާސްޓަކްޗާއަށް ބަދަލުތަކެއް ގެނައުމެވެ. އެކަމުގައި ސަރުކާރު ހިތް ހަމަ ނުޖެހޭ ނޫނީ ގަބޫލު ނުކުރާ ކަންތައްތަކެއް ހުރުމެވެ. މިއީ ހައްތަހާ ވެސް މައްސަލަ އެވެ. އަދި ޖީއެމްއާރަށް ކުރެވޭ ތުހުމަތުތައް ހުރީ މާމަތީގަ އެވެ. ބައެއް ސިޔާސީ ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި ޖީއެމްއާރުން ވަނީ ބިޑިން ޕްރޮސެސްގެ ތެރެއަށް ވެސް ނުފޫޒު ފޯރުވައިފަ އެވެ.

އެ ހުރިހާ ތުހުމަތަކީ ވެސް މާޒީ އެވެ. އަދި ޖީއެމްއާރުން އެހުރިހާ ވާހަކަތަކަށް ވެސް ދޭ ރައްދެއް އޮވެ އެވެ. އެ މީހުންނަކީ ވިޔަފާރި ކުންފުންޏެއް ކަމާއި މަސައްކަތް ކުރަނީ ވިޔަފާރީގެ އިންޓްރެސްޓް ކުރިއަށް ނެރެގެން ކަމެވެ.

"އަހަރުމެން ސިޔާސީ ވާހަކަތަކަށް އަޅައެއް ނުލަން، އަހަރެމެން ކުރަނީ ވިޔަފާރި، ވިޔަފާރިޔާގެން ކުރިއަށް ގޮސް ދިވެހިންނަށް އެއާޕޯޓެއް ފޯރުކޮށްދިނުން އަހަރުމެންގެ ބޭނުމަކީ، އެ މަސައްކަތް އަހަރުމެން މި ކުރަނީ،" ޖީއެމްއާރްގެ ޗީފް ޑިވެލޮޕްމަންޓް އޮފިސާ ރިޗަޑް މެރިޑިކް ވިދާޅުވި އެވެ.

ރިޗަޑްގެ ވާހަކަ އެހެން ހުއްޓަސް ގަބޫލު ކުރަންޖެހޭ އެހެން ހަގީގަތެއް ވެސް އެބައޮތެވެ. ފޮރިން އިންވެސްޓްމަންޓަކަށް ވުމުން އޭގައި އެކުލެވޭ ޝަރުތުތަކެވެ. ޖީއެމްއާރާއި ސަރުކާރާއި ދެމެދު ހުރި ހިޔާލު ތަފާތުވުންތަކަށް ސިޔާސީ އަދި ވިޔަފާރީގެ ހައްލެއް ބޭނުންވާ ކަމެވެ. އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަން ވެސް އެކަން ގަބޫލުކުރައްވަ އެވެ. އެންޑްރޫ ވިދާޅުވި ގޮތުގައި އޭޑީސީގެ މައްސަލައަށް އޮތް ހައްލަކީ މަޖިލީހުގެ ތެރެއިން ގޮތެއްް ނިންމުމެވެ. އެގޮތަކަށް ޖީއެމްއާރުވެސް އިހުތިރާމް ކުރާނެ އެވެ.

"އެ މައްސަލައަށް އަޅުގަނޑުމެން އޮންނާނީ ހައްލުތަކެއް ހުށަހަޅާފައި، ކުރީ ސަރުކާރުގެ ވެސް މި ސަރުކާރަށް ވެސް ދިވެހިންގެ އަތުން އޭޑީސީ ނެގުން މައްސަލައަކަށް ވެފައި އޮތީ، ދެން އަޅުގަނޑުމެން އޭގައި ދެ ގޮތެއް ޕްރޮޕޯޒްކޮށްފައި އޮންނާނީ، އެހެންވީމަ ދެން ސަރުކާރުން އެ ފޮނުވައިގެން، މަޖިލީހުން ގޮތެއް ހޯދަން ޖެހޭނީ، އެއީ މި މައްސަލައަށް އޮތް ހައްލަކީ،" އެންޑްރޫ ވިދާޅުވި އެވެ.

ސަރުކާރާއި ޖީއެމްއާރާ ދެމެދު ފެށުނު ވާހަކަތައް ވެސް އޮތީ ބުރަކި ޖެހިފަ އެވެ. އެކަމަކު ސަރުކާރުން އެކަމުގައި އަދިވެސް މާޔޫސެއް ނުވެއެވެ. ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައިވަނީ ޖީއެމްއާރުން އޭޑީސީގެ ގޮތުގައި ލިބެންޖެހޭ ފައިސާއަކީ ސަރުކާރަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށެވެ. އެކަމަކު އެއީ މަޝްވަރާގެ އުސޫލުން ސިޔާސީ ނުފޫޒުން އެއްފަރާތް ވެގެން ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.

"ސަރުކާރުން އަދިވެސް މަޝްވަރާގެ ތެރެއިން ގޮތްތަކެއް ހޯދޭތޯ މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޖީއެމްއާރުގެ މައްސަލައިގައި ހުރި ގާނޫނާއި ގަވާއިދާއިހިލާފު ކަންތައްތަކަށް ސަރުކާރުން ރިއާޔަތް ކުރާނެ،" ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވި އެވެ. "ރައީސް ސިޔާސީ ޕާޓީތަކާ ވެސް އެ މައްސަލައިގައި މަޝްވަރާކުރައްވާނެ، އެކި ގޮތްގޮތުން އެކަމުގައި ހައްލު ހޯދައިދެވޭތޯ މަސައްކަތް ކުރައްވާނެ،"

މިއީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ގޮތެވެ. ނަމަވެސް އެންޑްރޫ އިއްޔެ ވިދާޅުވި ގޮތުގައި ރަސްމީ މަޝްވަރާތަކެއް ސަރުކާރާއެކު ކުރިއަކަށް ނުދެ އެވެ.

"އަޅުގަނޑުމެންގެ މެދުގައި މުއާމަލާތްތައް ނެތީއެއް ނޫން މި ދަންނަވަނީ، ވަކި ހާއްސަ އޮފިޝަލް މަޝްވަރާތަކެއް މިހާރު ކުރިއަކަށް ނުދެއޭ. އެކަމަކު އެކި އިޝޫތަކުގައި ސަރުކާރާއި އެހެނިހެން ވެސް އިދާރާތަކާއި މަޝްވަރާ ކުރަމުން އަބަދުވެސްދޭ" އެންޑްރޫ ވިދާޅުވި އެވެ.

ހިޔާލު ތަފާތުވުންތަކެއްގައި ސަރުކާރާއި ޖީއެމްއާރުގެ ގުޅުން ހީނަރު ވެސް ވެދާނެ އެވެ. އެކަމަކު ރައީސް ވަހީދު ވިދާޅުވެފައި ވަނީ ޖީއެމްއާރުގެ އެގްރިމެންޓެއް ސަރުކާރު އިހުތިރާމް ކުރާނެ ކަމެވެ.

ޖީއެމްއާރް ވަނީ ހުޅުލޭގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ފަށާފަ އެވެ. އާ ޓާމިނަލާއި ހުރި ޓާމިނަލް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތެވެ. އެ ޕްރޮޖެކްޓްތަކަށް 511 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ޖީއެމްއާރުން ލަފާކުރެ އެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ޖީއެމްއާރާއި ފުރުސަތާއި ވަގުތު ބޭނުންވެ އެވެ.

"އަޅުގަނޑުމެން އެއްވެސް ކަމެއް މަޑު ޖައްސަލާފައި ބާއްވާކަށް ބޭނުންމެއް ނޫން، އަޅުގަނޑުމެންގެ ޑިވެލޮޕްމަންޓް ޕްލޭންތައް އެ އޮންނަ ގޮތައް ކުރިއަށް ގެންދާނަން، އެކަމަށް އަޅުގަނޑުމެން ވަގުތު ނަގާނެ، ފުރުސަތު ބޭނުންވާނެ،" އެންޑްރޫ ވިދާޅުވި އެވެ.

ކޮންމެ ގޮތަކަށް ކޮންމެ އުސޫލަކުން މާޒީގައި ކަންވެފައި އޮތަސް ޖީއެމްއާރުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވެ އެވެ. އެ މައްސަލަ ވަކިކޮޅެއްގައި ނުޖެހޭނަމަ އެއީ ރާއްޖެއަށް އޭގެ ގެއްލުން ފޯރަފާނެ ކަމެކެވެ.