01 Jul 2012, 09:13
ބެއިޖިން (ޖޫން 30) ތިން އެސްޓްރޮނޯޓުންނާ އެކު މި މަހުގެ 16 ވަނަ ދުވަހު ޗައިނާ އިން ޖައްވަށް ފޮނުވާލި އުޅަނދު ޖައްވުގައި 13 ދުވަސް ހޭދުކޮށް ބޮޑެތި ދިރާސާތަކެއް ކުރުމަށް ފަހު އެނބުރި ބިމަށް އަތުވެއްޖެވެ.
ޗައިނާގެ ރަސްމީ ޓީވީ ޚަބަރުދޭ ގޮތުގައި ޝެންޒޫ- 9 ގެނަމުން ނަން ދީފައިވާ އުޅަނދު ބިމަށް ތިރިކޮށްފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެ ޤައުމުގެ ހަނަފަސް ސަހަރާ ސަރަޙައްދެއް ކަމަށްވާ އިނާމެންގޯލިޔާ އަށެވެ. މިއުޅަނދު ބިމަށް ތިރިކޮށްފައި ވަނީ ބިޔަ ވައިކުޑައެއްގެ އެހީގަ އެވެ.
މި މަހުގެ 16 ވަނަ ދުވަހު ޗައިނާ އިން ޖައްވަށް ފޮނުވާލި ޝެންޒޫ- 9 އުޅަނދު އެނބުރި ބިމަށް އައީ އެ އުޅަނދު ޖައްވަށް ފޮނުވި މަޤްސަދް ކަމަށްވާ މިދިޔަ ސެޕްޓެމްބަރު މަހު އެޤައުމުން ޖައްވަށް ފޮނުވާފައިވާ "ތިޔާންޖޮންގް1" ޖައްވީ އުޅަނދާ ޖައްވުގައިގުޅި އެކަތިގަނޑަކަށްވުމަށް ފަހު ފަޒާއާބެހޭ ޚާއްސަ ދިރާސާތަކެއް ކުރުމުގެ މަޤްސަދް ޙާސިލްކުރުމަށްފަހުގައި ކަމަށް ޗައިނާގެ ރަސްމީ ޓީވީ ބުނެ އެވެ. މިދިރާސާތައް ކުރުމުގައި 13 ދުވަސް ޗައިނާގެ މިތިން އެސްޓްރޮނޯޓުން ހޭދަކޮށްފައިވެ އެވެ.
ޝެންޒޫ- 9ގައި ޗައިނާ އިން ޖައްވަށް ފޮނުވި އެސްޓްރޮނޯޓުންގެ މިޝަންގައި އަންހެނަކު ވެސް ހިމެނެ އެވެ. ޗައިނާއަކީ ރަޝިޔާއާއި އެމެރިކާ ފިޔަވައި އަންހެނަކު ޖައްވަށް ފޮނުވި ފުރަތަމަ ޤައުމެވެ. ޗައިނާގެ މިމަސައްކަތަކީ ފަޒާގައި ދާއިމީ ޢިލްމީ ސްޓޭޝަނެއް ބިނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ބައެއްކަމަށް އެޤައުމުން ބުނެ އެވެ. ޗައިނާ ގެންދަނީ 2020 ގެކުރިން ފަޒާގައި ދާއިމީ ސްޓޭޝަނެއް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ޖައްވީ އުޅަނދު ޝެންޒޫ- 9 އޭގެ މަސައްކަތް ނިންމުމަށް ފަހު އެނބުރި ދުނިޔެ އަށް އައިސް ބިމަށް ތިރިކުރުމުން އެޤައުމުގެ ބޮޑުވަޒީރު ވެން ޖިއާބާއޮ ވިދާޅުވީ މިއީ ފަޒާގެ ދިރާސާތަކުގައި ޗައިނާ ހޯދި ފަޚްރުވެރި ކާމިޔާބީއެއް ކަމުގަ އެވެ.
ޗައިނާއަކީ ފަޒާއަށް އިންސާނަކު ފޮނުވުމުގެ ޤާބިލްކަން މިހާތަނަށް ހޯދި ތިންވަނަ ޤައުމެވެ. އެންމެ ފުރަތަމަ ޖައްވަށް އިންސާނަކު ފޮނުވީ 1960ގެ އަހަރުތަކުގައި ކުރީގެ ސޮވިއެޓް ޔުނިޔަން ކަމަށްވާ ރޫސީވިލާތުންނާއި އެމެރިކާއިންނެވެ. ޗައިނާ އިން ފަޒާއަށް އިންސާނަކު ފޮނުވީ 2003 ވަނަ އަހަރުގައެވެ. (ނޫސްއެޖެންސީތައް)