ބެއިޖިން (ޖޫން 30) ތިން އެސްޓްރޮނޯޓުންނާއެކު މިމަހުގެ 16 ވަނަ ދުވަހު ޗައިނާއިން ޖައްވަށް ފޮނުވާލި އުޅަނދު ޖައްވުގައި 13 ދުވަސް ހޭދުކޮށް ބޮޑެތި ދިރާސާތަކެއް ކުރުމަށްފަހު އެނބުރި ބިމަށް އަތުވެއްޖެވެ.

ޗައިނާގެ ރަސްމީ ޓީވީ ޚަބަރުދޭގޮތުގައި ޝެންޒޫ- 9 ގެނަމުން ނަން ދީފައިވާ އުޅަނދު ބިމަށް ތިރިކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެޤައުމުގެ ހަނަފަސް ސަހަރާ ސަރަޙައްދެއް ކަމަށްވާ އިނާމެންގޯލިޔާއަށެވެ. މިއުޅަނދު ބިމަށް ތިރިކޮށްފައިވަނީ ބިޔަ ވައިކުޑައެއްގެ އެހީގައެވެ.

މިމަހުގެ 16 ވަނަ ދުވަހު ޗައިނާއިން ޖައްވަށް ފޮނުވާލި ޝެންޒޫ- 9 އުޅަނދު އެނބުރި ބިމަށް އައީ އެއުޅަނދު ޖައްވަށް ފޮނުވި މަޤްސަދް ކަމަށްވާ މިދިޔަ ސެޕްޓެމްބަރު މަހު އެޤައުމުން ޖައްވަށް ފޮނުވާފައިވާ "ތިޔާންޖޮންގް1" ޖައްވީ އުޅަނދާ ޖައްވުގައިގުޅި އެކަތިގަނޑަކަށްވުމަށްފަހު ފަޒާއާބެހޭ ޚާއްސަ ދިރާސާތަކެއް ކުރުމުގެ މަޤްސަދް ޙާސިލްކުރުމަށްފަހުގައި ކަމަށް ޗައިނާގެ ރަސްމީ ޓީވީ ބުނެ އެވެ. މިދިރާސާތައް ކުރުމުގައި 13 ދުވަސް ޗައިނާގެ މިތިން އެސްޓްރޮނޯޓުން ހޭދަކޮށްފައިވެ އެވެ.

ޝެންޒޫ- 9 ގައި ޗައިނާއިން ޖައްވަށް ފޮނުވި އެސްޓްރޮނޯޓުންގެ މިޝަންގައި އަންހެނަކުވެސް ހިމެނެއެވެ. ޗައިނާއަކީ ރަޝިޔާއާއި އެމެރިކާ ފިޔަވައި އަންހެނަކު ޖައްވަށް ފޮނުވި ފުރަތަމަ ޤައުމެވެ. ޗައިނާގެ މިމަސައްކަތަކީ ފަޒާގައި ދާއިމީ ޢިލްމީ ސްޓޭޝަނެއް ބިނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ބައެއްކަމަށް އެޤައުމުން ބުނެ އެވެ. ޗައިނާ ގެންދަނީ 2020 ގެކުރިން ފަޒާގައި ދާއިމީ ސްޓޭޝަނެއް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ޖައްވީ އުޅަނދު ޝެންޒޫ- 9 އޭގެ މަސައްކަތް ނިންމުމަށްފަހު އެނބުރި ދުނިޔެއަށް އައިސް ބިމަށް ތިރިކުރުމުން އެޤައުމުގެ ބޮޑުވަޒީރު ވެން ޖިއާބާއޮ ވިދާޅުވީ މިއީ ފަޒާގެ ދިރާސާތަކުގައި ޗައިނާ ހޯދި ފަޚްރުވެރި ކާމިޔާބީއެއް ކަމުގަ އެވެ.

ޗައިނާއަކީ ފަޒާއަށް އިންސާނަކު ފޮނުވުމުގެ ޤާބިލްކަން މިހާތަނަށް ހޯދި ތިންވަނަ ޤައުމެވެ. އެންމެ ފުރަތަމަ ޖައްވަށް އިންސާނަކު ފޮނުވީ 1960 ގެ އަހަރުތަކުގައި ކުރީގެ ސޮވިއެޓް ޔުނިޔަން ކަމަށްވާ ރޫސީވިލާތުންނާއި އެމެރިކާއިންނެވެ. ޗައިނާ އިން ފަޒާއަށް އިންސާނަކު ފޮނުވީ 2003 ވަނަ އަހަރުގަ އެވެ. (ނޫސްއެޖެންސީތައް)