ޤާހިރާ (ޖޫން 30) : މިސްރުގެ ރައީސުލްމުންތަޚަބް ޑރ. މުޙައްމަދު މަރްސީ ރައީސް ކަމުގެ ޤާނޫނީ ހުވާކުރައްވައިފި އެވެ.

މިސްރުގެ ޕާލަމެންޓް އުވާލުމަށް އެޤައުމުގެ ދުސްތޫރީ އެންމެ މަތީ ކޯޓުން ޙުކުމްކޮށްފައިވާތީ ޑރ. މަރްސީ ވެރިކަމުގެ ހުވާކުރެއްވީ ދުސްތޫރީ އެންމެމަތީ ކޯޓުގެ ޖެނެރަލް އެސެމްބްލީގެ ކުރިމަތީގަ އެވެ. މިއެސެމްބްލީގައި ހިމެނެނީ ޤާނޫނީ މުސްތަޝާރުންގެ 18 ތަޖްރިބާކާރުންގެ އިތުރުން އެކޯޓުގެ ކޮމިޝަނަރުންނެވެ. ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު މިސްރުގެ ޕާލަމެންޓްގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ އަދި އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ޤައުމާ މުޚާބަތު ކުރެއްވުމަށްޓަކައި މުރްސީ ވަނީ ޤާހިރާ ޔުނިވާސިޓީއަށް ވަޑައިގެންފަ އެވެ.

މިސްރުގެ އައްޝަރްޤިއްޔާ ގަވާނޭޓްގެ އަލްޢަދްވާ ވިލެޖްގެ ދަނޑުވެރި ޢާއިލާއަކަށް ޑރ. މަރްސީ އުފަންވެވަޑައިގެންފައިވަނީ 1951 ވަނަ އަހަރުގަ އެވެ. ސްކޫލް ދައުރުގައި މަރްސީ ކީރިތި ޤުރްއާން ހިތުދަސްކުރެއްވި އެވެ. ސްކޫލް ދައުރު ނިންމަލާލެއްވުމަށްފަހު ޤާހިރާ ޔުނިވަރސިޓީއަށް ވެދެވަޑައިގެން 1975 ގައި އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލްކުރެއް ވިއެވެ. އެއަށްފަހު މިސްރު ސިފައިންގެ ކެމިކަލްހަތިޔާރާބެހޭ ޔުނިޓްގައި އޮފްސަރެއްގެ ގޮތުން އެއް އަހަރު ވަންދެން ޑރ. މަރްސީ ޚިދްމަތް ކުރެއްވި އެވެ.

ނަވާރުސަތޭކަ ހަތްދިހަ އަށެއްގައި ޤާހިރާ ޔުނިވަރސިޓީން މެޓެލާޖިކަލް އިންޖިނޭރިންގެ ރޮނގުން މާސްޓާރސް ހެއްދެވުމަށްފަހު 1982 ގައި ފަޒާގެ އިންޖިނޭރިންގެ ރޮނގުން އެމެރިކާގެ ކެލިފޯނިޔާ ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލްކުރެއްވި އެވެ. އެއަށްފަހު އެމެރިކާއާއި މިސްރާއި ލީބިޔާގެ ބައެއް ޔުނިވަރސިޓީތަކުގައި އިންޖިނޭރިން ގެ ޕްރޮފެސަރެއްގެ ގޮތުން ކިޔަވާދެއްވުމުގައި ޑރ. މަރްސީ އަހަރުތަކެއް ހޭދަކުރެއްވި އެވެ.

ޑރ. މަރްސީ ސިޔާސީ މައިދާނަށް ވަދެވަޑައިގެންނެވީ 1977 ގައި މިސްރުގެ އަލްއިޚްވާނުލްމުސްލިމީން ޖަމާއަތުގެ މެންބަރަކަށް ވެވަޑައިގެންނެވެ. ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމުގައި ޑރ. މަރްސީ އެތަށް ފަހަރަކު ޖަލަށްލާފައިވެ އެވެ. ޑރ. މަރްސީ މިސްރުގެ ޕާލަމެންޓް މެންބަރަކަށް އިންތިޚާބުވެވަޑައިގެންނެވީ 2000 ވަނަ އަހަރު އެވެ. ޑރ. މަރްސީގެ އަނބިކަނބަލަކާއި 5 ބޭފުޅުން ތިއްބަވަ އެވެ. އޭގެތެރޭގައި ހިމެނެނީ 4 ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ. މީގެއިތުރުން ތިން ކާފަދަރިންވެސް ލިބިވަޑައިގެންފައިވެ އެވެ. (އަލްޖަޒީރާ)