ދިވެހި ރުފިޔާ ލިޔުމުގައި ބޭނުންކުރާ ކޯޓު "އެމްވީއާރަށް" ބަދަލުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމައިފި އެވެ.

މީގެ ކުރިން ރުފިޔާ ލިޔުމުގައި ބޭނުން ކުރާ ރަސްމީ ކޯޑަކީ "އެމްއާރުއެފް" އެވެ.

އެމްއެމްއޭއިން ރުފިޔާގެ ރަސްމީ ކޯޑު ބަދަލުކޮށްފައިމިވަނީ އެ ބޭންކަށް 31 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެންނެވެ.
އެ ބޭންކުން މިރޭ ބުނީ ރުފިޔާގެ ރަސްމީ ކޯޑު ބަދަލުކުރީ ދުނިޔޭގެ ފެންވަރުގައިވެސް ރުފިޔާގެ ކޯޑަކީ އެމްވީއާރު ކަމުގައި ވާތީ ކަމަށެވެ.

"މަރުކަޒީ ބޭންކުތަކުންނާއި ބޭރާއި އެތެރޭގެ ބޭންކުތަކުންވެސް ދިވެހި ރުފިޔާގެ އިނގިރޭސީ ހަމަޖައްސާފައިވަނީ އެމްވީއާރު ކަމުގައި ވާތީ އެވެ،" އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.

ރުފިޔާގެ ރަސްމީ ކޯޑު ބަދަލުކުރި ނަމަވެސް އިނގިރޭސި ބަހުން ލިޔާއިރު ލިޔާނީ "މޯލްޑިވިއަން ރުފިޔާ" އަދި"މޯލްޑިވިއަން ލާރި" ކަމަށްވެސް އެ ބޭންކުން ބުންޏެވެ.