00:20


ފުލުހުންނާ މެދު އިތުބާރު ގެއްލިފައިވާ މިދަނޑިވަޅުގައި ޤާނޫނުތަކަކުން ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބިދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.


ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލާއި، ގޭންގް ކުށްތައް މަނާ ކުރުމުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުހެ ޖަލްސާގައި ކުރިއަށްދިޔައިރު، ބައެއް މެންބަރުން ވިދާޅުވީ، މި ދެ ބިލު ގާނޫނަކަށް ވެގެންދާއިރު، މި ގާނޫނުން ފުލުހުންނަށް ބޮޑެތި ބާރުތަލެއް ލިބިފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.


ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބް ވިދާޅުވީ، ފުލުހުން ކަންތައް ކުރަމުންދާ ގޮތުން ފުލުހުންގެ އިތުބާރު ގެއްލިފައިވާކަމަށެވެ. އަދި މިފަދަ ބާރުތަކެއް ފުލުހުންނަށް ދިނުމުން އެ ބާރުތައް ބޭނުންކުރާނެ ގޮތަކާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވެ އޭނާއާ ދޭތެރޭ ފުލުހުން ކަންތައް ކޮށްފައިވާ ގޮތް މަޖިލީހަށް ވިދާޅުވެދެއްވި އެވެ.


ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، މި ގާނޫނާ ހިލާފްވާ އަމަލުތައް ނުހުއްޓުވެނީ މަޖިލީހުން ހަދަންޖެހޭ ގާނޫނުތައް ނަހަދައިގެން ކަމަށް ބުނެ އެކި ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ބޮލުގައި އިލްޒާމް އަޅުވަމުންދާ ކަމަށެވެ. އަދި ގާނޫނު ހެދިގެން ދާއިރު ގާނޫނާ ހިލާފްވާ ފަރާތްތަކާ މެދު ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅު ނޭޅޭނަމަ މިފަދަ ގާނޫނުތައް ހެދުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.