30 Jun 2012, 20:15
ހުޅުލޭގެ އިރުދެކުނު ބިން ހިއްކައިގެން ޖީއެމްއާރުން ހަދާ އައު ޓާމިނަލް އިމާރާތުގެ މަސައްކަތް ފެށީ ސިވިލޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ނެތި އެއާޕޯޓުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އަންގާފައި ވަނިކޮށް އެ ހުއްދަ ނުހޯދައި ކަމަށް ޓްރާންސްޕޯޓް މިނިސްޓާ ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިން އާ ވާހަކަދައްކަވަމުން ޑރ. ޝަމްހީދު މިއަދު ވިދާޅުވީ އެއާޕޯޓަށް ބަދަލެއް ގެންނަން ވާނީ އަދި އެއާޕޯޓުގައި އައު މަސައްކަތެއް ފަށަންވާނީ ސިވިލްއޭވިއޭޝަންގެ ހުއްދަ ހޯދައިގެން ކަމަށް ޖީއެމްއާރަށް އެންގީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. ޑރ. ޝަމްހީދު ވިދާޅުވީ އޭވިއޭޝަންގެ ގަވާއިދުގެ ދަށުން އަދި ޖީއެމްއާރުން ވެފައިވާ ކޮންސެޝަން އެގްރިމަންޓްގެ ދަށުންވެސް އެއާޕޯޓުގެ ސްޓްރަކްޗާއަށް ގެންނަ ބަދލުތައް އެޕްރޫވް ކުރަން ޖެހޭ ކަމަށެވެ.
"އެ ބޭފުޅުންނާއި އެކު ވެފައިވާ ކޮންސެޝަން އެގްރިމަންޓުގެ ދަށުންވެސް އެ ހުއްދަ ހޯދަން އެބަ ލާޒިމް ކުރޭ، އަދި ސިވިލްއޭވިއޭޝަންގެ ގަވާއިދުންވެސް އެގޮތައް އެކަން ކުރަންޖެހެނީ، އަދި އެގްރިމެންޓެއް ކުރެވިފައި އޮތަސް އެއީ އެގޮތައް އޭވިއޭޝަންއާ ގުޅުން ހުރި ކަންކަމުގައި މަސައްކަތްތައް ކޮށެއް ނުހެދޭނެ، އަޅުގަނޑުމެން އެބޭފުޅުންނަށް އެގޮތައް އޮންނާނީ އަންގަންވެސް އަންގާފައި،" މިނިސްޓާ ވިދާޅުވި އެވެ.
ޖީއެމްއާރުން 55000 އަކަމީޓަރުގެ ބޮޑު ޓާމިނަލްގެ މަސައްކަތް ފެށީ މި މަހުގެ ފުރަތަމަ ހަފްތާގައި ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ އިމާރާތުގެ ބިންގާ އެޅުމުގެ މަސައްކަތް ވަނީ މިހާރުވެސް ނިމުމާއި ގާތްވެފަ އެވެ. އެތަން މިއަދު ވަނީ ނޫސްވެރިންނަށްވެސް ދައްކާލައިފަ އެވެ.
އެ އިމާރާތް އެޅުމަށްޓަކައި ޖީއެމްއާރުން އަންނަނީ ހުޅުލޭގެ ބިމަށް ދެ މިލިއަން އަކަ މީޓަރުގެ ބިން އިތުރު ކުރަމުންނެވެ. އޭގެ ތެރެއިން 800000 އަކަމީޓަރުގެ ބިން މިހާރުވެސް ވަނީ ހިއްކާ ނިންމައިފަ އެވެ.
ވައިގެ ދަތުރުފަތުރުގެ ހުރިހާ ކަމެއް ބަލަހައްޓާ މިނިސްޓާ ޑރ. ޝަމްހީދު އެގޮތައް ވިދާޅުވި ނަމަވެސް އެއާޕޯޓުގެ ސީއީއޯ އެންޑްރޫ ހެރިސަން މިއަދު ވިދާޅުވީ އެއާޕޯޓުގެ އައު ޓާމިނަލް ބިލްޑިންގު އެޅުމަށް ބޭނުންވާ ހުއްދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހޯދާފައި ކަމަށެވެ.
މިނިސްޓާ ވިދާޅުވީ ޓާމިނަލްގެ މަސައްކަތް ހުއްދަ ނުހޯދައި ފަށާފައިވާތީ ޖީއެމްއާރާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"އެ މަސައްކަތް އެގޮތައް ކުރެވޭ ގޮތަކަށް ނޫން އޮންނަނީ، އެހެންވެ އެކަމުގައި ފިޔަވަޅު އަޅާނަން،" މިނިސްޓާ ވިދާޅުވި އެވެ.
ސަން އޮންލައިންއަށް މިނިސްޓާ މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައިވެސް ވިދާޅުވެފައި ވަނީ އައު ޓާމިނަލް އަޅަން ޖީއެމްއާރުން ނިންމާފައިވާ ސަރަހައްދުގެ ގޮތުން އެއާޕޯޓް އިތުރަށް ޑިވަލޮޕް ކުރުމުގެ ޖާގަ އެއްގޮތަކަށްވެސް ނޯންނާނެ ކަމަށެވެ.
ޖީއެމްއާރުން ނިންމާފައިވަނީ އައު ޓާމިނަލް 2014 ގައި ނިންމާ ހުޅުވައި ގޮތަށެވެ.