ޓެލްއަވީވު (6 އޮކްޓޯބަރު 2024) : އީރާނަށް ވަރަށް ވަރުގަދަ ވޭންދެނިވި ހަމަލާތަކެއް ވަރަށް އަވަހަށް ދޭނެކަމަށާއި އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަމުންދާކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ވިދާޅުވެއްޖެއެވެ.

ނަތަންޔަހޫ މިހެން ވިދާޅުވީ އިސްރާއީލުން މާދަމާ އީރާނަށް ހަމަލާ ދޭނެކަމަށް ޖާސޫސީ ރިޕޯޓްތަކުން ލަފާކޮށްފައި ވަނިކޮށެވެ.

އިސްރާއީލުގެ ކުޑަ ކެބިނެޓްގެ ބައްދަލުވުމަކަށްފަހު ނަތަންޔާހޫ ވިދާޅުވީ މުޅި މެދުއިރުމައްޗަށް ކުރިމަތިވެފައިވާ އާފާތަކީ އީރާން ކަމުގައެވެ. އީރާން ބަލިކޮށް އީރާނަށް ވާގިވެރިވާ ޖަމާއަތްތައް ނައްތާލައިގެން ނޫނީ އިސްރާއީލަށްވެ ސް އަދި މުޅި މެދުއިރުމައްޗަށް ވެސް ރައްކާތެރި ކަމެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަތަންޔާހޫ ވިދާޅުވިގޮތުގައި އީރާނަށް ހަމާލާދޭނީ އެމެރިކާއާ ކޯޑިނޭޓްކޮށްގެންނެވެ. އީރާނުގެ ހައްސާސް ހުރިހާ މަރުކަޒުތަކަކަށް ހަމަލާދޭނެ ކަމަށާއި އީރާނަށް ހަމަލާދީ އީރާން އަސްކަރީ ގޮތުން ބަލިކޮށް ނުލެވިއްޖެނަމަ ދެން އީރާން ނުކުންނާނީ ފަނާކުރަނިވި ހަތިޔާރާއެކު މާނުރައްކާކޮށް ކަމަށާއި އެ ފުރުސަތު ނުދޭނެކަމަށް ނަތަންހާޔޫ ވިދާޅުވިއެވެ.

ނަތަންޔާހޫގެ ވާހަކާގައި އިސްރާއީލު ގެންދަނީ މުޅިން އައު މެދުއިރުމައްޗެއް ބައްޓަން ކުރަމުންނެވެ. އައު މެދުއިރުމަތީގައި އިސްރާއީލަށް ނުރައްކާކުރާނެ އެއްވެސް ޖަމާއަތެއް މުސްތަގްބަލްގައި ނޯންނާނެއެވެ. އަދި އީރާންވެސް އޮންނާނީ ބަލިކަށިވެ އިސްރާއީލަށް ނުރައްކާ ކުރެވޭ ހާލަތުގައި ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ނަތަންޔާހޫ ގެ ވާހަކާގައި ފަލަސްތީނުގެ ހައްގުތަކެއް ވާކަމެއް އަދި އަސްލު މައްސަލައަކީ ފަލަސްތީނު މައްސަލަކަން ހާމަކުރުމަށް ވަނީ ފަސްޖެހިފައެވެ. އަދި އިސްރާއީލުން ޣައްޒާއާއި ލުބްނާނުގައި ހަނގުރާމައިގެ ބަދަލުގައި އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާކަމުގެ އިޝާރާތެއްވެސް އޭނާގެ ވާހަކާގައި ނެތެވެ.

އޭނާގެ ވާހަކަތައްހުރީ އިސްރާއީލުން އެތައް ފަހަރަކު އީރާނަށް ގޯނާކޮށް އީރާނުގެ އަސްކަރީ ވެރިންނާއި ސައިންޓިސްޓުން ފަދަ ބޭފުޅުނަށް ޓެރަރިސްޓް ހަމަލާދީ އެ ބޭފުޅުން އަވަހާރަކޮށްލުމަކީ ހިނގާފައިނުވާ ކަމެއްކަން ދޭހަވާފަދަ ގޮތަކަށެވެ.

އެމެރިކާގެ ރައީސް ޖޯބައިޑެން ވަނީ އީރާނުގެ ހައްސާސް މަރުކަޒުތަކުގެ ތެރެއިން ނިއުކްލިޔާ މަރުކަޒުތަކާއި ތެލާއި ގޭހުގެ މަރުކަޒުތަކަށް ހަމަލާދިނުމަށް އެމެރިކާ ތާއީދު ނުކުރާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެމެރިކާއަކީ ޣައްޒާގެ އާންމުން މެރުމާއި އިސްރާއީލުން ލުބްނާނަށް ދޭ ހަމަލާތަކާ ދެކޮޅުކަމަށްވެސް ބުނެ އަޑު ފަތުރާ ގައުމެކެވެ.

ނަމަވެސް މިގޮތަށް ވާހަކަދައްކާއިރު އެމެރިކާ ގެންދަނީ އިސްރާއީލަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު ލިބިގެންވާކަމަށް ބުނެ އިސްރާއީލުގެ ހުރިހާ ޖަރީމާތަކަކަށް ވާގިވެރިވަމުންނެވެ. އަދި ޣައްޒާއާއި ލުބްނާނަށް އިސްރާއީލުން ދޭ ހަމަލާތަކަށް ބޭނުންވާ ހަތިޔާރާއި ޖާސޫސީ ވަސީލަތްތައް ފޯރުކޮށްދެމުންނެވެ. އެހެންކަމުން އީރާނަށް ހަމަލާ ދިނުމުގެ މައްސަލާގައިވެސް އެމެރިކާގެ ބަހާއި އަމަލު ދިމައެއް ނުވެއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންވަނީ އިސްރާއީލު އީރާނާ ދެކޮޅަށް ހިންގާނެކަމަށް ބެލެވޭ އަސްކަރީ ހަރަކާތްތަކަށް އެމެރިކާ ވާގިވެރިވާނެކަން ހާމަކުރައްވާފައެވެ. އަދި އިސްރާއީލުގެ ދިފާއުގައި އެމެރިކާގެ އިތުރު ސިފައިންނާއި އަސްކަރީ މަނަވަރުތައް މެދުއިރުމައްޗަށް ފޮނުވަމުން ގެންދާކަންވެސް އޮސްޓިން ހާމަކުރެއްވިއެވެ.

އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން މިދިޔަ އަންގާރަދުވަހު އީރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކުގައި އިސްރާއީލުގެ އަސްކަރީ ދެ ބޭސްއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އިސްރާއީލުވަނީ ރަސްމީކޮށް ދާދިފަހުން އެއްބަސްވެފައެވެ. އެދެބޭސް އަކީ ލުބްނާނަށާއި ސޫރިޔާއަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް އިސްރާއީލު ބޭނުންކުރާ ދެ ބޭސްކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުން ވަނީ އިސްރާއީލުން އެގައުމަށް ހަމަލާދީނަމަ އިސްރާއީލު ހީ ނުކުރާ ވަރުގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށް ދޭނެކަމުގެ އިންޒާރު ދީފައެވެ. އަދި އީރާނުގެ އަސްކަރީ މަސްއޫލުވެރިއެއް ކަމަށްވާ މޭޖާ ޖެނެރަލް ހުސައިން ސަލާމީ ވަނީ އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތައްފަދަ މުހިއްމު އަދި ހައްސާސް ތަންތަނަށް ހަމަލާދީފިނަމަ އަންކޮންވެޝަނަލް (އާދައިގެ ހަތިޔާރު ނޫން ހަތިޔާރުތަކުން) އިސްރާއީލު އިނދަޖެހޭ ވަރުގެ ބޮޑު ރައްދެއް އިސްރާއީލަށް ދޭނެކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.

އީރާނުގެ މުހައްލިލެއް ކަމަށްވާ ޑރ. މުހައްމަދު މަރަންދީ ސްކައި ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ 2003 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އަރައިގަންނަން ތައްޔާރުވަމުން ދިޔުމާއެކު އީރާން ވަނީ އިރާގަށްފަހު އެމެރިކާ އަރައިގަންނާނީ އީރާނަށް ކަމަށް ދެކިގެން އެމެރިކާއާވެސް ހަނގުރާމަ ކުރެވޭ ފެންވަރަށް އަސްކަރީ ގޮތުން ތައްޔާރުވެފައެވެ.

މިގޮތުން މިލިޔަނަކަށްވުރެގިނަ މިސައިލާއި ރޮކެޓް އަދި އާދައިގެ ހަތިޔާރު ނޫން ހަތިޔާރުތައްވެސް އުފައްދައި އީރާނުގެ އެތަން މިތަނުގައި ބޮޑެތި ބިންގަރާސް ސިޓީތައް ހަދައި އެތަންތަނުގައި އެތަކެތި ވަނީ ރައްކާކޮށްފައެވެ. އަދި ބިމުގެ އަޑިން އެމެރިކާގެ ބޭސްތަކަށާއި ގަލްފާއި އަރަބި ކަނޑުގައި ދަތުރުކުރާ އެމެރިކާގެ އާދައިގެ މަނަވަރުތަކާއި މަތިންދާ ބޯޓު އުފުލާ މަނަވަރުތައް ފައްތާލަން ޖެހިއްޖެނަމަ އެކަންވެސް ކުރެވޭ ވަރުގެ ތަންތަން ބިނާކޮށް އީރާން ވަނީ ވަސީލަތްތަކާއި ބަރު ހަތިޔާރު އުފައްދާފައެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކުގެ ލެބޯޓްރީތައް ހުރީ އެކިތަންތަނުގެ ފަރުބަދަތަކުގެ އަޑީގައި ކަމަށާއި ހަމަލާދިން ނަމަވެސް އެތަންތަން ހަލާކުކޮށްލުމަކީ އެމެރިކާއަށްވެސް އަދި އިސްރާއީލަށްވެސް ކުރެވޭނެ ކަމެއް ނޫންކަމަށް މަރަންދީ ވިދާޅުވިއެވެ. ނަމަވެސް ނިއުކްލިޔާ މަރުކަޒުތަކުގެ ތެރެއިން ބިމުން މައްޗަށް ފެންނަން ހުރި ތަންތަން ހަލާކުކޮށްލުމަކީ ފަހަރުގައި ކުރެވިދާނެކަމެއް ކަމަށް އޭނާ ފާހަގަ ކުރައްވައެވެ.

އެތަންތަން ހަލާކު ކުރިނަމަވެސް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް މާބޮޑު ގެއްލުމެއް ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. މަރަންދީ ވިދާޅުވިގޮތުގައި ރައްދުގައި އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށްވެސް ކުރެވިދާނެ ކަމެކެވެ. އަދި އީރާނުގެ ތެލާއި ގޭހުގެ މަރުކަޒުތަކަށް ގެއްލުން ދީފިނަމަ އީރާނުން ގަލްފުގެ ހުރުމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްލާނެއެވެ. އެފަދަ ހާލަތެއްގައި ގަލްފުގެ ތެރެއިން އެއް ގައުމަކަށްވެސް ތެޔޮ ބޭރު ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާ ނޫނީ ގަލްފުގެ ގައުމަކުންވެސް އަދި އެހެން ގައުމަކުންވެސް އިސްރާއީލަށް އެހީތެރިވެއްޖެނަމަ އީރާނުން އެގައުމަކަށްވެސް ހަމަލާދޭނެއެވެ. ހަލާކުވާނަމަ ހަލާކުވެގެންދާނީ އެންމެން އެކުގައިކަމަށް މަރަންދީ ވިދާޅުވިއެވެ.