އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މިހާރު ހުރި ޓާމިނަލް ތަރައްގީ ކުރުމަށް ޖީއެމްއާރުން ކުރާ ހޭދަ 11 މިލިއަން ޑޮލަރަށްވުރެވެސް އިތުރުކޮށް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތައް ޖީއެމްއާރުން ފުޅާކޮށްފި އެވެ.

އެއާޕޯޓް ޑިވަލޮޕްކުރުމަށް ޖީއެމްއާރުން ކުރަމުން އަންނަ މަސައްކަތް އެ ކުންފުނިން ވަނީ މިއަދު ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

ރާއްޖޭގެ މައި ދޮރާށި، އައިއެންއައިއޭ ތަރައްގީ ކުރުމުގެ މަސައްކަތާ ގުޅޭ މައުލޫމާތު އެއާޕޯޓަށް ޒިޔާރަތް ކުރި ނޫސްވެރިންނަށް ދެއްވަމުން އެއާޕޯޓުގެ ސީއީއޯ އެންޑްރޫ ހެރިސަން މިއަދު ވިދާޅުވީ މިހާރު ހުރި ޓާމިނަލް ތަރައްގީކޮށް އެ ޓާމިނަލްގެ ހިދުމަތްތައް ފުޅާ ކުރުމަށް ބަޖެޓް ކޮށްފައި އޮތީ ހަތަރު މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު 11 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވާ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތަނާއި [އެއާޕޯޓާއި] ހަވާލުވި އިރު އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވީ ރިސޯޓްތަކަށް ދާ މީހުންނަށް އަޅައި ނުލެވި އެވަރަށް ހިދުމަތް ނުދެވުން، އެ ޓާމިނަލްއިން އެކަން ފުރިހަމަ ކުރެވޭ ގޮތަކަށް ނޫން އެއްގޮތަކަށްވެސް ހުރީ، އެގޮތުން ހުރި ޓާމިނަލްގެ ހިދުމަތްތަކަށް ބަދަލު ގެންނަން އަސްލު ކަޑައަޅާފައި އޮތީ ހަތަރު މިލިއަން ޑޮލަރު، އެކަމަކު އެ އަދަދު މި ވަނީ 11 މިލިއަން ޑޮލަރަށް ވުރެވެސް މައްޗަށް އަރާފައި،" އެންޑްރޫ ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުންވީ ވަގުތުން ވަގުތައްވެސް އެއާޕޯޓަށް ބޭނުންކުރާ މީހުންނަށް ފަސޭހަ ރަނގަޅު ސާވިސްތަކެއް ދެވޭނެތަނަކަށް ހަނދަން ދިވެހިން ފަހުރުވެރިވާ ތަނަކަށް ހެދުން،"

މީގެ އަހަރުތަކެއް ކުރިން އިމާރާތްކޮށްފައި ހުރި ޓާމިނަލްއަށް ގެނެސްފައި ހުރި ބަދަލުތަކުގެ ތެރޭގައި ސެކިއުރިޓީ ސްކްރީން މެޝިންތައް އިތުރުކޮށް ބެގޭޖް ބެލްޓްތައް އިތުރުކުރުމާއި އަދި އިންޓީރިއާ ޑެކަރޭޝަނަށްވެސް ވަނީ ޒަމާނީ ބަދަލުތައް ގެނެސްފަ އެވެ.

އެންޑްރޫ ވިދާޅުވީ މިހާރު ހުރި ޓާމިނަލް އައު ކުރުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރަށް ނިންމާލައި އިތުރު އައު ހިދުމަތްތަކެއް އައު ޓާމިނަލްއިން ދެވޭނެ ކަމަށެވެ. އެގޮތުން އައު ކެފޭތަކާއި އަދި ދިވެހިންނަށް ރިޓެއިލް ފިހާރަތައް ހިންގުމުގެ ޖާގަ ތަނަވަސް ވެގެންދާނެ ކަމަށް އެންޑްރޫވިދާޅުވި އެވެ. އަދި ވިދާޅުވީ ޓްރެވަލް އެޖެންސީތަކާއި ރިސޯޓުތަކުގެ ކައުންޓަރުންތައްވެސް ތަރައްގީވެގެން ދާނެ ކަމަށެވެ.

"މިހާރު ހަދަމުން މި އަންނަ ބައި ނިމި މިހާރު ހުރި ޓާމިނަލް އައުކޮށް ސެޕްޓެމްބަރު ހިސާބުގައި ނިންމާލެވޭނެ، އެގޮތުން އެއާޕޯޓުގައި އިތުރު ކެފޭތައް، މިސާލަކަށް ކޮފީ ކޯނާ އަދި ތައި މީލްސް ކަހަލަ ރެސްޓޯރަންޓް ބްރޭންޑްތައް ހުންނާނެ، އަދި ދިވެހިންނަށް ރިޓެއިލް ވިޔަފާރިތައް ހިންގަން ވެސް ތިރިން ޖާގަ ލިބޭނެ، އެއީ ގާތްގަނޑަކަށް ހަތް ފިހާރައެއް، އަދި އެއާޓެކްސީތަކަށްވެސް އައު ޓާމިނަލްއެއް ލިބޭނެ، އަދި އަލަށް އިތުރު ކުރެވޭ ބައިގައި އެއްގޮތަކަށް ޓްރެވަލް އެޖެންޓުންނާއި ރިސޯޓުތަކުގެ ކައުންޓަރުންތައް ހުންނާނީ، މިހާރު މިހުންނަ ގޮތައް ތަފާތު ގޮތަކަށް ނޫން،" އެންޑްރޫ ވިދާޅުވި އެވެ.

އެއާޕޯޓް ޑިވަލޮޕްމަންޓް ޕުލޭން ފުޅާ ކުރުމަށްވެސް އެގްރިމަންޓްގައި ނެތް ބައެއް ކަންތައްތައްވެސް ހިމެނުމަށް ޖީއެމްއާރުން މިހާރު ވަނީ ނިންމައިފަ އެވެ. އެކަންތައްތަކުގެ ތަކުގެ ތަފްސީލްދެއްވަމުން އެއާޕޯޓް ޑިވަލޮޕްމަންޓުގެ ޗީފް ޑިވަލޮޕްމަންޓް އޮފިސާ ރިޗާޑް މެރިޑިޓް ވިދާޅުވީ އެމަޖެންސީ ހާލަތެއްގައި ބޭނުން ކުރުމަށް އެމެޖެންސީ ރަންވޭއެއްގެ ގޮތުގައި ޓެކްސީވޭއެއް ހިމެނުމަށް މިހާރު ނިންމާފައިވާ ކަމަށާއި އެ ޕްލޭން މިހާރު ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމެޖެންސީ ރަންވޭ އަކީ އެގްރިމެންޓުގައި ހިމަނާފައިވާ ކަމަކަށް ނުވުމުން އެކަމަށް އިތުރަށް ފައިސާ ހޯދަންޖެހޭ ކަންވެސް ރިޗަޑް ފާހަގަ ކުރެއްވި އެވެ.

"އިތުރަށް ޖެހޭނެ ބައެއް ހިއްކަންވެސް އެމަޖެންސީ ރަންވޭއެއް، ޓެކްސީ ވޭއެއް ހަދަން، އެކަން މިހާރު ވާނީ ސަރުކާރަށް ހުށަހަޅާފައި، އަސްލު ރަންވޭއާ ދިމާލަށް އެއް އަރިމަތިން ދިގަށް އެ ޓެކްސީވޭ ހަދާނީ، އެ ޓެކްސީވޭ ވާނެ 2800 މީޓަރު ދިގު ފުޅާމިނުގައި 45 މީޓަރު ހުންނަ އެމަޖެންސީ ރަންވޭއަކަށް، އެއީ އަސްލު ރަންވޭގެ ސްޓޭންޑަޑެއް ނޫން، އެކަމަކު އެއީ ހަމަ ބޯޓުޖެއްސުމަށް ރަނގަޅު ރަންވޭއެއް،" ރިޗާޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނަށް ހިނގާ ހަރަދު އަންދާޒާ ކުރެވިފައި ނުވާ ކަމަށާއި އެ ޓެކްސީވޭ ހެދުމަށް އިތުރު ފައިސާ ބޭނުންވާނެ ކަމަށެވެ.

އައު ޓާމިނަލްގެ މަސައްކަތާ ގުޅޭ ގޮތުންވެސް މިއަދު ވަނީ ނޫސްވެރިންނަށް މިއަދު ވަނީ މައުލޫމާތު ދީފަ އެވެ. ޖީއޭޑީއެލް އިންޓަނޭޝަނަލް ލިމިޓެޑްގެ ޑެޕިއުޓީ ޗީފް ޑިވެލޮޕްމެންޓް އޮފިސަރު ވިވެކް ސިންހަލް މިއަދު ވިދާޅުވީ އައު ޓާމިނަލް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި މަހުގެ ފުރަތަމަ ހަފްތާގައި ކަމަށެވެ. ފައުންޑޭޝަންގެ ބޮޑު ބައެއް މިހާރު ވަނީ އެ ކުންފުނިން ނިންމައިފަ އެވެ.

"އިމާރާތުގެ ސްޓްރަކްޗާ އަންނަ ޖެނުއަރީއަށް ނިމޭނެ، މިއީ ރާއްޖޭގައި މި ގޮތައް ހެދޭ ފުރަތަމަ ބިލްޑިންގް، ފުރަތަމަ ފުލޯ އިންނާނީ ތިރީގައި، ހަމަ ބިމަކު ނޫން،" ވިވެކް ވިދާޅުވި އެވެ.

އައު ޓާމިނަލް އަކީ 55000 އަކަމީޓަރުގެ ބޮޑު ޓާމިނަލްއަކަށް ވާއިރު އެ ޓާމިނަލް ޑިޒައިން ކުރަނީ ގުދުރަތީ އަލި ވަންނަ ގޮތައް 70 ޕަސެންޓް ބިއްލޫރި ބޭނުންކޮށްގެންނެވެ. އައު ޓާމިނަލް ހުންނަނީ އަލަށް ހިއްކާފައިވާ ހުޅުލޭގެ އިރުދެކުނު ސަރަހައްދުގަ އެވެ. އައު ޓާމިނަލް އާ އެކު ބޯޓަށް އެރުމަށް އިލެކްޓްރޯނިކް ބްރިޗް ބެހެއްޓާ އިރު އެއާޕޯޓް ވިލެޖާއި އިތުރު ކެފޭ ހޮޓާ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"ދިވެހިންގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތައް، ރާއްޖޭގެ ގުދުރަތީ ރީތިކަން ނުގެއްލޭގޮތައް މުޅި އެއާޕޯޓްގެ އައު ޓާމިނަލް ހުންނާނީ އިމާރާތް ކުރެވިފައި،" އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެމްއާރުން ސިޔާސީ މީހުން ދައްކާ އެކި ވާހާކަތަކަށް ސަމާލުކަން ނުދޭ ކަމަށާއި އެ ކުންފުނިން މަސައްކަތް ކުރަނީ އެގްރިމެންޓުގައިވާ ގޮތައް އެއާޕޯޓުގެ މަސައްކަތްތައް ނިންމަން އޮތް ތާރީހަށް ނިންމުމަށް ކަމަށެވެ. އެގޮތުން 2014ގެ ޖުލައި މަހު އައުޓާމިނަލްގެ ހިދުމަތް ލިބޭނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

"ޖީއެމްއާރުން މަސައްކަތް ކުރަނީ ދިވެހިންނަށް ފެންވަރު ރަނގަޅު އެއާޕޯޓެއް ފޯރުކޮށްދިނުމަށް، އެގޮތުން އެގްރިމެންޓުގައި ހުރި ހުރިހާ ޑެޓްލައިންއަކަށް އިހުތިރާމް ކުރާނަން، އެއާޕޯޓްގެ މަސައްކަތްތައް މަޑު ނުޖެހި ކުރިއަށް ގޮސް ނިންމާލެވޭނެ، އެއްވެސް ކަމެއް މަޑު ޖެހިފައެއް ނުހުންނާނެ،" އެންޑްރޫ ވިދާޅުވި އެވެ. "އެއާޕޯޓަކީ ދިވެހިންގެ އެއްޗެއް، އަހަރުމެން ހަމަ އެކަނި މެނޭޖް ކުރަނީ، އެކަން އެންމެންވެސް ހަނދާން ބަހައްޓަން ޖެހޭނެ."

ޖީއެމްއާރުން ބުނީ މުޅި އެއާޕޯޓުގެ ޑިވަލޮޕްމަންޓްގެ އަގު 511 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.