30 Jun 2012, 15:52
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން އިސްނަގައިގެން ބާއްވާ ޖަމްބަލް ސޭލެއް އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވާ އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ފަށައިފި އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހުމަދު ވިދާޅުވީ މިއަދު މެންދުރު 2:00ގައި ފެއްޓި ޖަމްބަލް ސޭލް މިރޭ 12 ޖަހަންދެން ކުރިއަށްދާނެ ކަމަށާއި އެ ޖަމްބަލް ސޭލްގައި ހެޔޮއަގެއްގައި ލިބެން ހުންނާނެ ތަކެތީގެ ތެރޭގައި އަންނައުނާއި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި ކުޑަކުދިންގެ ކުޅޭ އެއްޗެއްސާއި ފަރުނީޗަރު ވެސް ހުންނާނެ ކަމަށެވެ. އަދި މިފަދަ ސޭލެއް ކުރިއަށް ގެންދަނީ އެ ޕާޓީގެ ސަޕޯޓަރުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިޔާމާ ވިދާޅުވީ އެމްޑީޕީގެ ޖަމްބަލް ސޭލުން ލިބޭ ފައިސާ ހޭދަކުރާނީ އެ ޕާޓީގެ އަންހެނުންގެ ތަރައްގީއަށާއި ސިޔާސީ ހަރަކާތްތަކުގައި އަންހެނުން ކުރިއެެރުވުމަށް ކުރިއަށް ގެންދާ އެކިއެކި ހަރަކާތްތަކުގެ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ކަމަށެވެ.
"މިފަދަ ސޭލް މިބޭއްވީ މިޕާޓީގެ އަންހެނުންގެ ސިޔާސީ ހަރަކާތްތައް ކުރިއެރުވުމަށް ބޭނުންވާ ފަންޑު ހޯދުމަށް. މީގެއިތުރުން އަންހެނުންގެ ތަރައްގީ އަށާއި ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް މި ފަންޑުން ހަރަދުކުރާނެ،" ޝިޔާމާ ވިދާޅުވި އެވެ.
މިޖަމްބަލް ސޭލްގައި ހުރި ހުރިހާ މޭޒެއް ވެސް ގަނެފައި ވަނީ ޕާޓީގެ މެންބަރުން ކަމަށާއި މިސޭލްގައި ފިހާރަތަކުން ހަދިޔާކޮށްފައި ހުރި މުޅިން އާ އެއްޗެހި ވެސް ލިބެން ހުންނާނެ ކަމަށް ވެސް އެމްޑީޕީން ބުނެފި އެވެ.