30 Jun 2012, 15:14
ސޯޅަ ވަނަ ސާކް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑް ނަގައިފި އެވެ.
އަންނަ މަހުގެ 11 އިން 14 އަށް ބަގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ މިމުބާރާތުގެ ސްކޮޑުގައި ހިމެނެނީ ހަ ކުޅުންތެރިންނެވެ. އެއީ ހަންހެން ތިން ކުޅުންތެރިންނާއި ފިރިހެން ތިން ކުޅުންތެރިންނެވެ.
މުބާރާތުގައި ވާދަކުރުމަށް ޤައުމީ ސްކޮޑަށް ނެގި ފިރިހެން ތިން ކުޅުންތެރިންނަކީ މިދިޔަ ދެ އަހަރުގެ ގައުމީ ޗެމްޕިއަން ހަސަން ނާޒިމް އާއި ގިނަ އަހަރުތަކެއްގައި ޤައުމީ ޓީމް ތަމްސީލް ކޮށްފައިވާ އަހުމަދު ހާމިދު އަދި ޤައުމީ ޓީމަށް މުޅިން އަލަށް ނެގި އާދަމް އަދީލެވެ.
ޤައުމީ ސްކޮޑަށް ނެގި އަންހެން ތިން ކުޅުންތެރިންނަކީ އެންމެ ފަހުގެ ޤައުމީ ޗެމްޕިއަން އައިޝަތު ފައިނާޒް އާއި އާމިނަތު ނިފާޝާ އަދި އައިމިނަތު ވިސާމާއެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަމުން ކެރަމް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީން ވިދާޅުވީ، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާ ކަމަށެވެ.
މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމް ޑާކާއަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
މިދިޔަ އަހަރު މާލޭގައި ބޭއްވި 15 ވަނަ ސާކް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރި ފަސް ގައުމުގެ ތެރެއިން ރާއްޖެ ދިޔައީ ތިން ވަނަ އަށެވެ.