30 Jun 2012, 15:10
ފެންޓަސީ ބޭކަރީ އިން ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ހުއްދަ ނުދީގެން އެ ކުންފުނިން ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
ފެންޓަސީގެ ވަކީލް އަބްދުﷲ ސައީދު މިއަދު ވިދާޅުވީ ސިޓީ ކައުންސިލާ ދެކޮޅަށް ކޮށްފައިވާ ދައުވާ މިދިޔަ ބުދަ ދުވަހު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ ކިހިނެއްވެން ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
"ފެންޓަސީ އިން އަޅުގަނޑަށް އެނގީ މައްސަލަ އަނބުރާ ގެންނަން. އެހެންވެ މައްސަލަ ވާނީ އަނބުރާ ގެންގޮސްފައި،" ފެންޓަސީ ވަކީލު ވިދާޅުވި އެވެ.
ފެންޓަސީ ބޭކަރީ އަލުން ހުޅުވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދިނުމުގެ ކުރިން ރައްޔިތުން ދެކޭ ގޮތް ބެލުމަށް އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ފެންޓަސީ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާ ގުޅިގެން ފެންޓަސީ ބޭކަރީ ހުޅުވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އެއްވެސް މަސައްކަތެއް ނުކުރުމުގެ ވަގުތީ އަމުރެއް އެ ކޯޓުން ނެރިފައިވެ އެވެ.
މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމުގެ ތުހުމަތުގައި މިދިޔަ އޮކްޓޯބަރު މަހު ފެންޓަސީ ބޭކަރީ ވަނީ ބަންދުކޮށް ޖޫރިމަނާ ކޮށްފަ އެވެ.
ނަމަވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ އިން މިހާރު ވަނީ ފެންޓަސީ ބޭކަރީ ހުޅުވުމުގެ ހުއްދަދީފަ އެވެ. އަދި ފެންޓަސީ ބޭކަރީން ފުރިހަމަ ކުރަން ޖެހޭ އެންމެހާ ކަންތައް ފުރިހަމަކޮށްފައިވާ ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ފެންޓަސީ ބޭކަރީ އަލުން ހުޅުވުމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ ފެންޓަސީ އަށް އަންގާފައިވެ އެވެ.
ފެންޓަސީ ބޭކަރީގެ އޮފިޝަލަކު މިއަދު ބުނީ އެ ތަން ބަންދުކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ދާނެ ކަމަށެވެ.