30 Jun 2012, 14:25
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންނާއި ލޯކަލް ގަވާންމަންޓް އެތޯރިޓީ (އެލްޖީއޭ) އިން މައިގަނޑު ގޮތެއްގައި އަމަލުކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް މިހެން ވިދާޅުވެފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާއި އެލްޖީއޭ އޮޑިޓް ކުރެއްވުމަށް ފަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފްތާގައި ނެރުއްވާފައިވާ އެ ދެ މުއައްސަސާގެ އޮޑިޓް ރިޕޯޓްގަ އެވެ. އެ ދެ މުއައްސަސާގެ އޮޑިޓް ރިޕޯޓްގައި ވެސް މާބޮޑު މައްސަލަތަކެއް އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައެއް ނުވެ އެވެ.
މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކޮށްފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ އެންމެ ކަމެކެވެ. އެއީ އެ ކޮމިޝަނަށް 2011 ވަނަ އަހަރު ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ފީގެ ގޮތުގައި ބަލައިގެންފައިވާ 68،313 ރުފިޔާގެ ޗެކްތައް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް، އެ ކޮމިޝަންގެ ތިޖޫރީގައި ބެހެއްޓި މައްސަލަ އެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބުނާ ގޮތުން ތަންތަނަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރާ ވަގުތު އޮއްވައި ލިބިއްޖެ ނަމަ އެ ފައިސާއެއް ޖަމާކުރަން ޖެހޭ އެކަންޓަކަށް ޖަމާކުރަންޖެހެ އެވެ.
އޮޑިޓް އޮފީހުން ނެރެފައިވާ އެލްޖީއޭގެ އޮޑިޓް ރިޕޯޓްގައި ލާމަރުކަޒީ ގާނޫނުގެ ދަށުން އެއޮތޯރިޓީ އިން ހަދަން ޖެހޭ ބައެއް ކަހަލަ ގަވާއިދުތައް ހަދާފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ކައުންސިލްތަކުން ހަދަން ޖެހޭ ގަވާއިދުތައް ވިލަރެސްކޮށް އެ ގަވާއިދުތައް ހުރީ އެއް އުސޫލަކުންތޯ ބަލައި ހުރިހާ ކައުންސިލްތަކަކުން އެއް ހަމައެއް ދެމެހެއްޓުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ނިންމާފައި ނުވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ރަށްރަށާއި ސިޓީތަކުން އުފައްދަން ޖެހޭ އެ ރަށެއްގެ ނުވަތަ އެ ސިޓީއެއް އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތައް އުފައްދަން ޖެހޭ އިރު 2011 ވަނަ އަހަރު ނިމުނު އިރު ވެސް އެކޮމިޓީ އުފައްދާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ކޮމިޓީ އުފެއްދުމަށް ޓަކައި ހަދަން ޖެހޭ ގަވާއިދުތައް ހަދާފައި ނެތް ކަމަށާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އެކުލަވާލުމަށް ޓަކައި ހަދަން ޖެހޭ ގަވާއިދުތައް ހެދުމަށް އެލްޖީއޭ އަށް އޮޑިޓް ޖެނެރަލް ވަނީ ލަފާދެއްވާފަ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރު ނެރުނު އޮޑިޓް ރިޕޯޓްތަކުގައި މާލިއްޔަތުގެ ގާނޫނާ ހިލާފަށް އަމަލްކޮށްފައިވާ ގިނަ މައްސަލަތަކެއް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައިވެ އެވެ.