30 Jun 2012, 14:13
އެތްލެޓިކްސް އެސޯސިއޭޝަނާއި ދިރާގުން ގުޅިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ދިރާގް ބްރޯޑް ބޭންޑް ރޯޑް ރޭސް 2012ގެ ޕްރޮފެޝަނަލް ކެޓަގަރީ އިން އެއް ވަނަ ދިވެހި ސިފައިން ކުލަބު ހޯދައިފި އެވެ.
"ކުޑަކުދިންނަށާއި އަންހެނުނަށް ކުރާ އަނިޔާ އާއި ދެކޮޅަށް" މިޝިޢާރުގެ ދަށުން އިއްޔެ ހަވީރު ދިރާގުން ބޭއްވި ރޯޑްރޭހުގެ ޕްރޮފެޝަނަލް ކެޓަގަރީން އެއް ވަނަ ހޯދާފައި ވަނީ ދިވެހި ސިފައިން ކުލަބުގެ ލ. ކޯޕްރަލް ޝިފާޒް މުޙައްމަދު އެވެ. މިއީ ޖެހިޖެހިގެން ލ. ކޯޕްރަލް ޝިފާޒް މުޙައްމަދު މިމަޤާމް ހޯދި ހަތަރު ވަނަ ފަހަރެވެ. މިމުބާރާތުގެ އަންހެނުންގެ ބައިން ޕްރޮފެޝަނަލް ކެޓަގަރީއިން އެއްވަނަ ހޯދާފައި ވަނީ ދިވެހި ސިފައިން ކުލަބުގެ ލާންސް ކޯޕްރަލް އައިޝަތު ގުރައިޝާ އެވެ. އަދި ޓީމް އިވެންޓުން އެއް ވަނަ ޓީމެއްގެ ގޮތުގައި ހޮވިފައިވަނީ ވެސް ދިވެހި ސިފައިން ކުލަބުގެ ޓީމެވެ.
މީގެ އިތުރުން ދިރާގު ބްރޯޑް ބޭންޑްރޯޑް ރޭހުގެ ޕްރޮފެޝަނަލް ކެޓަގަރީ އިން ފިރިހެން ބައިން ދެވަނަ ހޯދާފައި ވަނީ ދިވެހި ސިފައިން ކުލަބުގެ ކޯޕްރަލް އަޙުމަދު ހަސަން އެވެ. އަދި މި ކެޓަގަރީ އިން ތިން ވަނަ ހޯދާފައިވަނީ ވެސް ދިވެހި ސިފައިންގެ ކުލަބުގެ އެތުލީޓެއް ކަމަށްވާ ކޯޕްރަލް ޔައުޤޫބު އަޙުމަދު އެވެ.
ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް 2012ގައި ދިވެހި ސިފައިން ކުލަބުގެ 30 އެތުލީތުން ބައިވެރިވި އިރު މިމުބާރާތުގެ އެމެޗާ ކެޓަގަރީގެ 40 އަހަރުން ދަށުގެ އެއް ވަނަ ހޯދާފައި ވަނީ ޕްރައިވެޓް ޙަލީމަތު ޢަލީ އެވެ. އަދި އެމެޗާ ކެޓަގަރީގެ 40 އަހަރުން މަތީގެ އެއްވަނަ ހޯދާފައިވަނީ ވެސް ދިވެހި ސިފައިން ކުލަބުގެ އެތުލީޓެއް ކަމުގައިވާ ފަސްޓް ސާޖަންޓް އަޙުމަދު މުމްތާޒް މޫސާ އެވެ.
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ދިރާގުން ބާއްވަމުން އަންނަ މިރޭހުގައި ލޯފަން ޒުވާނެއް ވަނީ ފުރަތަމަ ފަހަރަށް ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް ނިންމާފަ އެވެ. ޢުމުރުން އެންމެ 28 އަހަރުގެ މުޙައްމަދު މާޒިން ގޮވައިގެން ދުވެފައި ވަނީ ކަސްރަތުގެ ދާއިރާގައި މަޝްހޫރު ހާނިމްގެ ދަރިފުޅު އުމުރުން އެންމެ 10 އަހަރުގެ މަރިޔަމް ހަޝްމާ އެވެ.