ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އެނބުރި ޤައުމަށް ދާން ޖެހުމުން މާޔޫސްވި ކަމަށް ޖަރުމަންގެ ކޯޗު ޔޯކިމް ލޯވް ބުނެފި އެވެ.

އިޓަލީ އަތުން ދެ ލަނޑު އެއް ލަނޑުން ބަލިވެ ސެމީ ފައިނަލާއި ހިސާބުން މުބާރާތާއި އަލްވަދާޢު ކިޔަން ޖެހުނު މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ލޯވް ބުނީ، މުބާރާތުން އަލްވަދާޢު ކިޔަން ޖެހުމުން މާޔޫސްވި ނަމަވެސް މުބާރާތުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުން ބަލިވި ބަލިވުން ބަލައިގަނެވޭނެ ކަމަށް ލޯވް ބުނެފައިވެ އެވެ.

"މެޗުން ބަލިވުމުން އަހަރެން މިހިރީ ވަރަށް ދެރަވެފައި. އިޓަލީ އަތުން ބަލިބި ބަލިވުމާ މެދު އަހަރުމެން އިބުރަތް ހާސިލް ކުރުން މުހިންމު. މެޗަށް ފަހު ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. ޗޭންޖިންގް ރޫމުގައި ވެސް އެއްވެސް ކުޅުންތެރިއަކު އަނގައިން ނުބެނެ ތިބީ ރޮވިފައި." ލޯވް ބުނެވެ.

ލޯވް ބުނީ، ޔޫރޯގެ އެންމެ ކާމިޔާބު ޓީމްގެ ގޮތުގައި ޖަރުމަން އޮތް ނަމަވެސް، ފުޓް ބޯޅައިގައި ނަތީޖާ ނިކުންނާނީ ގިނަ ފަހަރަށް ހީކުރާ ގޮތާ ހިލާފަށް ކަމަށެވެ. އަދި މެޗަށް ނިކުތުމުގެ ކުރިން އިޓަލީ އަކީ ބަލިޓީމެއް ކަމަށް އެއްވެސް އިރެއްގައި ނުދެކޭ ކަމަށާއި އިޓަލީގެ ހަމަލަތަކަށް ޖަރުމަނުން ސަމާލުވެ ތިބުމަށް ވެސް ކުޅުންތެރިން ގާތު ބުނެފައި ވާނެ ކަމަށް ވެސް ލޯވް ބުންޏެވެ.

"ޖަރުމަން ޓީމަކީ ފެންވަރުގެ ގޮތުން ދަށް ޓީމެއް ނޫން. އަހަރުމެން މިތިބީ ލިބުނު ނާކާމިޔާބު ގަބޫލް ކޮށްގެން،" ލޯވް ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި އެންމެ ހުނަރުވެރި ޓީމެއްގެ ގޮތުގައި ޖަރުމަން ޓީމުގެ ނަން ހިމެނުނު އިރު، ގިނަ ބަޔަކު ގަބޫލް ކުރީ ވެސް މިފަހަރުގެ މުބާރާތް ޖަރުމަނުން ކާމިޔާބު ކުރާނެ ކަމަށެވެ . އެގޮތުން ގްރޫޕް ސްޓޭޖުން ވެސް އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖަރުމަން ހޯދި އިރު، މިފަހަރުގެ ޔޫރޯ މުބާރާތުގައި އެންމެ ޒުވާން ޓީމެއް ސްކޮޑުގައި ހިމަނާފައި ވާ އެއް ޓީމަކީ ވެސް ޖަރުމަނެވެ.

ސެމީ ފައިނަލުގައި އިޓަލީ އަތުން ބަލިވެ، މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ޖަރުމަނަށް މީގެ ކުރިން ޔޫރޯ ކާމިޔާބު ކުރެވިފައި ވަނީ ތިން ފަހަރު އެވެ. އެއީ 1972ވަނަ އަހަރު ބެލްޖިއަމްގައި ބޭއްވި މުބާރާތުގައި 3-0 ލަނޑުން ޔޫއެސްއެސްއާރުގެ މައްޗަށް ކުރި ހޯދައިގެން ނެވެ. ދެވަނަ ފަހަރަށް ޖަރުމަނުން ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 1980 ވަނަ އަހަރު 1-2 ބެލްޒިއަމް އަތުން މޮޅުވެގެންނެވެ. އަދި ތިން ވަނަ ފަހަރަށް ޖަރުމަނުން ޔޫރޫ މުބާރާތް ކާމިޔާބު ކުރީ 1996 ވަނަ އަހަރު އިންގްލޭންޑުގައި ބޭއްވި މުބާރާތުގައި ޗެކްރިޕްބްލިކްއާ ވާދަކޮށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ.