19 Aug 2010, 18:41
23:45
ދައުލަތުގެ މީޑިޔާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އުފައްދަން ފާސްކުރި ގާނޫނު ތަންފީޒު ނުވެދާތީ އެކަން ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެހީތެރިކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ނިންމައި އެ ފަރާތްތަކުގައި އެދެފި އެވެ.
އެމްބީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ގާއިމު ކުރުމުގެ ގާނޫނުގެ ދަށުން އެމްބީސީ އަށް ލިބެން ޖެހޭ، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގެ ދެ ޗެނަލާއި މުދަލާއި މުވައްޒަފުންނާއި ފައިސާ ސަރުކާރުން އެމްބީސީއާ ހަވާލުނުކުރުމުގެ ސަބަބުން ދައުލަތުގެ މީޑިޔާ މިނިވަން ކުރުމަށް ފާސްކުރި ގާނޫނު ތަންފީޒުނުވެ ވާ ކަމަށެވެ. އަދި ބުނެފައި ވަނީ އެކަން ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އެހީތެރިކަން ހޯދުމަށް ވެސް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
"އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެންބަރުން މި މަސައްކަތް ކޮށްދެއްވުމަށް ވެސް މި ކޯޕަރޭޝަނުން އެ ބޭފުޅުންނަށް ދަންނަވައިފީމެވެ." ބަޔާނުގައިވެ އެވެ.
ނޫސްބަޔާނުގައި ބުނަނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕާޓީތަކުގެ ވެރިންނަށް ވަކިވަކިން މިއަދު ސިޓީ ފޮނުވާފައިވާ ކަމަށާއި އެ ސިޓީތަކުގައި އެމްބީސީގެ ބޯޑުގެ މެންބަރުންގެ މައްޗަށް ގާނޫނުން ލާޒިމުކުރާ މަސައްކަތަކަށް ހުރަސް އެޅިފައިވާތީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި ކޮށްދެއްވޭނެ ކަންކަމަކީ ކޮބައިތޯ މަޝްވަރާ ކުރުމަށް ޕާޓީތަކުގެ އިސް ވެރިންނާއި ޕާލަމެންޓްރީ ގްރޫޕްތަކުގެ އިސްވެރިން ހިމެނޭ ގޮތަށް އެމްބީސީގެ މެންބަރުންނާ އެކު ބައްދަލުވުމެއް އިންތިޒާމް ކޮށްދެއްވުމަށް އެދިފައިވާނެ ކަމަށެވެ.