އޭޝިއާ ޕެސފިކް ހުރިހާ ގައުމެއްގެ ޓޫރިޒަމްގެ ވިޔަފާރި މިދިޔަ މާޗް މަހު ރަނގަޅުވެފައިވާ ކަމަށާއި ދެކުނު އޭޝިއާ އިން ވެސް ރާއްޖެ ފިޔަވައި އެހެން ގައުމުތަކަށް ޓޫރިސްޓުން ޒިޔާރަތް ކުރި މިންވަރު 10 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.

އިންޑިޔާގެ ދަ ހިމާލަޔަން އިން މިއަދު ބުނީ ދެކުނު އޭޝިއާއާއި އޭޝިޔާ ޕެސިފިކްގެ ގައުމުތަކަށް އަންނަ ޓޫރިސްޓުން މާޗް މަހު އިތުރުވެފައިވާއިރު ރާއްޖެ އަންނަ ޓޫރިސްޓުންގެ މިންވަރު ފަސް ޕަސެންޓަށް މަދުވެފައިވާ ކަމަށެވެ.

އެ ނޫހުން އަދި ބުނީ ދެކުނު އޭޝިއާ ސަރަހައްދަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވި ނަމަވެސް ދެކުނު އޭޝިއާ ސަހަރައްދަށް ޒިޔާރަތް ކުރި މީހުންގެ އަދަދު އޭޝިއާ ޕެސިފިކް ސަރަހައްދަށް ޒިޔާރަތްކުރި މީހުންނަށް ވުރެ އެތައް ތަނަކުން މަދު ކަމަށެވެ. އެގޮތުން އޭޝިއާ ޕެސިފިކް ސަރަހައްދަށް މާޗް މަހު 860،000 މީހުން ޒިޔާރަތް ކުރި ކަމަށް އެނޫހުން ބުންނެވެ.

ރާއްޖެ ފިޔަވައި ދެކުނު އޭޝިއާގެ އެހެން ހުރިހާ ގައުމަކަށް ޓޫރިސްޓުން ޒިޔާރަތް ކުރި މިންވަރު އިތުރުވި އިރު ހާއްސަކޮށް ނޭޕާލާއި ސްރީލަންކާއަށް ޒިޔާރަތްކުރި މީހުންގެ އަދަދު އެހެން ގައުމުތަކަށް ވުރެ ގިނަ އެވެ. އެގޮތުން އެހެން ގައުމުތަކަށް ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރު އިތުރުވީ 10 ޕަސެންޓް ކަމަށް ވިޔަސް ނޭޕާލަށް ޒިޔާރަތްުކުރި މިންވަރު 37 ޕަސެންޓަށް އަދި ލަންކާ އަށް ޒިޔާރަތްކުރި މިންވަރު ވަނީ 21 ޕަސެންޓަށް އިތުރުވެފަ އެވެ.

ރާއްޖެ އަށް ޓޫރިސްޓުން އަންނަ މިންވަރު މަދުވި ކަމަށް ދިވެހިސަރުކާރުން މާޗު މަހު ބުނެފައިވެ އެވެ.