ސިޔާސީ ޕާޓީ، ޕީޕީއެމްގެ ފުރަތަމަ ގޮފި "ރަސްދޫ ރޫހު ގޮފި" މިއަދު ރަސްދޫގައި އިފްތިތާހުކޮށްފި އެވެ.

ޕީޕިއެމްގެ ކައުންސިލް މެންބަރު އަދި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ އާރިފު ވިދާޅުވީ އއ. ރަސްދޫގައި އެ ރަށުގެ ގޮފި އިފްތިތާހުކުރުން އޮތީ މިއަދު ކަމަށާއި އެ ރަސްމިއްޔާތުގައި ރަސްދޫ ރޫހު ގޮފީގެ ޖަގަހަ ހުޅުވި ކަމަށެވެ.

"މިއީ މިހާތަނަށް ޕީޕިއެމްގެ ގޮތްޕެއް ރަސްމީކޮށް އުފެދުނު ފުރަތަމަ ފަހަރު. ދެންދާނީ ގޮފިތައް އެކުލަވާލަމުން. މިއަދުގެ ރަސްމިއްޔާތު ދިޔައީ ވަރަށް ރަނގަޅަށް. ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ވެސް ބައިވެރިވި،" އަލީ އާރިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަސްދޫގެ ގޮފި އިފްތިތިތާހުކުރުމުގެ އިތުރުން ޖަގަހަ ހުޅުވައިދެއްވީ ޕީޕިއެމްގެ ވަގުތީ ނައިބު ރައީސް ފުނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ އަބުދުއް ރަހީމު ކަމަށެވެ.

ޕީޕިއެމުން ބުނެފައި ވަނީ މިހަފްތާގެ ތެރޭގައި ހއ. އަތޮޅަށް ދަތުރުތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށާއި އެ ދަތުރު ތަކުގައި ވެސް އެ އަތޮޅުގެ ބައެއް ރަށްރަށުގެ ގޮފިތައް އިފްތިތާހުކޮށްދިނުމާއި ބައެއް ރަށްރަށުގެ ޖަގަހަ ހުޅުވުން އޮންނާނެ ކަމަށެވެ.

ޕީޕިއެމުން ބުނެފައި ވަނީ އެ ޕާޓީގެ ގައުމީ ޖަލްސާ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމުގެ ކުރިން ރަށްރަށުގެ ގޮފިތައް އެކުލަވާލުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާ ކަމަށެވެ.