ސޯޝަލް މީޑިއާތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގައި ޑިޕާޓްމަންޓެއް އުފައްދައިފި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ ނާއިބު މަލީހު ޖަމާލު މިއަދު ވިދާޅުވީ އެ ޑިޕާޓުމަންޓަކީ ރާއްޖޭގެ ފަތުރުވެރިކަން ހަރަދު ކުޑަކޮށް ފުޅާދާއިރާއެއްގައި އިސްތިހާރު ކުރުމުގެގޮތުން އުފެއްދި ޑިޕާޓްމަންޓެއް ކަމަށެވެ.

"ސޯޝަލް މީޑިއާ ޑިޕާޓްމަންޓުން ކުރާނެ މަސައްކަތަކީ ސީދާ އެކަމަށް ބަޔަކު ތިބެގެން ހުރިހާ ސޯޝަލް މީޑިއާތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް މަސައްކަތް ކުރުން،" މަލީހް ވިދާޅުވި އެވެ. "ސޯޝަލް މީޑިއާއަކީ ވަރަށް ވަރުގަދަ ޓޫލެއް. ހަމައެހެންމެ ހަރަދުކުޑަކޮށް ބޮޑު ޕޮޕިއުލޭޝަނަކަށް އަޅުގަނޑުމެން ބޭނުންވާ މެސެޖް ފޮނުވާލެވޭނެ،"

އަދި ވިދާޅުވީ އެ ޑިޕާޓްމެންޓުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެ ފަސޭހަކަމާ އެކު އަވަހަށް އިސްތިހާރުކުރެވޭނެ ކަމަށެވެ. އަދި އެއް މިލިޔަން ޓޫރިސްޓުން ގެންނަން ކުރާ މަސައްކަތަށް އެކަމުގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން މީގެކުރިން ވެސް ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ހަރަކާތްތަކެއް ހިންގައިފަ އެވެ. ނަމަވެސް މިއީ އެފަދަ ޑީޕާޓްމަންޓެއް އުފައްދައި އެ މަސައްކަތްފެށި ފުރަތަމަ ފަހަރެވެ.