30 Jun 2012, 13:36
ހަގީގީ ބާޣީންނަކީ ރައްޔިތުންގެ މުދަލުގައި ހުޅުޖަހާ މީހުން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ، އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިވައިފި އެވެ.
ޖުމްހޫރީ ޕާޓީ އިން ކ. ދިއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ، އެމްޑީޕީ އަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެ ޕާޓީން ހިންގާފައިވާ އަމަލުތަކަކީ ޓެރެރިޒަމްގެ އަމަލުކުތަކެއް ކަމަށާއި އެމީހުނަށް ކިޔަން ވާނީ ވެސް ޓެރެރިސްޓުން ކަމަށެވެ.
"ހަގީގީ ބާޣީންނަކީ ރައްޔިތުންގެ މުދަލުގައި ހުޅުޖަހާމީހުން. ހަގީގީ ބާޣީންނަކީ ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންނާ ދިމާކުރާ މީހުން. އެމީހުނަށް ކިޔާ އެހެން ނަމެއް އަޅުގަނޑު ދަސްކޮށްދޭން ބޭނުން. އެއީ ޓެރެރިސްޓުން. މީގެ ފަހުން އޭގެ ކޮންމެ މީހަކު ދިމާވުމުން ތިޔައިން ބޭފަޅު ވިދާޅުވާންވީ ތިއީ ޓެރެރިސްޓެކޭ،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލައުޑް ސްޕީކަރުތައް ބޭނުންކޮށްގެން ރައްޔިތުންނަށް ޒާތްޒާތުގެ މެސެޖްތައް ފޯރުކޮށްދޭ މީހުންގެ މައުލޫމާތު އެއްކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި އަދި އެމީހުނަށް ހައްގު އަދަބު ދެއްވާނެ ކަމަށެވެ.
"ލައުޑް ސްޕީކަރުތައް ބޭނުންކޮށްގެން ޒާތްޒާތުގެ މެސެޖްތައް ރައްޔިތުނަށް ދޭ މީހުން ތިޔަ ބޭފުޅުން ދަންނަވަންވީ އެއީ ޓެރެރިސްޓުންނޭ. އަހަރަމުން ކޮންމެ ދުވަހަކު އެއްފަހަރު ކަލޭމެންގެ ޝަކުވާތައް ސިޓީތައް ލިޔަމުން ގެންދާނާމޭ. އަހަރަމުން މިކަންކަން ފައިލް ކޮށްފައި ބަހައްޓާނަމޭ. އަދި ތިޔަ ލޮބުވެތި ރައްޔިތުން ކުރައްވަންވީ ކަމަކީ ދުވާލަކު އެއްފަހަރުއެ ސިޓީތައްލިޔެ ފޮނުވާ ފައިލްކޮށްފައި ބަހައްޓަންވީ. ﷲ އިރާދަކުރެއްވިޔާ މި މުޖުރުމުން، މި ޓެރެރިސްޓުން އެމީހުންގެ އަސްލު ޖަގަހައަށް ރައްދު ކޮށްދޭނަން،" އެނާ ވިދާޅުވި އެވެ.
މި އަހަރުގެ ފެބްރުއަރީ ހަ ވަނަ ދުވަހު ރޭ އާޓިފިޝަލް ބީޗުގައި ކުރި މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމަލު ކުރެއްވި ގޮތަށް އިޝާރާތް ކުރައްވައި އައްބާސް ވިދާޅުވީ އެެ ރޭ ރައީސް ނަޝީދާއި ފުލުހުންގެ އިސް ބޭފުޅުން ވަނީ މި ގައުމުގައި "ގަތުލުއާންމު" ހިންގުމަށް މަސައްކަތް ކުރައްވައިފައި ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރީންނަށް ތިބި މީހުން، ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން ފުލުހުންގެ އިސް މާގާމުތަކުގައި ތިބި މީހުނުން ފެށިގެން ނިންމީ ދިވެހި ރާއްޖޭގައި ގަތުލުއާމެއް ހިންގަން،" އޭނާ ވިދާޅުވި އެވެ.
އައްބާސް ތުހުމަތު ކުރެއްްވި ގޮތުގައި އެ ރޭ އެމްޑީޕީ މަސައްކަތް ކުރީ އެ ޕާޓީގެ އެކްޓިވިސްޓުން ބޭނުންކޮަށްގެން "ގަތުލްއާންމު" ހިންގުން ކަމަށާއި އެކަމުގެ ބޭނުމަކީ ގައުމު ކުއްލި ހާލަތަކަށް ގެނައުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމީހުން ޕާޓީގެ ގުންޑާއިންނަށް ރާ ބޯންދީ، ބަނގުރާ ބޯންދީ، ޕާޓީ ހަރުގެ ތެރޭގައި އެއްބަޔަކު ތިބެގެން އަނެއް ބަޔެއް އަތަށް ލަކުޑިބުރި ފަދަ ތަކެތި ދީގެން އާޓިފިޝަލް ބީޗަށް ފޮނުވީ ގަތުލުއާމެއް ހިންގަން. އެ ގަތުލުއާންމުގެ ފުރަގަހަތުގައި އޮތީ ހީލަތްތެރި ރޭވުމެއް. އެއީ މި ރާއްޖޭގައި އިމަޖަންސީ ހިންގައި ކޯޓުތައް އުވާލައި ދިވެހި ރާއްޖޭގެ ރައްޔިތުން މަޖިލީސް އުވާލައި ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން،"
އައްބާސް ވިދާޅުވީ އެ ވާހަކަތައް އިންއަރީ ކޮމިޝަނަށް ކޮންމެ މީހަކު ވެސް ކިޔާދެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އަދި އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ބައެއް ޕްރޮޖެކްޓްތައް ހިންގާފައިވާ ގޮތަށް އައްބާސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅވެފަ އެވެ.
"ލިއްލާހިއަށް ޓަކައި މީހަކު ފްލެޓް އަޅާދޭން އުޅުނު. 42 ޑޮލަރަށް ލިބޭ ހިލަ އެމީހުން ގެންނަނީ 73 ޑޮލަރަށް. އަދި އެ ވެސް ޑިއުޓީ ނުދައްކައި. ދެން ހަމަ ކަރަޓްގެ ހިދުމަތްތައް ވެސް ޔުޓިލިޓީތަކުން ދެމުން ގެންދިޔައީ ދައުލަތުން ފައިސާ ނަގަައިގެންް. އަދި ވެސް އެސްޓިއޯ އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ. ހަމަ ލިއްލާހިއަށް ޓަކައި އެކަންކުރީ. ދެން ދަތުރު ފަތުރުގެ ކަންތައް އެ ވެސް ހަމަ ލިއްލާހި އަށްޓަކައި. އެއްވެސް ބޭފުޅަކަށް ނެތް ފަޅު ރަށެއް ވެސް ލިބިފައެއް. އެއްވެސް ބޭފުޅަށް ނެތް ބިމެއް ވެސް ލިބިފަވެސް." އެމްޑީޕީ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތަށް ހަޖޫ ޖައްސަވައި އައްބާސް ވިދާޅުވި އެވެ.