30 Jun 2012, 12:50
މި ފަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްގައި އެންމެންގެ ސަމާލުކަން ހުއްޓިފައި ހުންނާނީ އައިޝްވާރިޔާ ރާއީއަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ނޫސްވެރިންނަށް އަދި މާ ރަނގަޅަށް ފެނިފައި ނުވާ، ދަރިފުޅާއެކު އައިޝްވާރިޔާ ފިލްމު ފެސްޓިވަލަށް ދާ ކަމެވެ. ކޭންސް ފިލްމު ފެސްޓިވަލަކީ މަޝްހޫރު އެތައް ތަރިންނެއް ބައިވެރިވާ ފެސްޓިވަލެކެވެ. އައިޝްވާރިޔާއަކީ ކޭންސް ފިލްމު ފެސްޓިވަލަށް ކޮންމެ އަހަރަކު ވެސް ދާ ތަރިއެކެވެ. ކޮންމެ އަހަރަކު ވެސް އެތައް ޕަޕަރާޒީންނެއް އެމީހުންގެ ކެމެރާތައް އައިޝްއަށް އަމާޒުކޮށްގެން، އައިޝްގެ ކޮންމެ ހަރަކާތެއް ފޮޓޯ ނެގޭތޯ މަސައްކަތް ކުރެއެވެ. ކޮންމެ އަހަރަކު ވެސް އައިޝް ލައިގެން ހުންނަ ހެދުމާއި އައިޝްގެ އިސްތަށިގަނޑުގެ ސްޓައިލު ދެކެން އެތައް ބަޔަކު އިންތިޒާރު ކުރެއެވެ.
އެހެން ނަމަވެސް މި ފަހަރު އައިޝްއަށް ވުރެ ވެސް ބޮޑަށް އައިޝްގެ ތުއްތު އަންހެން ދަރިފުޅު ދެކެން މީހުން ބޭނުންވާނެ ކަމަށް ބެލެވެއެވެ. އެއީ އެތައް ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބޭނީ އެއިރުން ކަމަށް ވާތީއެވެ. އެ ކުއްޖާ ވައްތަރީ އަބީޝެކާ ހެއްޔެވެ؟ ނުވަތަ އައިޝްވާރިޔާއާ ހެއްޔެވެ؟ ނުވަތަ އައިޝްގެ މަންމައާ ހެއްޔެވެ؟ ނުވަތަ އަބީޝެކްގެ މަންމައާ ހެއްޔެވެ؟ ހަމަ މިއާ އެކު ކޭންސް ފިލްމު ފެސްޓިވަލަށް ދަރިފުޅު ގޮވައިގެން އައިޝް ދިޔަ ނަމަ ވެސް އެ ދަރިފުޅުގެ ފޮޓޯ ނެގުމުގެ ނަސީބު ޕަޕަރާޒީންނަށް ލިބޭނެބާވައެވެ؟ މިއީ ވެސް އަދި ޖަވާބު ނުލިބޭ ސުވާލެކެވެ. ކޮންމެއަކަސް މިފަހަރު އެންމެވެސް އެންމެ ދެކޭހިތްވާނީ އައިޝްގެ އަންހެން ދަރިފުޅު އަރާދްޔާއެވެ.