އިސްރާއިލުން ލުބުނާނަށް ދެމުން އަންނަ ހަމާލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ކުށްވެރި ކުރައްވައިފިއެވެ.

އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލުބުނާނުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށް، އެމީހުންގެ މައްޗަށް އަނިޔާވެރިވެފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

އެ އަމަލަކީ ބައިނަލްއަގުވާމީ ގާނޫނާއި އިންސާނީ ގާނޫނާ ޚިލާފު ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެއެވެ.

މީގެއިތުރުން، އެ އަމަލު ހުއްޓުވުމަށް ބައިނަލްއަގުވާމީ ގޮތުން އަމަލުކޮށް، އިސްރާއިލު ޖަވާބު ދާރީ ކުރުވަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި، ޣައްޒާއާއި ލުބުނާނަށް ދެމުން އަންނަ ހަމާލަތައް ވަގުތުން ހުއްޓުވަން ޖެހޭ ކަން ރައީސް މުއިއްޒު ފާހަގަކުރައްވާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ލުބުނާނަށް އިސްރާއިލުން ދެމުން އަންނަ ހަމަލާތަކުގައި 1600 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. މި ހަމަލާތަކުގައި ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް ހިޒްބުއްﷲގެ ވެރިޔާ ހަސަން ނަސްރުﷲ ވެސް ވަނީ އަވަހާރަކޮށްލައިފައެވެ.

އދ. އާންމު މަޖިލީހުގައި ރައީސް މުއިއްޒު ވަނީ އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ ސްކޫލުތަކާއި ގެތަކަށް ހަމަލާދީ ކުޑަކުދިންނާއި އަންހެނުން މަރައިގެން ހިންގަނީ ޓެރަރިޒަމް ކަމަށާއި އެ ކަންކަމަށް އިޒްރޭލު ބައިނަލްއަގުވާމީ މައިދާނުގައި ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.