ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ހިތްގައިމުކަމުގެ އުފާ އެންމެ ބޮޑަށް ލިބެންޖެހޭ ބަޔަކީ ދިވެހިންނެވެ. ބިދޭސީ ގިނަ ބަޔަކު ދެކޭގޮތުގައި ދިވެއްސަކަށް ވުމަކީ ވަރަށް ބޮޑު ފަހުރެކެވެ. އެއީ އެހާ ރީތި ޤައުމެއްގެ ރައްޔިތަކަށް ވީތީއެވެ. ދިވެހިރާއްޖެއަކީ އެމީހުންނަށް ހުވަފެނީ މަންޒިލެކެވެ. ހިތާމައަކީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ޚުދު ދިވެހިންނަށް ވެސް ހުވަފެނަކުން ނޫނީ ތަޖުރިބާ ނުކުރެވޭ ކަމަކަށް ވެފައިވާތީއެވެ.

ދިވެހިރާއްޖޭގެ ރަށްރަށުގެ ހުދު ގޮނޑުދޮއްތަކާއި، ހިތްގައިމު މާމެލާ މެއްޔާއި، ސާފު މޫދުތަކާއި، ހިތްގައިމު ވައިރޯޅިތައް ވެފައިވަނީ ދިވެހިންނަށް ހަމައެކަނި ޓީވީން ނާއި މަޖައްލާތަކުގެ ފޮޓޯއިން އިހްސާސް ކުރަންޖެހިފައިވާ އެއްޗަކަށެވެ.
ދެމަފިރިއަކާއި ދެދަރިންގެ ކުޑަ އާއިލާއެއް، އެންމެ ދެރެއަށް ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލަން ވެސް، ދިވެހިންނަށް ހާއްސަ ޕެކޭޖުގެ ދަށުން ދިހަވަރަކަށް ހާސް ރުފިޔާ ހަރަދުވެއެވެ. މިދެންނެވި "ލޯކަލް ޕެކޭޖް" ގެ ދަށުން ދިވެހިންނަށް ކޮޓަރި ވިއްކަނީވެސް ބަނޑޮސް ފަދަ މަދު ރިސޯޓަކުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ އެކި ފެންވަރުގެ މީހުންނަށް އަމާޒުކޮށް ރިސޯޓުތައް ހަދައި، މިދެންނެވި ރިސޯޓުތައް އިޝްތިހާރުކުރަން އަހަރަކު އެތައް މިލިޔަން ޑޮލަރެއް ހޭދަކުރާއިރު އެތެރޭގެ ފަތުރުވެރިކަމަށް އަމާޒުކޮށް ދިވެހިންނަށް ހާއްސަ ރިސޯޓެއް ހަދާކަށް އެއްވެސް މީހަކު ހިޔާލުކުރާތަނެއް ނުފެނެއެވެ. މާލެ، ތޮއްޖެހި ގައުމުގައި އިޖުތިމާއީ އެތައް ބައްޔެއް އާއްމުވެފައި ވާއިރު، ފޫހިވެގެން ލާހޫރޭ ޒުވާނުންނާއި، ސާފު ވައިރޯޅިއެއް ނުލިބިގެން އުޅޭ އާއްމު ދިވެހި ރައްޔިތުން ހިތްއުފާ ކޮށްލަން މާލެއިން ފުރައިގެން އެހެން ރަށަކަށް ދިއުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ.

އޮފްސީޒަންގެ ރިސޯޓުތަކުގެ ގިނަ ކޮޓަރިތައް ހުހަށް ހުއްޓަސް ލޯކަލް ޕެކޭޖްގެ ދަށުން ދިވެހިންނަށް ކޮޓަރި ވިއްކަން ބޭނުންވަނީ ވަރަށް މަދު ރިސޯޓަކުންނެވެ. އެހެންކަމުން ކިރިޔާވެސް ލާރިއެއް ލިބޭ މީހަކު ވެއްޖިއްޔާ ޗުއްޓީ ހޭދަކޮށްލަން، ބޮޑު ހަރަދުކޮށްފައި ދަނީ ކޮލަމްބޯ، ބެނގަލޫރު ނުވަތަ ބެންކޮކް ފަދަ ތަނަކަށެވެ.

މީގެ ބަދަލުގައި، ތަހުޒީބު އެހެން ގައުމުތަކުގައި ވެސް ކަން ކުރާ ފަދައިން އަމިއްލަ ގައުމުގައި ތިބެގެން އެގައުމުގެ ރައްޔިތުންނަށް ޗުއްޓީ ހޭދަކުރެވޭނެ ފަދަ ނިޒާމެއް ހަމަޖައްސައި ދިނުމަކީ ވިޔަފާރީގެ ނަޒަރަކުން ބެލިކަމުގައިވިޔަސް، ދިވެހިރާއްޖޭގައި ކުރަންޖެހިފައިވާ ކަމެކެވެ. މިދެންނެވި ފަދަ އެތެރޭގެ ފަތުރުވެރިކަމުގެ ވަރަށް ބޮޑު މާކެޓެއް އޮތްކަން ޔަގީނެވެ. އެމާކެޓަށް ކޭޓަރ ކުރެވޭ ފަދަ ދިވެހި ރިސޯޓުތަކާއި، ގެސްޓް ހައުސްތައް ހެދި، އެކަމާއި ގުޅޭ ޓްރެވެލް އެޖެންސީތައް ވެސް އުފެދިއްޖެ ނަމަ ރާއްޖޭގެ އެތެރޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރައި، ގިނަ ބަޔަކަށް އެކަމުން މަންފާ ލިބި، ދިވެހިން ޗުއްޓީ ހޭދަކޮށްލާނެ ރަނގަޅު ގޮތްތަކެއްވެސް ހަމަޖެހިގެން ދާނެއެވެ.

އުތީމާއި، އައްޑު އަތޮޅު ގަން ފަދަ މަންޒިލުތަކަށް ދިވެހިންނަށް ފަސޭހައިން ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖެހިއްޖެ ނަމަ އެތެރޭގެ ފަތުރުވެރިކަމުގެ ސަބަބުން، ދިވެހިންގެ ހިތްތަކުގައި ގައުމީ ލޯބި އިތިރުވުމަކީ ވެސް ނުވެނުދާނެ ކަމެކެވެ. އެތެރޭގެ ފަތުރުވެރިކަމަށް އަމާޒުކޮށް ހަދާ ރިސޯޓުތަކަށް ދެވެންވާނީ ހަމައެކަނި ދިވެހިންނަށާއި، ބިދޭސީ ވޯކްޕާމިޓް ހޯލްޑަރުންނަށް އެކަންޏެވެ. އެފަދަ ރިސޯޓެއްގައި މާ ބޮޑެތި ލަގްޒަރީ ފެސިލިޓީޒް ތަކެއް ނެތަސް ކޮޓަރިތައް ސާފުތާހިރުވެފައި، އައުޓް ޑޯރ ކުޅިވަރުތަކާއި، ފޯނުގެ ކުޅިވަރުތައް ކުޅެވޭ ގޮތަށް ހުންނަން ޖެހޭނެއެވެ. ރޫމް އޮންލީ އުސޫލުން ދިވެހިންނަށް ކޮޓަރިތައް ވިއްކާފައި، ކޮފީ ޝޮޕާއި، ރެސްޓޯރެންޓް ފަދަ އެފް.އެން.ބީ އައުޓްލެޓްތައް އެހެން ބަޔަކަށް ކުއްޔަށްދީގެން ވެސް ހިންގިދާނެއެވެ.

މާލެ އާއި ކައިރިން ބަލާއިރު މިފަދަ ދިވެހި ރިސޯޓެއް ގާއިމުކުރެވިދާނެ ރަށްތަކުގެ ތެރޭގައި ކުޑަބަނޑޮސް، އާރަށް އަދި ފޭދޫ ފިނޮޅު ހިމެނެވެ. މިކަމަށްޓަކައި ސަރުކާރުން އެންމެ ލޯލާރިއެއްވެސް ހަރަދު ކުރާކަށް ނުޖެހެއެވެ. މިދެންނެވި ކަހަލަ ރަށެށް އެކަމަށް ކަނޑައަޅާފަ ވަކި އުސޫލެއްގެ ދަށުން ބިޑަށް ލުމުން ރަށް ތަރައްގީކޮށް ހިންގާނެ ފަރާތްތައް ވާނެކަން ޔަގީނެވެ.

ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ފަހުކޮޅު، ނުވަތަ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ބަނޑޮސް ފަދަ ރިސޯޓުތަކުގައި ދެވެން ހުރި ފަދަ މެދުމިނެއްގެ ހިދުމަތްތަކާއެކު، މިޙާރު ދިވެހި ރިސޯޓެއް ހެދިޔަސް ރެޔަކަށް އެއްހާސް ރުފިޔާގެ ރޭޓުން ކޮޓަރި އެކަނި ވިއްކައިގެން އެހެނިހެން އެކްސްޓްރާޒް ތަކުން ބޮޑު ފައިދާއެއް ލިބޭ ގޮތަށް ދިވެހި ރިސޯޓެއް މާލެއާއި ކައިރީގައި ހިންގިދާނެކަން ޔަގީނެވެ.

ކުޑަބަނޑޮހަކީ މިވަގުތު ނައިބުރައީސް މުހައްމަދު ވަހީދުއްދީނުގެ ބެއްލެވުމުގެ ދަށުގައިވާ ރަށަކަށް ވުމުން ދިވެހިންނަށް މިފަދަ ރިސޯޓެއް ހައްދަވައިދެއްވުމަކީ އެމަނިކުފާނުގެ ވިޔަފާރިއަށްވެސް ފައިދާވާނެ، އަދި ރައްޔިތުންގެ ލޯބިވެސް ލިބިގެންދާނެ ކަމަކަށް ވާނެއެވެ. ހަމައެފަދައިން އާރަށް ދިވެހިރައްޔިތުންގެ ރިސޯޓަކަށް ހައްދަވައިދެއްވައިފިނަމަ ރައީސް ޑރ.ވަހީދަށްވެސް ރައްޔިތުންގެ ލޯބި ލިބިގެންދާނެއެވެ.

ދުވަހު ދެދަޅައަށް ފުއް ޖަހައިގެން މާލެ ވަށާ ސައިކަލުގަ ބުރުޖެހުން ނޫން އެހެން ކަމެއް ކުރެވެނީ މަދު ދިވެހިން ކޮޅަކަށެވެ. ޗުއްޓީ ލިބުނަސް ގިނަ މީހުން ކުރާކަމީ ނިދާފަ، ރޭގަނޑު އަނބިމީހާ ގޮވައިގެން ބާމިގޮރެންއެއް ކާލަންށާއި ކުރުނބާ ފަނިތައްޓެއް ބޯލަން ހާބަރު ކަޑައަކަށް ދިއުމެވެ. މިއީ ދުނިޔޭގެ އެންމެ މަގުބޫލު އަދި ހުވަފެނީ މަންޒިލުކަމުގައިވާ މޯލްޑިވްސް ނުވަތަ ދިވެހިރާއްޖޭގައި، ދިވެހިންގެ ހާލު ހުރިގޮތެވެ. މިކަން ބަދަލުކޮށް، އިޖުތިމާއީ ބަލިމަޑުކަމުން ގައުމު ސަލާމަތްކޮށްދިނުމުގެ ބާރުއޮތީ ޓޫރިޒަމް މިނިސްޓްރީ އާއި، ދިވެހިސަރުކާރާއި، ވިޔަފާރިވެރިންގެ އަތްމަތީގައެވެ.

ކުޑަބަނޑޮސް، ފޭދޫ ފިނޮޅު، ނުވަތަ އާރަށުގައި ދިވެހި ރިސޯޓެއް ހުޅުވޭ ދުވަސް ވެގެންދާނީ ތާރީހީ ދުވަހަކަށެވެ. މިދެންނެވި ތާރީހީ ދުވަސް ދިވެހިންނާ ހަމައަށް ގެނެސް ދެއްވާނީ ކޮން ލީޑަރެއް ނުވަތަ ކޮން ލީޑަރުންތަކެއް ބާއެވެ؟