ނޭޕާލަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ހިތްވަރުގެ މެސެޖެއް އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެގައުމުގެ އެތައް ރައްޔިތުންނެއްގެ ފުރާނަ ގެއްލުނު ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

އަދި މި ހާދިސާގެ ސަބަބުން އަނިޔާވި އެންމެހާ ރައްޔިތުންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވާ، ގެއްލިގެން ހޯދާ ރައްޔިތުން ސަލާމަތާއެކު ފެނުމަށް އުންމީދުކުރައްވާކަމަށް ރައީސް ލިޔުއްވާފައި ވެއެވެ.

މިފަދަ ހިތާމައިގެ ދަނޑިވަޅެއްގައި ނޭޕަލާއެކު ރާއްޖެ ސާބިތުވެ ތިބިކަމަށް ރައީސް ވަނީ ލިޔުއްވާފައެވެ.

ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް ވަނީ 66އަކަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އަދި އެ ހާދިސާގައި 69 މީހަކު ގެއްލިފައިވާ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.