ފިހާރައިގަ ހުންނަ ހުރިހާ ބިއުޓީ ޕްރޮޑަކްޓްސް ތަކަކީ ކޮންމެހެން ގަންނަން ޖެހޭ އަދި ބޭނުން ކުރަން ޖެހޭ ޕްރޮޑަކްޓްސް ތަކެއް ނޫނެވެ. އިޝްތިހާރު ތަކުގެ ފުރިހަމަ ކަމުންނާއި ފުޅި ނުވަތަ ދަޅު ތަކުގެ ރީތި ކަމުން ކޮންމެހެން ގަންނަންދާ އެއްޗެހިތަކަށް ވުރެ ބޭނުން ކުރަން ނުޖެހޭ އެތައް އެއްޗެއް ގަނެވޭތަން އާދެއެވެ. މީ ހުސް ބޭކާރު ހަރަދެވެ. އެހެނީ ގަންނަ ހުރިހާ ޕްރޮޑަކްޓްސް ތަކަކީ ބޭނުން ކުރެވޭ ނުވަތަ ކުރަންޖެހޭ އެއްޗަކަށްވެސް ނުވެއެވެ. އެހެން ކަމުން މި އާޓިކަލް ގަ މި ބަލާލަނީ މި ގޮތަށް ކޮނެމެހެން ގަންނަން ނުޖެހޭ ބައެއް ޕްރޮޑަކްޓްސް ތަކަށެވެ.

ފޫޓް މާސްކް
ފޭސް މާސްކް ނުވަތަ މޫނުގައި ހާކާ މާސްކް އަކީ ބޭނުން ތެރި އެއްޗެކެވެ. އެކަމަކު ފޫޓް މާސްކް އަކީ އެއްގޮތަކަށްވެސް ބޭނުން ތެރި އެއްޗެއް ނޫނެވެ. ފައި ރީތި ކޮށް ބަހައްޓަން ޕެޑިކިއޯއެއް ނެގުމުން ނުވަތަ އެންމެ އާދައިގެ ގޮތުގައި ހޫނު ފެނަށް ފައިލައިގެން އިނުމަށްފަހު މޮއިސްޗަރައިޒަރެއް ހޭކުމުން ފަޔަށް ބޭނުންވާ ފަރުވާ ލިބެއެވެ. މާސްކް އަކީ ކޮންމެހެން ބޭނުން ތެރި އެއްޗެއްނޫނެވެ.

ލިޕް އެކްސްފޯލިއޭޓަރ
ތުންފަތަކީ ކޮންމެހެންވެސް ރީތިކޮށް ބަހައްޓަން ބޭނުންވާ ގުނަވަނެކެވެ. ނަމަވެސް ލިޕް އެކްސްފޯލިއޭޓަރެއް ގަތުމަކީ ބޭކާރު ހަރަދެކެވެ. ތުންފަތް އެކްސްފޯލިއޭޓް ކުރަން ބޭނުން ކަމަށްވާނަމަ މަޑު ދަތްއުނގުޅާ ބުރުހަކުން ތުންފަތުގަ ހާކާށެވެ. ނުވަތަ ތުވާލި ވެސް ހޭކިދާނެއެވެ. މިކަމަށް އެކްސްފޯލިއޭޓަރެއް ވަކިން ގަންނާކަށް ބޭނުމެއް ނުވެއެވެ.

ޓޯނަރ
ބައެއް ބިއުޓީ މާހިރުންގެ ހިޔާލު މިކަމާ ތަފާތު ކަމަށް ވިޔަސް ޓޯނަރ އަކީ ކޮންމެހެން މަޖުބޫރުކޮށް ގަންނަންޖެހޭ އެއްޗެއް ނޫނެވެ. ޓޯނަރ ގެ ބޭނުމަކީ މޫނު ދޮވުމުންވެސް މޫނުގައި އިތުރުވެފައި ހުރި މޭކަޕްތައް ނުވަތަ ތެޔޮތައް ދޮވުމެވެ. އެކަމަކު މިހާރު ހުންނަ ފޭސް ވޮޝް ތައް މި ބޭނުންތައް ފުއްދައިދެ އެވެ. އެހެންކަމުން ޓޯނަރ އެއް ވަކިން ގަތުމުގެ މާބޮޑު ފައިދާއެއް ނެތެވެ.

ނެކް ކްރީމް
ވަކި ގުނަވަންތަކުގެ ނަންތައް ޖަހާފަ ހުންނަ ކްރީމް ތަކަކީ އެއާއި ނުލާ އުޅެވޭނެ ޕްރޮޑަކްޓްސް ތަކެކެވެ. މޫނުގައި ހާކާ މޮއިސްޗަރައިޒަރަކީ ކަރުގައި ވެސް ބޭނުން ކުރެވޭނެ މޮއިސްޗަރައިޒަރެކެވެ. އެހެން ކަމުން ވަކިން ކަރަށް ކްރީމް އެއް ގަތުމަކީ ހަމަ ބޭކާރު ހަރަދެކެވެ.

އެންޓި-އޭޖިން ޕްރޮޑަކްޓްސް
ގިނަ ކޮސްމެޓިކްސް ކޮމްޕެނީތަކުން ފައިދާ ހޯދުމުގެ ބޭނުމުގައި ވަކިން އެންޓި-އޭޖިން ޕްރޮޑަކްޓްސް އުފައްދައެވެ. މި ޕްރޮޑަކްޓްސް ތަކުގައި އެހެން ޕްރޮޑަކްޓްސް ތަކާ މާބޮޑު ތަފާތެއް އަސްލު ނުހުރެއެވެ. އަދި އެންޓި-އޭޖިން ޕްރޮޑަކްޓްސް އިން މޫނުގައި ހުންނަ ރޫތައް ފިލާކަމުގެ ނިޝާންތައް ފެންނަނީ މަދުފަހަރަކުއެވެ. ކޮމްޕެނީ ތަކުން ކުރާ އިޝްތިހާރު ތަކުން ކޮންމެ މީހަކުވެސް ގޮސް މި ޕްރޮޑަކްޓްސް ތައް ގަންނަނީއެވެ. ނަމަވެސް މި ކަހަލަ ޕްރޮޑަކްޓްސް ގަތުމަށް ވުރެ ރަނގަޅު ކްލެންސަރ އަކާއި މޮއިސްޗަރައިޒަރެއް ގަތުމުން ފުދެއެވެ. އަދި ހަމަށް މާ ބޮޑަށް ފައިދާ ވެއެވެ.

ލޯވަރ ލޭޝް މަސްކަރާ
ކޮންމެހެން ގެންގުޅެންޖެހޭ މޭކަޕް އައިޓަމެއްގެ ގޮތުގައި މަސްކަރާ ވެއެވެ. ނަމަވެސް ހާއްސަކޮށް ލޯވަރ ލޭޝް (ލޮލުގެ ތިރީ އެސްފިޔަތަކަށް) މަސްކަރާ އަކީ އެއްވެސް ގޮތަކަށް ބޭނުންތެރި އެއްޗެއްނޫނެވެ. ލޮލުގައި ހުންނަ އެސްފިޔަތަކުގައި ހުންނަނީ އެއް އިސްތަށިތަކެކެވެ. އެއީ މަތީ ލޮލުގައި ހުންނަ އެސްފިޔައަށް ވިއަސް އަދި ތިރީ ލޮލުގައި ހުންނަ އެސްފިޔަ ވިއަސް އެވެ. އެހެންކަމުން ދެވައްތަރެއްގެ މަސްކަރާ އެއް ބޭނުމެއް ނުވެއެވެ. މިއީ ހަމަ ބޭކާރު ހަރަދެކެވެ.

ޝޭވިން ކްރީމް
ފައި ޝޭވް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވިޔަސް ޝޭވް ކުރުމަށް ޝޭވިން ކްރީމެއް ގަތުމަކީ ބޭނުންތެރި ކަމެއް ނޫނެވެ. ޝޭވިން ކްރީމްގެ ބަދަލުގައި ކޮންޑިޝިއަނަރ ނުވަތަ ބޮޑީ ވޮޝްއެއް ބޭނުން ކުރެވޭނެއެވެ. ޝޭވިން ކްރީމް އަކީ އެހާ އަގު ބޮޑު އެއްޗެއް ނޫނަސް މިއީ ގަތުން މުހިއްމު އެއްޗެއްނޫނެވެ.