މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރުގައި ރޭ ކުޅުނު ދެ ވަނަ މެޗް ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި ރޭ ކުޅުނު މިމެޗް ސިފައިންގެ ކުލަބުން ކާމިޔާބު ކުރީ ކުލަބް ޕީކޭއާ ވާދަކޮށް ސީދާ ތިން ސެޓުން ނެވެ.

މެޗުގެ ސެޓްތައް ސިފައިންގެ ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 25-19 ، 25-22 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ ޓީމުގެ ޖޯޒީނަންބަރު 10 ކަރީމެވެ.

މުބާރާތުގައި މިއަދު ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:45ގައި ބައްދަލުކުރާ ދެ ޓީމަކީ ސްޕޯޓްސް ކުލަބް ގްޑީސް އާއި އެސްޓިއޯ އެވެ. އަދި މިރޭ ކުޅޭ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ.

މުބާރާތުގައި ވާދަކުރަނީ މިދިޔަ އަހަރުގެ ލީގުގެ ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނޭ ލީގުގެ ޗެމްޕިއަން ކްލަބް ޕީކޭ އާއި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބާއި އެސްޓީއޯ އަދި ސްޕޯޓްސް ކްލަބް ގުޑީސް އެވެ. މިދިޔަ އަހަރު ލީގުގެ ހަ ވަނަ ހޯދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް މި އަހަރުގެ މުބާރާތުގައި ބައިވެރިނުވާތީ ލީގުގެ ހަ ވަނަ ޖާގަ ދިނީ މިދިޔަ އަހަރުގެ ހަތް ވަނަ ހޯދި ސްޕޯޓްސް ކްލަބް ސިޓީ އަށެވެ.

މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ އެއް ބުރު ކުޅުމަށް ފަހު ދެ ވަނަ ބުރު ފަށާ ގޮތަށެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ޖުމްލަ 15 މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.