30 Jun 2012, 12:29
ނޯޓް: މި މަޒްމޫނުގެ މައިގަނޑު އަސްލަކަށް ބަލައިފައިވަނީ މިޒަމާނުގެ ނަންހުރި އިސްލާމީ މުފައްކިރު ސައްޔިދު އަބުލްއަޢުލާ މައުދޫދީއާއި، މައުލާނާ އަބުލްކަލާމް އާޒާދުއާއި، ޕްރޮފެސަރ މުޙްސިން ޢުޘްމާނީ ނަދުވީގެ ލިޔުއްވުންތަކެވެ. މިތިން ބޭފުޅުންގެ ތެރެއިން ސައްޔިދު އަބުލްޢައުލާ މައުދޫދީއާއި، މައުލާނާ އަބުލްކަލާމު އާޒާދަކީ ރާއްޖޭގައިވެސް އިތުރު ތަޢާރުފަކަށް ބޭނުން ދެ ބޭފުޅުންނެއް ނޫނެވެ.
އާމިރުންނާ ދެކޮޅަށް ނިކުންނަންޖެހޭނެ
ޝައްކެންތެވެ. މިފަދަ ދަނޑިވަޅުތަކުގައި ސިޔާސީ ޙަރަކާތްތަކާއި، ވެރީން އިޙްތިސާބު ކުރުމާއި ފަރުދީ މިނިވަންކަމާއި، ދުލާއި ޤަލަމުގެ މިނިވަންކަމާއި، އިސްލާމީ އުންމަތުގެ މޮހުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނަށް ވަލިއްޔުލް އަމްރުން ޢަޒުލުކުރެއްވުމުގެ ޙައްޤު ލިބިވަޑައިގެންފައިވޭތޯ ނުވަތަ ނޫންތޯއާ މިފަދަ މުސްލިމުންގެ އިޖްތިމާޢީ ޙަޔާތާ ލާމެހިފައިވާ ކަންކަމުގައި ޢާއްމު މުސްލިމުންނަށް އިރުޝާދު ލިބުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މުސްލިމުންގެ ޢަޤީދާއާއި ޢިބާދާތާބެހޭ އެތައް ކަމެއްގައިވެސް އިސްލާމީ ޢިލްމުވެރީންގެ މެދުގައި ހުންނަ ޚިލާފުތަކާ އެކުވެސް ރައުޔުތައް ފާޅުކުރެވިފައިވާ ފަދައިން މިދާއިރާތަކުގައިވެސް ޚިޔާލުފާޅު ކުރެވެން ޖެހެއެވެ. އިސްލާމީ ނިޒާމުގައި މިފަދަ ދާއިރާތަކަށް މަގު ދައްކައިފައިވާގޮތް އޮޅުން ފިލުވައިދޭން ޖެހެއެވެ. އެހެންކަމުން އެތަކެއް ހުރަސްތަކާއެކުވެސް މިކަމުގައި އެންމެ ފުރަތަމަ އިސްނެންގެވީ ޢައްލާމާ ޔޫސުފުލް ޤަރްޟާވީއެވެ.
ކުރީންވެސް ދެންނެވި ފަދައިން ޢައްލާމާ ޔޫސުފުލް ޤަރްޟާވީއަކީ އިސްލާމީ އުންމަތަށް އިތުބާރު ކުރެވޭފަދަ ޢާލިމެކެވެ. މުފައްކިރެކެވެ. ޙާކިމުން މުޙާސަބާ ކުރުމާއި ޗާޓުން ބޭރުވެފައިވާ ވެރީންނާ މުޢާމަލާ ކުރަންވީ ގޮތާމެދު އޭނާ ދެއްވައިފައިވާ ފަތުވާއަކީވެސް އޭނާގެ ދީނީ ފިޤްހުވެރިކަމާއި، ޚިޔާލުފުޅުގެ ތަނަވަސްކަން ހާމަވެގެންދާ ފަތުވާއެކެވެ. އޭނާވަނީ މުސްތަބިއްދު ޙާކިމުންނާ ދެކޮޅަށް އިސްލާމީ އުންމަތް ތެދުވި ތެދުވުމަށް ފިސާރި ކެރިވަޑައިގެން ހުންނަވައި ތާއިދު ކުރައްވައިފައެވެ. މިޞުރާއި ތޫނިސާއި ސޫރިޔާއާއި އެނޫންވެސް އިސްލާމީ ޤައުމުތަކުގެ ޢާއްމު ރައްޔިތުން އެބައިމީހުންގެ ފާސިދު ވެރީންނާދެކޮޅަށް ހިންގާ ޙަރަކާތްތަކަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައިވާ ޞައްޙަ ކަންތައްތަކެއް ކަމުގައި ތައްގަނޑު ޖައްސަވައި ދެއްވައިފައެވެ. ނަމަވެސް އޭނާގެ ފަތުވާއަކީ ސަޢޫދިއްޔާގެ ހައިއަތު ކިބާރުލް ޢުލަމާއުއާއި އަދި އެނޫންވެސް މުފުތީންގެ ފަތުވާތަކާ ވަޑިފަތިވާ ފަތުވާއެކެވެ. ފުށުއަރާ ފަތުވާއެކެވެ. ނަތީޖާއަށްވީ ސަލަފީ ބައެއް ޢިލްމުވެރީން އޭނާގެ ލޭފޮދު ހުއްދަ ވެއްޖެކަމުގެ ފަތުވާ ނެރުއްވުމެވެ. ފިތުނަވެރިކަމަކީ ޤަތުލު ކުރުމަށްވުރެވެސް މާނުބައި ކަމެއްކަމުގައި އޮންނަ ބަސްފުޅަށް ޙަވާލާދީފައެވެ.
ޢައްލާމާ ޔޫސުފުޤަރްޟާވީގެ ފަތުވާއަކީ ހަމައެކަނި އޭނާ ގިނިކަންޏާ ޙިއްޞާކުރައްވާ ފަތުވާއެއް ނޫނެވެ. އިސްލާމީ އުންމަތުގެ މަޝްހޫރު ޢާލިމް އަދި ފަޤީހު މައުލާނާ ޚާލިދު ސައިފުﷲ ރަޙްމާނީވެސް ވަނީ މިމޭރުމުން ފަތުވާ ދެއްވައިފައެވެ. ދުވަސްތަކެއް ވަންދެން ސުކޫތުގައި ހުންނެވުމަށްފަހު އޭނާވަނީ އިސްލާމީ ޤައުމުތަކުގެ ވެރީންނާ ދެކޮޅަށް ޢާއްމުން ކުރަމުން ގެންދާ އިޙްތިޖާޖުތަކަށް ތާއިދު ކުރައްވައިފައެވެ. ސަޢޫދީ އެރެބިޔާގެ ބައެއް މުފުތީންގެ ފަތުވާތަކަށް ރައްދު ދެއްވަމުން 17 ޖޫން 2011 ގައި އޭނާ ނެރުއްވި ބަޔާނުގައިވެއެވެ.
ސުވާލަކީ ހުރިހާ ޙާލަތެއްގައި ވެރީންނަށް ކިޔަމަންވުމަކީ ވާޖިބެއް ހެއްޔެވެ؟ މި ސުވާލެވެ. އިސްލާމްދީން އަމުރުކޮށްފައިވަނީ އަމީރުންނަށް ކިޔަމަންވުމަށެވެ. އާމިރުންނަށް ކިޔަމަންވާކަށެއް ނޫނެވެ. މުސްލިމުން ކިޔަމަންވާން ޖެހެނީ އުންމަތުގެ ޚަލީފާއިން ކަމުގައިވާ ޢަދުލުވެރި އަމީރުންނަށެވެ. ފިޤުހުވެރީންވަނީ ވެރިކަމުގެ ދެބާވަތެއް ފާހަގަ ކުރައްވައިފައެވެ. އަމާރަތު ޢާދިލާއާއި އަމާރަތު ޤާހިރާއެވެ. އަމާރަތު ޢާދިލާއަށް ކިޔަމަންވުމަކީ ވާޖިބެކެވެ. އެހެން ނަމަވެސް އަމާރާތު ޤާހިރާއަށް ހުރިހާ ޙާލަތެއްގައި ކިޔަމަންވުމެއް ވާޖިބެއްނޫނެވެ.
ހަމައެފަދައިން އިންޑިޔާގެ ޖަމާޢަތެ އިސްލާމީގެ އަމީރު މައުލާނާ ސައްޔިދު ޖަލާލުއްދީން ޢުމަރީވެސް ވަނީ ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ޢާންމުން ހިންގާ ޙަރަކާތްކަށް ތާއީދު ކުރައްވައިފައެވެ. ފަންސަވީސް ފެބްރުއަރީ ދެހާސް އެގާރައިގައި އޭނާ ނެރުއްވި ބަޔާނެއްގައެވެ. އޭނާގެ ފަތުވާއާއި އައްލާމާ ޔޫސުފުލް ޤަރްޟާވީގެ ފަތުވާގައި ވަނީ ދާދި އެއް ޚިޔާލުފުޅެކެވެ.
އިސްލާމީ ޤައުމުތަކުގެ ޗާޓުން ބޭރުވެފައިވާ ފާސިޤު ވެރީންނާ ދެކޮޅަށް ޢަމަލީގޮތުން ޙަރަކާތްތެރިވުން ހުއްދަ ކަމުގައި ފަތުވާ ދެއްވާ މަޝްހޫރު ޢާލިމުންގެ ތެރޭގައި ފަޟީލަތުއްދަކްތޫރު މުޙައްމަދު އައްރައިސޫނީ ވެސް ހިމެނިވަޑައިގަންނަވައެވެ. އޭނާއަކީ އަލްއިއްތިޙާދުލް ޢާލަމީ ލިޢުލަމާއުލް މުސްލިމީންގެ މުއައްސިސެވެ. އަދި އެ އިއްތިޙާދުގެ މެންބަރެކެވެ. ހަމައެފަދައިން، ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މަޖްލިސުލް ޢުލަމާއުގެ މެންބަރެކެވެ. އަލްމަޖްލިސުއް ތަންފީޛީ ލިލްމުޠަލައްޤީ އަލްޢާލަމީ ލިލްޢުލަމާއުލް މުސްލިމީންގެ ވެސް މެންބަރެކެވެ. މީގެ އިތުރުން ޖަމްޢިއްޔާ ޚިއްރީޖީ އައްދިރާސާތުލް އިސްލާމިއްޔާގެ އަމީންޢާއްމުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މަޣްރިބުގެ ރާބިޠަތުލް މުސްތަޤްބަލިލް އިސްލާމީގެ ރައީސްކަމާއި މަޣްރިބުގެ ޙަރަކަތުއްތައުޙީދު ވަލްއިޞްލާޙުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ޖާމިޢާ މުޙައްމަދު އަލްޚާމިސްގެ އުޞޫލުލްފިޤްހާއި މަޤާޞިދުއްޝަރީޢާގެ އުސްތާޛުކަމާއި، ޖިއްދާގެ މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ފިޤްހީ ޤަވާޢިދުތަކާ ބެހޭ ޑިޕާޓްމަންޓުގެ އިސް މުޝީރުކަން ހިމެނެއެވެ.
ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ އޭނާގެ [އިންޤިލާބާތެ ޢަރަބް ދުންޔާމޭ އިސްލާމީ ނުޤުޠާއޭ ނަޒަރު]ގައި ލިޔުއްވައިފައިވެއެވެ.
އިސްލާމީ ޢިލްމުވެރިކަމުގެ ފޮތްތަކުގެ ތެރެއިން އައްރައްދު ޢަލަލްމުޚްތާރިއަކީ ތަންކޮޅެއް ތުނި ފޮތެއް ކަމުގައި ވިޔަސް ޢިލްމީ އޮށްޓަރުގެ ގޮތުން އެފޮތަކީ ވަރަށްވެސް ބޯ ފޮތެކެވެ. އެފޮތުގެ ބާބުލް ބުޣާތުގައިވެއެވެ.
[ޚަލީފާ ޖަމާޢަތަކަށް އަނިޔާ ވެރިވުމުން އެ އަނިޔާ ދުރުކުރުމަށްޓަކައި އެޖަމާޢަތެއް ޚަލީފާގެ ކިޔަމަނުން ބޭރުވެ އެބައެއްގެ ޙައްޤު ލިބިގަތުމަށް މަސައްކަތްކުރި ކަމުގައި ވިޔަސް އެ ޖަމާޢަތަކީ ބާޣީ ޖަމާޢަތެއްކަމަކަށް ކަނޑައެއް ނޭޅޭނެއެވެ. ޔަޢުނީ އެއީ މަނާކުރެވިފައިވާ ބަޣާވަތެއް ކަމަކަށެއް ނުވާނެއެވެ. (ކީރިތި ޤުރްއާނުގައި މަނާކުރައްވައިފައި ވަނީ ޙައްޤަކާ ނުލައި ބަޣާވަތް ކުރުމެވެ.) އަނިޔާލިބުނު މީހުނާ ދެކޮޅަށް ޚަލީފާއަށް ވާގިވެރިވެ އަނިޔާވެރިކަމަށް އެހީތެރިވުން މުސްލިމުންނަށް ހުއްދަވެގެންނެއް ނުވާނެއެވެ. ބައެއް ޢިލްމުވެރީންގެ އަރިހުގައި އެ އަނިޔާލިބިފައިވާ މީހުނަށް އެހީތެރިވެ އަތްބާރުއަޅައި ދިނުން މުސްލިމުންގެ މައްޗަށް ވާޖިބުވާނެއެވެ.]
[ދެވަނަ ކަމަކީ މުސްލިމުން ކިޔަމަންވެ ބޯލެނބުމުގެ އަމުރު އައިސްފައިވަނީ އަމީރުލް މުއުމިނީން ނުވަތަ ޚަލީފަތުލް މުސްލިމީން ކަމުގައި ހިމެނޭ އަމީރުންނަށެވެ. އެ ވެރިޔަކީ ޞާލިޙެއް ކަމުގައި ވިޔަސް ފާޖިރެއް ކަމުގައި ވިޔަސް އޭނާއަށް ކިޔަމަންވުމަށް ޙަދީޘްފުޅު ތަކުގައި އަމުރުކުރައްވައިފައި ވަނީ އެފަދަ އަމީރުންނަށެވެ. މުސްލިމުންގެ މެދުގައި މިހާރަކު އެފަދަ އިޖްތިމާޢީ ވަޙްދަތެއްނެތެވެ. އެ ދައުލަތެއްގެ އަމީރު ނުވަތަ އިމާމު ނުވަތަ ޚަލީފާއަށް ކިޔަމަންވުމުގެ އަމުރު އައިސްފައިވާ ފަދަ ދައުލަތެއް ނުވަތަ އެފަދަ ނިޒާމެއްނެތެވެ. މިއަދު އިސްލާމީ އުންމަތްވަނީ ކުދިކުދި އެތައް ދައުލަތްތަކަކަށް ބެހިފައެވެ. އެދައުލަތްތަކުން ހިންގަނީ ގޮށްމުށު ބާރެވެ. އިސްކުރަނީ އަނިޔާވެރިކަމެވެ. އެބައިމީހުންގެ ނަޒަރިއްޔާތު އިސްލާމްދީނާ ދުރެވެ. އެބައިމީހުންނަކީ އެހެންޏާ އިޝްތިރާކިއްޔަތުގެ ބައިވެރީންނެވެ. އެހެންޏާ ހުޅަނގުގެ ތަހްޒީބުގެ ދިދަ އުފުލައިދޭ މީހުންނެވެ. އެބައިމީހުންގެ ޤިބްލައަކީ ލަންޑަނާއި، ޕެރިހާއި، މޮސްކޯއާއި، ވޮޝިންގޓަނެވެ. އެހެންވީއިރު އެފަދަވެރީންނަށް ތަބާވުމަކީވެސް ވާޖިބެއް ހެއްޔެވެ؟ ނުވަތަ އެބައިމީހުން ޢަޒުލުކުރާން މަސައްކަތް ކުރުމަކީ ޝަރްޢާ ޚިލާފުކަމެއް ހެއްޔެވެ؟]
[އިސްރާއީލާ ރަޙްމަތްތެރިކަމުގެ މުޢާހަދާކޮށް ގުޅުން ބަހައްޓައި އިސްލާމީ ޙުދޫދުތަކަށް ފުރައްސާރަކޮށް އިސްލާމްދީނުގެ ނަބިއްޔާއަށް ތައުހީނުކުރާ [އަމީރުލް މުއުމިނީނުން] ނަށްވެސް ކިޔަމަންވުމުގެ އަމުރު އައިސްފައިވޭ ހެއްޔެވެ. އެއްވުންތަކާއި މުޒާހަރާތަކުގެ ޒަރީޢާއިން އެފަދަ މީހުން ވެރިކަމުން ދުރުކޮށް އެއަށްވުރެ ހެޔޮލަފާ ބަޔަކު ވެރިކަމަށް ގެނެސް ގޮށްމުށުބާރުގެ ނިޒާމު ނިމުމަކަށް ގެނެސް އިންސާނީ ޙައްޤުތައް ޢާއްމުކުރެވޭން އޮތްކަމުގައި ވިޔަސް އެކަން ނުކުރާންވީ ހެއްޔެވެ؟]
[ބައެއް ފަހަރަށް އިޙްސާސްވާ ގޮތުގައި އިސްލާމްދީނުގެ ޞައްޙަ ތަޞައްވުރު ފޮހެވިގެން ގޮސްފައިވަނީ ހަމައެކަނި މުސްލިމުންގެ ޢާއްމުންގެ ހިތްތަކަކުންނޫނެވެ. ޚާއްޞުންގެ ސިކުނޑިތަކުންވެސް މެއެވެ. އެބައިމީހުންނަކަށް އިސްލާމީވެރިކަމާއި މުސްލިމުންގެ ވެރިކަމާހުރި ފަރަޤު ފާހަގައެއް ނުކުރެވެއެވެ. އެބައިމީހުން ދެކޭ ގޮތުގައި އިސްލާމީ ނަމެއްކިޔާ މީހަކު ރައީސަކަށް ނުވަތަ ރަސްކަލަކަށް ނުވަތަ ބޮޑު ވަޒީރަކަށް ހުރުމުން އެމީހެއްގެ ވެރިކަމަކީ އިސްލާމީ ވެރިކަމެކެވެ. އަނެއްކޮޅުން މުސްލިމެއްގެ ފަރުދީ ޙަޔާތުގައި ނަމާދާއި، ރޯދައާއި މިބާވަތުގެ ދީނީ ވާޖިބުތައް އަދާކުރުން ލާޒިމުވާ ފަދައިން މުސްލިމުންގެ އިޖްތިމާޢީ ޙަޔާތުގައި އިސްލާމްދީނުގެ ސިޔާސީ އިޤްތިޞާދީ، އިޖްތިމާޢީ ނިޒާމު ތަންފީޒު ކުރުމަކީވެސް ލާޒިމު ކަމެކެވެ. އެ ނިޒާމުތައް ތަންފީޒު ނުކުރެވޭނަމަ އެ ވެރިކަމަކީ އިސްލާމީ ވެރިކަމަކަށް ނުވާނެއެވެ. އެފަދަވެރިކަމެއް ބަދަލުކޮށްލުމުގެ އެކަށޭނަކަން ކިރިޔާވެސް އޮތްކަމުގައިވާނަމަ އެކަމަށް މަސައްކަތް ކުރާން ޖެހޭނެއެވެ. އިސްލާމީ ދުނިޔޭގައި މިހާރު ހިނގަމުން މިދަނީ އެމަސައްކަތެވެ.]
އިސްލާމްދީން ފޮނުއްވީ އިންސާނުން އެންމެހައި މަޚްލޫޤާތުތަކުގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށްޓަކައެވެ. އެބައިމީހުންގެ ޚާލިޤުވަންތަ މާތްﷲއަށް އެކަނި އަޅުވެތިވެ ބޯލަނބާ ބަޔަކަށް ހެއްދެވުމަށް ޓަކައެވެ. މުސްލިމުން ކިސްރާއާއި ޤައިޞަރާ ދެކޮޅަށް ތެދުވުމުގެވެސް އެންމެ ޚާއްޞަ އެއް މަޤްޞަދަކީ ފާރިސީންނާއި ރޫމީންގެ އަޅުވެތި ކަމުގައި ހަފުސްވެފައި ތިބި ރައްޔިތުންނަށް މިނިވަންކަމާއި އިންސާނީ ކަރާމަތް ހޯދައި ދިނުމެވެ. އެބައިމީހުންނަށް އަނިޔާ ކުރެވެމުންދާއިރު ކޫސް ކިޔައިލުމުގެ ޙައްޤުވެސް ލިބިފައިނުވާތީ ވެރީންގެ ކުރިމަތީގައި މަތިހަށިނަގައި ވާހަކަދެއްކުމުގެ ޙައްޤު ލިބިދިނުމެވެ. އެހެންކަމުން އިސްލާމީ މަންހަޖުގައި މުސްލިމުންނަށް ވަނީ ނުހަނުފުޅާ ދާއިރާއެއްގައި ވެރީން މުޙާސަބާކުރުމުގެ ޙައްޤު ދީފައެވެ.
ކައުސާހިބާ صلى الله عليه وسلم ގެ ޚަލީފާ އަމީރުލް މުއުމިނީން އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ޚަލީފާކަމުގެ އެންމެ ފުރަތަމަ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
[އަހަރެން މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާހައި ހިނދަކު ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންވާށެވެ. އަހަރެން މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެނަމަ އަހަރެންނަށް ކިޔަމަންވުމެއް ތިޔަބައިމީހުންގެ މައްޗަކަށެއް ނެތެވެ.]
އަމީރުލް މުއުމިނީން ޢުމަރުލްފާރޫޤު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި ބަލިކަށި އަންހެނުންނަށްވެސް އެކަލޭގެފާނު އިޙްތިސާބު ކުރެވެއެވެ. ޞަޙާބީންގެ މަޖްމަޢެއްގައި ވާހަކަދައްކަވަމުން އެއްފަހަރަކު ސުވާލުކުރެއްވިއެވެ. [އަހަރެން ތެދުމަގުން އެއްކިބާ ވެއްޖެނަމަ ތިޔަބައިމީހުން ކަންތައްކުރާނީ ކިހިނަކުން ހެއްޔެވެ؟ ޞަޙާބީންގެ ބައެއް ބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ސީދާކުރާނީ އަޅުގަނޑުމެންގެ ކަނޑިތަކުންނެވެ. ޞަޙާބީން މިޖަވާބު ދެއްވުމުން ޢުމަރުގެފާނު އެކަމާ ކޯފާވެ އެބޭކަލުންނަކާ މޮއްޓަވައެއް ނަހައްދަވައެވެ. ވަލިއްޔުލް އަމްރުގެ ކުރިފުޅު މައްޗަށް ކަނޑިހިފައިގެން ނިކުތުމަކީ ޙަރާމްކަމެކޭ ވިދާޅެއްނުވެއެވެ. އަދި ކީއްތޯއެވެ؟ އެބޭކަލުން ސާބަސްދެއްވައި ތާރީފުކުރެއްވިއެވެ. އިސްލާމީ އުންމަތުގައި އެފަދަ ބޭކަލުން ތިއްބެވީތީ މާތްﷲއަށް ޙަމްދު ކުރެއްވިއެވެ. ޢުމަރު ރަޟިޔަﷲ ޢަންހުގެ މިޒާޖުފުޅާއި އެކަލޭގެފާނު އުންމަތަށް އިރުޝާދު ދެއްވަމުން ގެންދެވި ގޮތް ދެނެވަޑައިގަންނަވާ ހުރިހާ ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވާނެ ފަދައިން ޢުމަރުގެފާނުގެ ނަޒަރުގައި ހުއްދަނޫން ދަރަޖައަކަށް ވަޑައިގަންނަވާން އެބޭކަލުން ހުށަހެޅުއްވިނަމަ ޢުމަރުގެފާނު އެކަމުގައި އެބޭކަލުންނަށް ވަޑައިގެންނެވޭނެ އިން ފާހަގަ ކޮށްދެއްވީހެވެ.
ޝައްކެއްނެތެވެ. އިސްލާމީ ޝަރީޢަތުގެ މިޒާޖާއި އިސްލާމްދީނުގެ ނަބިއްޔާގެ ބަސްފުޅުތަކުގެ އެންމެ ފުރިހަމަ މަފްހޫމު ދެނެވަޑައި ގަތުމުގައިވެސް އެންމެ ކުރިޔަށް ތިއްބެވީ އެކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންނެވެ. އިތުރު ސާހިބާގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ގޮތްކޮޅަކީ މިންހާޖުއްނުބުއްވަތެވެ. އަޅުގަނޑުމެންނަށް ތަބާވާންޖެހޭ ނަމޫނާއެވެ.
އިމާމުލް އަޢުޡަމްގެ ބަސްފުޅާއި ޢަމަލުފުޅު
އަލްއިމާމު އަބޫޙަނީފާ ރަޙިމަހުﷲގެ ދުވަސްވަރު އިސްލާމީ ދުނިޔޭގައި ބަޙްޘުކުރެވެމުންދިޔަ އެންމެ މުހިންމު އެއްމަސްއަލައަކީ މުސްލިމުންގެ އިމާމަކީ އަނިޔާވެރި ފާސިޤަކަށް ވެއްޖެނަމަ އެމީހަކާ ދެކޮޅަށް ނުކުމެވިދާނެތޯ މި މަސްއަލައެވެ. މި މަސްއަލައަކީ ޚުދު އަހްލުއްސުންނާގެ މެދުގައިވެސް ފަހަކަށްއައިސް ޚިލާފު އުފެދިފައިވާ މަސްއަލައެކެވެ. އަހްލުލްޙަދީޘްގެ ވަރަށްބޮޑު ޖަމާޢަތެއްގެ ޚިޔާލުގައި އެމީހެއްގެ އަނިޔާއާ ދެކޮޅަށް ހަމައެކަނި ދުލުން އަޑު އުފުލިދާނެއެވެ. އެމީހެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނެވިދާނެއެވެ. ނަމަވެސް އެމީހަކާ ދެކޮޅަކަށެއް ނުނިކުމެވޭނެއެވެ. އެމީހަކު ޙައްޤަކާނުލައި ލޭ އޮހޮރުވިޔަސް ވެހެވެ. މީސްތަކުންގެ ޙައްޤުތައް ނިގުޅައި ގަތަސްވެހެވެ. ފާޅުގައި ފާސިޤުކަމަށް އަރައިގަތް ކަމުގައި ވިޔަސްވެހެވެ. ނަމަވެސް އިމާމުއަބޫޙަނީފާގެ ނަޒަރުގައި ފާސިޤުންގެ އިމާމުކަން ހަމައެކަނި ބާޠިލީކީ ނޫނެވެ. އަދި ކީއްތޯއެވެ. އެފަދަ އަމީރުންނާ ދެކޮޅަށް ހަތިޔާރާއެކު ނުކުމެވިވެސް ދާނެއެވެ. ކާމިޔާބު އިންޤިލާބެއްގެ ޒަރީޢާއިން އަނިޔާވެރި ފާސިޤުގެ ބަދަލުގައި ޢަދުލުވެރި ޞާލިޙު މީހަކު ވެރިކަމަށް ގެނެވުމުގެ އެކަށޭނަކަން އޮތްކަމުގައިވާނަމަ އެމީހަކާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްގެން ނިކުތުމަކީ ލާޒިމުވެސް ކަމެކެވެ.
އިމާމުއަބޫޙަނީފާގެ އުސޫލީ ރައުޔު އެކަލޭގެފާނު ފާޅުކުރައްވައިފައިވާ ޚިޔާލުފުޅުތަކުން އޮޅުމެއްނެތި ސާފުވެއެވެ. ނަމަވެސް އެކަލޭގެފާނު އެގޮތުގައި ސާބިތުވެ ހުންނެވީ ކިހާ ވަރަކަށްކަން ހާމަވެގެންދަނީ އަނިޔާވެރި ވެރީންނާ ދެކޮޅަށް އެކަލޭގެފާނުގެ ޒަމާނުގައި ނިކުމެވަޑައިގެންނެވި ބޭކަލުންނަށް ދެއްވި ޢަމަލީ ތާއީދު ތަކުންނެވެ. މިގޮތުން ފާހަގަކުރެވޭ އެންމެ ފުރަތަމަ ޙާދިޘާއަކީ ޒައިދު ބިން ޢަލީ އުމަވީ ދައުލަތާ ދެކޮޅަށް ނިކުމެވަޑައި ގެންނެވި ނުކުމެވަޑައި ގަތުމެވެ. ޒައިދު ބިން ޢަލީއަކީ އަލްއިމާމު ޙުސައިން ބިން ޢަލީ ރަޟިޔަﷲ ޢަންހުގެ ކާފަ ދަރިކަލެކެވެ. އިމާމު މުޙައްމަދުލް ބާޤިރުގެ އަޚެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި އަރާހުންނެވި ޢާލިމެކެވެ. ފިޤްހުވެރިޔެކެވެ. ޞާލިޙު މާތް ބޭކަލެކެވެ. ޚުދް އަބޫ ޙަނީފާވެސް ވަނީ އެކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައި ގެންފައެވެ.
އެކަލޭގެފާނު އުމަވީ ދައުލަތާ ދެކޮޅަށް ނިކުމެވަޑައިގަތީ ހިޖްރައިން އެއްސަތޭކަ ބާވީސްވަނަ އަހަރުގެ ޞަފަރު މަހުއެވެ. އެކަލޭގެފާނުގެ ނިކުމެވަޑައިގަތުމުގައި އިމާމުއަބޫޙަނީފާގެ ފުރިހަމަ ތާއީދުއޮތީ އެކަލޭގެފާނާ އެކުގައެވެ. އެކަލޭގެފާނަށް މާލީގޮތުން އެހީތެރިވެވަޑައިގެން ދެއްވިއެވެ. އެކަލޭގެފާނާ ބައިވެރިވުމަށް މީހުނަށް ބާރުއެޅުއްވިއެވެ. އެކަލޭގެފާނުގެ ނިކުމެވަޑައިގަތުން رسول الله صلى الله عليه وسلم ބަދުރު ހަނގުރާމައަށް ނިކުމެވަޑައިގެންނެވި ނިކުމެވަޑައިގަތުމާ އެއްސިފަ ކުރެއްވިއެވެ. އާދެ، އިމާމު އަބޫ ޙަނީފާގެ އަރިހުގައި ޒައިދު ބިން ޢަލީ ހުންނެވީ ޙައްޤުގައި ކަމީ ކަށަވަރު ކަމެކެވެ. އިތުރު ސާހިބާ ހުންނެވީ ޙައްޤުގައިކަން އެނގޭފަދައިން ސާބިތުވެ އެނގޭ ކަމެކެވެ. (ތަފްޙީވާތު، ޖިލްދު: 3، ޞަފްޙާ 245 - ސައްޔިދު އަބުލް އަޢުލާ މައުދޫދީ)
މިބާވަތުގެ ދެވަނަ ޙާދިޘާއަކީ މުޙައްމަދު ބިން ޢަބްދިﷲ (ނަފްސު ޒަކިއްޔާ) އާއި އެކަލޭގެފާނުގެ އަޚު އިބްރާހީމް، ޢައްބާސީ ދައުލަތާ ދެކޮޅަށް ނިކުމެވަޑައިގެންނެވި ނިކުމެ ވަޑައިގަތުމެވެ. އެދެބޭކަލުންނަކީ އަލްއިމާމު ޙަސަން ބިން ޢަލީ ރަޟިޔަﷲ ޢަންހުގެ އައުލާދުގެ ބޭކަލުންނެވެ. އެ ދެބޭކަލުން ޢައްބާސީ ދައުލަތާ ދެކޮޅަށް ނިކުމެވަޑައިގަތީ ހިޖްރައިން 145 ވަނަ އަހަރުއެވެ.
ނަފްސު ޒަކިއްޔާ ޢައްބާސީ ދަޢުލަތާ ދެކޮޅަށް ނިކުމެވަޑައިގެންނެވި ޙާދިޘާގައި އިމާމުއަބޫޙަނީފާ ނަފްސު ޒަކިއްޔާއަށް ތާއީދުކުރައްވައި އޭނާއަށް އެހީތެރިވެވަޑައިގަތީ ޒައިދު ބިން ޢަލީގެ ޙާދިޘާއަށްވުރެވެސް މާފާޅުކަންބޮޑު ގޮތެއްގައެވެ. ޢައްބާސީ ޚަލީފާ އަބޫޖަޢުފަރުލްމަންޞޫރު ސީދާ ކޫފާގައި ހުންނަވަނިކޮށެވެ. ކޫފާގައި ރޭގަނޑަށް ކާފިއު ހިންގައިފައި އޮއްވައެވެ. އިބްރާހީމާއެކު ޢައްބާސީންނާ ދެކޮޅަށް ނިކުތުމަކީ ސުންނަތް ޙައްޖަކަށްވުރެ ފަންސާސްގުނަ ނުވަތަ ހަތްދިހަގުނަ ސަވާބު އިތުރުވާނެކަމެއް ކަމުގައި އިމާމުއަބޫޙަނީފާ ފަތުވާދެއްވިއެވެ. އަބޫ އިސްޙާޤު އަލްފަޒާރީއެވެ ކިޔުނު މީހަކާ މުޚާޠަބުކުރައްވައި އިމާމު ވިދާޅުވެފައިވެއެވެ. އިބްރާހީމާ ބައިވެރިވާ ކަލޭގެ އަޚާގެ ޢަމަލު ކަލޭގެ ކާފަރުންނާ ދެކޮޅަށް ތިޔަކުރާ ހަނގުރާމައަށްވުރެ، މާހެޔޮކަން ބޮޑެވެ. އަބޫބަކުރުޖައްޞާޞާއި، އަލްމުވައްފިޤުލް މައްކީއާއި، އިބްނުލްބައްޒާރުވަނީ އިމާމުގެ މިވާހަކަފުޅު ނަކަލު ކުރައްވައިފައެވެ. ޚުދް އެބޭކަލުންނަކީވެސް ބޮޑެތި ބޮޑެތި ފަޤީހުންނެވެ. މި ދެ ޙާދިޘާއިން ހާމަވެގެންދަނީ ކާމިޔާބު އަދި ޞާލިޙް އިންޤިލާބެއްގެ އެކަށޭނަކަން އޮތްކަމުގައިވާނަމަ އަނިޔާވެރި ސަރުކާރަކާ ދެކޮޅަށް ނިކުތުމަކީ ހަމައެކަނި ހުއްދަކަމަކީ ނޫންކަމަށާއި ވާޖިބުކަމެއްކަމަށް އިމާމު ދެއްވައިފައިވާ ފަތުވާގައި ސާބިތުވެ ހުންނެވި ވަރުގަދަކަމެވެ. މުސްލިމް މުޖްތަމަޢުގެ ދާޚިލީ ނިޒާމު ފާސިދުވެރިކަމެއްގެ އަޅުވެތިކަމުން މިންޖުކުރަން މަސައްކަތްކުރުން ބޭރުގެ ކާފަރުންނާ ދެކޮޅަށް ކުރާ ހަނގުރަމަޔަކަށްވުރެ މާމުހިންމު ކަމުގައި އިމާމު ދެކެވަޑައި ގަންނަވާކަމެވެ.
މި މަސްއަލައިގައި އަލްއިމާމު މާލިކު ރަޙިމަހުﷲ ޢަމަލުކުރައްވައިފައިވާ ގޮތްކޮޅުވެސް އިމާމު އަބޫ ޙަނީފާއާ ވަކި ތަފާތެއްނޫނެވެ. ނަފްސު ޒަކިއްޔާ ނުކުމެވަޑައިގެންނެވި ދުވަސްވަރު އިމާމު މާލިކާ މީހުން ސުވާލުކުރިއެވެ. [އަޅުގަނޑުމެންގެ ކަނދުރާގައިވަނީ ޚަލީފާ މަންޞޫރުގެ ބައިޢަތުގެ ލަގަން އެޅިފައެވެ. އެހެންވީއިރު ޚަލީފާކަމަށް ދަޢުވާކުރާ އެހެން ފަރާތަކާ އަޅުގަނޑުމެންނަށް ބައިވެރިވެވޭނީ ކިހިނަކުންތޯއެވެ؟] އިމާމު މާލިކު ފަތުވާ ދެއްވިއެވެ. ޢައްބާސީންނަކީ އަނިޔާވެރިކަމުގެ ޒަރީޢާއިން ވެރިކަންކުރާ ބައެކެވެ. އިމާމު މާލިކުގެ މިފަތުވާގެ ސަބަބުން ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ނަފްސު ޒަކިއްޔާއާ ބައިވެރިވިއެވެ. އިމާމު މާލިކަށްވަނީ އެކަމުގެ އަދަބު ލިބިވަޑައިގެންފައެވެ. މަދީނާގެ ޢައްބާސީ ގަވަރުނަރ ޖަޢުފަރު ބިން ސުލައިމާން އެކަލޭގެފާނުގެ ގައިކޮޅުގައި ހަންމުށީން ތަޅުވައި އެކަލޭގެފާނުގެ އަތްޕުޅު ކޮނޑުހުޅުފުޅުން ލުއްސައިލިއެވެ. (ތަފްހީމާތު، ޖިލްދު: 3، ޞަފްޙާ: 249 ސައްޔިދު އަބުލް އަޢުލާ މައުދޫދީ)
ދެ އިމާމުންގެ ގިނިކަންޏާ ރައުޔެއް ނޫނެވެ.
އަނިޔާވެރި ވެރީންނާ ދެކޮޅަށް ޢަސްކަރީގޮތުން ނިކުތުމުގެ މަސްއަލައިގައި އަހްލުއްސުންނާގެ ތެރޭގައި އަލްއިމާމު އަބޫ ޙުނައިފާއާއި އަލްއިމާމު މާލިކަކީ އެބޭކަލުންގެ ރައުޔުގައި ގިނިކަންޏާ ދެބޭކަލުންނޭ ބުނުމަކީ ޞައްޙަ ބުނުމެއްނޫނެވެ. ޙަޤީޤަތުގައި ހިޖްރީ ފުރަތަމަ ޤަރުނުގައި އިސްލާމްދީނުގެ ޢިލްމުވެރީންގެ ބޮޑުންގެ ރައުޔަކީ އަލްއިމާމު އަބޫ ޙަނީފާއާއި އަލްއިމާމު މާލިކު އެބޭކަލުންގެ ބަސްފުޅާއި ޢަމަލުފުޅުން ދައްކަވައިފައިވާ ގޮތްކޮޅެވެ. އަމީރުލް މުއުމިނީން އަބޫ ބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ޚިލާފަތުގެ ބައިޢަތަށްފަހު ދެއްވި އިފްތިތާޙީ ތަޤްރީރުގެ ވާހަކައާއި، އަމީރުލްމުއުމިނީން ޢުމަރުލްފާރޫޤު ރަޟިޔަﷲ ޢަންހު ވެރީން އިހްތިސާބު ކުރުމާމެދު ދެކެވަޑައިގަންނަވާ ގޮތުގެ ވާހަކަ އިސްވެދިޔަ ތާނގައިވަނީ ބަޔާންކުރެވިފައެވެ.
އިސްލާމްދީނުގެ ނަބިއްޔާ صلى الله عليه وسلم ގެ ލޯފުޅުގެ ނޫރުކަމުގައި ހިމެނިވަޑައިގަންނަވާ ލޮބުވެތި މާފަ ދަރިކަލުން އަލްއިމާމު ޙުސައިން ބިން ޢަލީ ރަޟިޔަﷲ ޢަންހު، ޔަޒީދު ބިން މުޢާވިޔާގެ ޤާއިމުވެފައިވާ ވެރިކަމާ ދެކޮޅަށް ނުކުމެވަޑައި ގެންނެވިއެވެ. ޚުދް އެކަލޭގެފާނަކީ އިސްލާމްދީނުގެ މުޖްތަހިދެކެވެ. ސުވަރުގޭގެ ޒުވާނުންގެ ވެރިޔެކެވެ. ކައުސާހިބާ صلى الله عليه وسلم ގެ ސުވަރުގޭގެ ދެމަލުންކުރެ އެއްމަލެވެ. އެކަލޭގެފާނު ޔަޒީދުގެ ވެރިކަމާދެކޮޅަށް ނިކުމެވަޑައިގެންނެވިއިރު ޞަޙާބީންގެ ވަރަށްގިނަ ބޭކަލުންވެސް ދުނިޔޭގައި ތިއްބެވިއެވެ. (ނުނިމޭ)