ދިވެހިރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުންކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ޗައިނާގެ 75ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ގައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާ ރައީސް ވިދާޅުވީ ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އެ ނޫންވެސް ގިނަ އުމްރާނީ މަޝްރޫއުތަކަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށެވެ.

އެގޮތުން ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިހުތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިގުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ 75ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ޗައިނާއިން މެދުނުކެނޑި ބައިވެރިވާ ކަމަށް -- ފޮޓޯ/ މުހައްމަދު ޝާން

އަދި ކުރިއަށް އޮތް ތަނުގައި ޗައިނާއާއެކު ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ބޯހިޔާވަހިކަމުގެ އިތުރުން ސަގާފީ ދާއިރާ ކުރިއަރުވާ، މިހާރަށްވުރެ ގުޅުން ބަދަހިވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފައިވެއެވެ.

ޗައިނާގެ ކުރިއެރުމަކީ ހަމައެކަނި އެގައުމުގެ އަމިއްލަ ވާހަކައެއް ނޫން. މިއީ ރާއްޖެ ހިމެނޭ ގޮތަށް ތަރައްގީވަމުން އަންނަ ހުރިހާ ގައުމަކަށް ވެސް ހިތްވަރު ލިބޭ ކަމެއް. ދުރުވިސްނޭ ލީޑަޝިޕެއްގެ ދަށުން ޗައިނާއިން ވަނީ އެތައް ސަތޭކަ މިލިއަން ބަޔަކު ފަގީރުކަމުން ސަލާމަތްކޮށް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސޯދަށް ވެފައި،ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވަނީ އެ ގައުމުގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ އަޒުމާއި ސާބިތުކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ އިގްތިސޯދުގައި ބާރުވެރި ގައުމެއްގެ ގޮތުގައި ޗައިނާ ހިމެނުނީ، ގައުމުގެ ތަރައްގީ ޒަމާނާ ހަމަހަމަކުރުމަށް އަހައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ހާސިލްކުރުމަށް ޗައިނާއިން ކުރި ދަތުރުގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

‎އަދި މުސްތަގުބަލުގައި ދެ ގައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުސަތުތަކެއް ލިބި، އަމަންއަމާންކަން އިތުރުވެގެންދާނޭކަމަށް ޔަގީންކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ 1949ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެންނެވެ.