30 Jun 2012, 12:17
ދާދި މިދާކަށްދުވަހު ދިމާވި ކަމެކެވެ. އިރާކޮޅުގެ ވަގުތެވެ. ލޮނުޒިޔާރަތް މަގުން ހެންވޭރާ ވީކޮޅަށް ދުއްވާފައި ގޮސް ޝަހީދުއަލީ މިސްކިތާ އަރައި ހަމަވިއިރު އެދިމާގައި ތަންކޮޅެއް ބައި ހެޔޮކޮށް އޮތީމާ މަޑުކޮށްލައިފީމެވެ. ވެގެން އުޅޭ ގޮތެއް ބަލައިލުމަށެވެ. ސައިކަލް ޕާކުކޮށްފައި ފައިބައިގެން ތަންކޮޅަކަށް ދިޔަތަނާ އެބައިގަނޑުގެ ތެރެއިން ފުލުހުންގެ ދެތިން މީހަކުވެސް ފެނިއްޖެ އެވެ. ކޮންމެވެސް ކަންތައްގަނޑެއް ބަޔަކު ހިންގާލައިގެން އުޅެނީކަން ކަށަވަރުވެއްޖެ އެވެ.
އެތަނަށް ގޮސް ވެގެން އުޅޭގޮތެއް އޮޅުން ފިލާތޯ ފުރަތަމަ އަހައިލި މީހާއަށް އެއްޗެއް އެނގޭ ކަމަކަށް ނުހެދި އެވެ. ދެން އިތުރު މީހެއްގާތަކު ނާހަމަވެ. ފުލުހުން ކުރާކަމެއް ބަލައިލުމަށް އެދިމާއަށް ޖެހިލައިފީމެވެ. އޭރު ފުލުހުންގެ ގާތުގައި ވާހަކަ ދައްކަން ތިބީ ޒުވާން ފުރައިގެ ތިން ކުއްޖެކެވެ. އެކުދިންގެ ވާހަކަ އަޑު އަހައިލުމުން ވެގެން އުޅޭ ގޮތް ކިތަންމެ ރަނގަޅަކަށް ވެސް ސާފުވެއްޖެ އެވެ.
އެއީ ލޮނުޒިޔާރަތްމަގެވެ. ހެންވޭރު ސްކޫލަށް ވުރެވެސް އެކޮޅުން ފެށިގެން ޝަހީދުއަލީ މިސްކިތް ފަސްދީ ޖަނަވަރީ ހިނގުމާހަމައަށް ހުރި ހުރިހާ ސައިކަލެއްގެ މަޑީގައި ކޮޅުން ކޮޅަށް ކަޓަރު އަޅާފައި ހުރެގެން އެކަން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރީ އެވެ. ފުލުހުން އައިސް އެ އުޅެނީ އެ މައްސަލަ ބަލާށެވެ. މީހުންތައް އެއްވެ އެ އުޅެނީ، މިބާވަތުގެ ކޮންމެ ކަމެއްގައި އޮންނަ އާންމު އުޞުލުގެ މަތިންނެވެ.
އެރޭގެ އެ "ކުޑަކުޑަ" ހާދިސާގައި ހަމަ ކަށަވަރުންވެސް ފަންސާހަކަށް ފަސްދޮޅަހަކަށް ސައިކަލުގެ މަޑި ކަފާލާފައި ވާނެއެވެ. މިމަންޒަރު ފެނިފައި ހިތަށް އެރި އެވެ. ހަމަގައިމުވެސް މިއީ މީހެއްގެ ކިބައިން ނުވަތަ ބަޔަކުގެ ކިބައިން ހިފާފައިވާ ބަދަލަކަށް ނުވާނެއެވެ. އެންމެ މީހަކު ނުވަތަ ބަޔަކު އައިސް މި އެންމެންގެ ކިބައިން ބަދަލު ހިފާވަރުގެ ކަމެއް ދިމާވެދާނެހެން ހީނުވާތީ އެވެ. ކޮންމެވެސް މީހެއްގެ ލާނެތްކަމުގެ ލާނެތް އަމަލަކަށް ނޫނީ މިކަމެއް ނުވާނެ އެވެ. އެހެންނަމަވެސް މިފަދަ ލާނެތްކަމެއް ގައުމެއްގައި އަށަގެންފިނަމަ ދިރިއުޅެން ހެޔޮވާވަރުގެ ގައުމަކަށް މި ގައުމުވާނެ ބާވަ އެވެ. މިއަދުގެ ލާނެތްކަން މަގުތަކުގައި ހުރި ހުރިހާ ސައިކަލަށެވެ. މާދަމާގެ ލާނެތްކަން މަގުތަކުގައި ހިނގާ ބިނގާވެ އުޅޭ އެންމެންނަށެވެ.
ޙައްޤުން ކަމަކާނުލައި މީހުންގެ މުދަލަށާއި ގޯތި ގެދޮރަށް ގެއްލުން ދިނުމަކީ މިއަދު މިގައުމުގައި އާކަމެއް ނޫނެވެ. އެހެންނަމަވެސް މިފަދަ އަމަލުތަކަކީ އޭގެ ޒާތުގައި ބިރުހުރި ނުރައްކާތެރި އަމަލުތަކެކެވެ. މިހެން މި ދެންނެވީ، އެފަދަ އެއްޗިއްސަކީ ނުވަތަ ތަންތަނަކީ މީސްމީހުންގެ މުޅި ދިރިއުޅުމާ ގުޅިފައި ހުރި އެއްޗިއްސާއި ތަންތަން ކަމަށްވާތީ އެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އެއްކުރާ ފައިސާކޮޅުން ހޯދާ ތަކެއްޗާއި ތަންތަން ކަމަށްވާތީ އެވެ. މިފަދަ އެއްޗަކަށް ނުވަތަ ތަނަކަށް ބޮޑު ގެއްލުމެއް ދީފިނަމަ އެއޮތް ހުރިހާ ދުވަހު އެމީހަކު ކުރި ބުރަ މަސައްކަތާއި އޮހޮރި ދާތައް އޮޔަށް ވަޔަށް ބުރައިގެން އެ ދަނީ ހަމަ ބަސްބުނާ ހިނދުންނެވެ.
މިފަދަ ކަންކަން މިއަދު ހިނގަނީ ހަމައެކަނި މާލެއަކު ނޫނެވެ. މިބާވަތުގެ "އަތްމުނިމުނިކެވުން" އަތުގެ އިނގިލިތަކުން ގުނާލަން ފަސޭހަނުވާ މިންވަރަށް އިތުރުވެފައި ހުރި ރަށް ރަށް އަތޮޅުތަކުގައި ވެސް އެބަހުއްޓެވެ. ދަނޑުވެރިން ބުރަ މަސައްކަތުން ހައްދާ ދަނޑުތައް، ރޭގަނޑު ދަންވަރު ގޮސް ހަފުސްކޮށްލުމަކީ ރަށްރަށުގައި އައުކަމެއް ނޫނެވެ. ފުރާޅަށް ގާއުކައި، ގޭގެއާއި ފިހާރަތަކުގެ ބިއްލޫރިތައް ތަޅައި، ފަޅު އޮޑިފަހަރަށް ގެއްލުން ދިނުމަކީ ކުރަން ހެޔޮނުވާވަރުގެ ކަންކަމަށް ވިޔަސް، ކުރަމުން އަންނަ ކަންކަމެވެ. ދާދި މިދާކަށް ދުވަހު ނޫހެއްގައި އޮތް ޚަބަރަކީ މީހަކު އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން ބަން ބޮޑު އޮޑިއެއް، އެންމެ ދަތުރެއްވެސް ނުކޮށް، އާރޯ ތާނާކަން މަތީގައި އޮއްވާ އަންދާ އަޅިއަށް ހަދާލި ވާހަކަ އެވެ. ހެޔޮވާނެހެއްޔެވެ؟
ޚިޔާލުތަފާތުވެދާނެ އެވެ. ނުރުހުމުގެ ރާގުގައި ވާހަކަދައްކަންވެސް ޖެހިދާނެ އެވެ. ހިތާނުވާފަދަ ބަހެއްވެސް މީހަކު ބުނެފާނެ އެވެ. ނުވަތަ އެއަށްވުރެ ބޮޑުކަމަކާވެސް ކުރިމަތިވެދާނެ އެވެ. އެހެންނަމަވެސް މިފަދަ ކަންކަމުން ހިތުގައި އުފެދޭ ނަފުރަތުގެ އޮއިވަރުގައި ތިމާގެ ނަފުސު ޖެހުނަނުދޭށެވެ. އެންނޫނީ އެ އޮއިވަރުގައި ތިމާ ގެންދާނީ ވަރަށް ނުރައްކާތެރި ދިމާއަކަށެވެ. އަތުން ފައިން ހައްދާނީ ގޯހެވެ. އެތައް ބަޔެއްގެ ޙައްޤު ބޮލުގައި އަޅުވަން ޖައްސާނެ އެވެ. އާޚިރުގައި މި ހުރިހާ ޙައްޤެއް އަދާކުރަން ޖެހޭނީ ތިމާކޮށްފައި ހުރި ހެޔޮ އަމަލުކޮޅުންނެވެ. އެދުވަހު ހިތަށް އަރާނެ އެވެ. ސަހަރޯ އެވެ. މިކަން ނުކުރެވުނުނަމަ އެވެ.