ސުނާމީ ކާރިސާގައި ހަލާކުވެގެން ދިޔަ ގެތަކުގެ ބަދަލުގައި ގއ. އަތޮލުގައި މިހާރު އިމާރާތް ކުރަމުން އަންނަ 298 ގޭގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ ސައުދީ ފަންޑުންގެ އެހީގައި ގއ. އަތޮޅު ހަތަރު ރަށުގައި އަޅާ ގެތަކުގެ މަސައްކަތުގެ 60 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށާއި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މަސައްކަތް މުޅިން ނިންމޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. ސައުދީ ފަންޑުގެ އެހީގައި ގެދޮރު ބިނާކުރާ ރަށްތަކަކީ އެ އަތޮޅުގެ ވިލިނގިލީގައި 77 ގެ އާއި މާމެންދޫގައި އަޅާ 84ގެ އާއި ނިލަންދޫގައި އަޅާ 50 ގެއާއި ދާންދޫގައި އަޅާ 87 ގެ އެވެ.

"މިހަތަރު ރަށުގެ 60 ޕަސަންޓު މަސައްކަތް ވަނީ ނިމިފައި. އެ މަސައްކަތް ނިމިފައި ހުއްޓަސް ބައެއް ކަންކަން ކޮންޓްރެކްޓަރު ރަނގަޅަށް ނުކޮށް ހުރީމާ ކުރި މަސައްކަތް ރަނގަޅުކުރަން ވެސް އެބަ ޖެހޭ މަސައްކަތްކުރަން. އެ ހުރިހާ ކަމަކާއެކީގައި އަޅުގަނޑުމެން މިދަންނަ ވަނީ މި އަހަރު ނިމެންވާ އިރަށް ކޮޅުފެށި އަދި މަޑިފުށި ވެސް ހިމެނޭ ގޮތައް ފެށިފައި ހުރި މަސައްކަތް ނިންމާލެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓްރީން ބުނެފައި ވަނީ ގއ. އަތޮޅުގައި ގެތައް ބިނާކުރުމަށް ބިޑުކުރެވުނީ 220 މިލިއަން ރުފިޔާ ކަމަށާއި ގެތަކުގެ މަސައްކަތް ނުނިމި ލަސްވެ ދިއުމުގެ ސަބަބުން ގެތައް އެޅުމަށް ކުރަން ޖެހޭ ހަރަދުބޮޑުވެފައިވާ ކަމަށާއި އިތުރަށް ގެތައް ބިނާކުރުމަށް ބޭނުންވާ ފައިސާގެ އެހީ ހޯދުމަށް ސައުދީ ފަންޑުގެ އިސްބޭފުޅުންނާ މަޝްވަރާކުރެވި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސުނާމީގެ ހާލުޖެހިފައިވާ ފަރާތްތަކަށް އަޅަން ޖެހޭ ބައެއް ގޭގެ މަސައްކަތް އަދިވެސް ނުފެށި ހުރި ކަމަށާއި ނަމަވެސް މަސައްކަތް ނުފެށި ހުރި ގޭގޭގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.