30 Jun 2012, 12:15
އިސްލާމްދީނުގައި ޢާންމު މަޞްލަޙަތަށް ވަރަށްބޮޑު ސަމާލުކަމެއް ދީފައިވެއެވެ. އެއީ މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއި ހަމަހަމަކަން ޤާއިމުވެފައި އޮތުމަށްޓަކައެވެ. އަދި ވަޒީފާތަކަށް މީހުން އިސްކުރާއިރުވެސް ކަމަށް އެކަށީގެންވާ ޤާބިލުމީހުންނޫނީ އިސްނުކުރުމަށް ގޮވާލާފައިވެއެވެ. ޢަދުލުވެރިކަމުގެ މީޒާނުން ދުރުހެލިވުމަކީ އެއްވެސް ޙާލެއްގައި އިސްލާމްދީން ހުއްދަކުރާކަމެއް ނޫނެވެ. ކަމަށް އެކަށިންގެންވާ މީހުންނާ ކަންކަން ޙަވާލު ކުރުމަކީ އަމާނާތެކެވެ.
ތިމާއަށް އަގުބޮޑު ހަދިޔަތަކާއި ރިޝްވަތުދޭ މީހުންނަށް އިސްކަން ދިނުމާއި، އެފަދަ މީހުންގެ މަޞްލަޙަތާއި އެއްގޮތަށް ޙުކުމް ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. މާއްދީ މަޢްނަވީ އަދަބީ ފައިދާއެއް ޙާޞީލް ކުރުމަށް ވެސް އެފަދަ ކަމެއްކޮށްގެން ނުވަނެއެވެ. އެމީހަކީ ތިމާގެ އަވަށްޓެރިއަކަސް އެކުވެރިއަކަސް ، ނުވަތަ އެފަދަ މަޤާމެއްގައި ހުރިމީހަކަށް ވިޔަސް މެއެވެ. އިންޞާފުވެރިވުމަކީ ޝަރުޢީގޮތުން ވާޖިބު ކުރައްވާފައިވާކަމެވެ. މީސްތަކުންނަށް ބިރުން މާތް ﷲ ގެ މަންހަޖާ ޚިލާފަށް ތިމާގެ ހަވާނަފުސާ އެއްގޮަތަށް ޙުކުމް ކުރާމީހުންނަކީ ކާފިރުންނެވެ.
އެންމެ ބޮޑު ޚިޔާނަތީ ވެރިއަކަށް ހުންނަމީހަކު، ރައްޔިތުންގެ ތެރޭގައި ކަމަށް އެކަށިގެންވާ ޤާބިލުމިހުން ތިއްބައި، އެމަޤާމަށް ގާތްތިމާގެ މީހުންގެ ތެރެއިން އެކަމަށް އެކަށިގެންނުވާ މީހަކު އިސްކުރުމެވެ. މާތް ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި އިބުނު ޢައްބާސުގެ އަރިހުން އަލްޙާކިމް ރަނގަޅު ސަނަދުން ރިވާކުރައްވާފައިވެެވެ. މާތް ﷲ ގެ ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެެވެ."މީހަކު އެމީހާގެ ގާތްތިމާގެ މީހާއަށްވުރެ އެކަށީގެންވާ މީހަކު ހުއްޓާ، ގާތްތިމާގެ މީހާ މަޤާމަކަށް އިސްކޮށްފިނަމަ، މާތް ﷲ އާއި އެކަލާނގެ ރަސޫލާއާއި މުއުމިނުންނަށް ޚިޔާނަތްތެރިވެއްޖެއެވެ."
މިޙަދީޘުން ދަލީލު ލިބެނީ ވެރިޔަކަށް ހުންނަމީހަކު ، ރައްޔިތުންގެ ތެރޭގައި ކަމަށް އެކަށީގެންވާ ޤާބިލުމީހުން ތިއްބާ އެމީހެއްގެ ގާތްތިމާގެ މީހުންގެ ތެރެއިން ، އެފަދަ މަޤާމަކަށް އެކަށީގެންނުވާ މީހަކު އިސްކުރުމަކީ އިސްލާމްދީނުގެ ތަޢްލީމާ ޚިލާފަށް ކުރާޢަމަލެއްކަމެވެ. އެމީހަކީ ގާތްތިމާގެ މީހަކަށްވިޔަސް އެކުވެރިޔަކަށްވިޔަސް ނުވަތަ ތިމާގެ އަމިއްލަ ރަށުގެ މީހަކަށްވިޔަސް ދައުލަތުގެ މަޤާމަކަށް އެފަދަ މީހަކު އިސްކޮށްފިނަމަ، އުންމަތުގެ ޙައްޤުގައި އޭނާއަށް އެކުރެވެނީ ބޮޑުފާފައެއްކަމެވެ. އަލްޙާކިމް ރަނގަޅު ސަނަދުން ޔަޒީދު ބިން އަބީ ސުފްޔާން ޝާމުކަރައަށް ވާލީއަކަށް ފޮނުއްވަމުން އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް ބަޔާން ކުރައްވާފައިވެއެވެ." އޭ ޔަޒީދެވެ. ތިބާއަށް ގާތްތިމާގެ މީހުން ވެއެވެ. ވެރިކަމުގައި ތިބާގެ މައްޗަށް އެމީހުންގެ އަސަރު ކުރިޔަ ނުދޭށެވެ. ކީިރިތި ރަސޫލާ މިފަދައިން ޙަދީޘް ކުރައްވާފައިވާތީ ތިބާގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ"މުސްލިމުންގެ ކަންތަކަށް މީހަކު އިސްކުރެއްވުމަށްފަހު ، އެމީހާ މުޖާމަލާ ކުރުމުގެ ގޮތުންނާއި ނިފާޤުކަމުގެ ގޮތުން މަޤާމަކަށް ޤާބިލުނޫން މީހަކު އިސްކޮށްފިނަމަ ، އެމީހެއްގެ މައްޗަށް މާތް ﷲ ގެ ލަޢްނަތް ހުއްޓެވެ. އެމީހާގެ ކިބައިން ޢަދުލުވެރިކަމެއް އަދި ސުންނަތްކަމެއް ވިޔަސް ޤަބޫލެއް ނުކުރައްވާނެއެވެ. އެއީ އޭނާ ނަރަކައަށް ވެއްދެވުމާއި ހަމަޔަށެވެ."
އަމާންތެރިކަމާއި ތެދުވެރިކަން ގެއްލިގެން ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ ކަަމަށް އެކަށީގެންނުވާ މީސްމީހުން ތަފާތު މަޤާމުތަކަށް އިސްކުރުމެވެ. އެކަމުގެ ސަބަބުން ޚިޔާނަތްތެރިކަމަށް މަގުހުޅުވިގެން ދެއެވެ. ރިޝްވަތަށް މަގުތަނަވަސް ވެގެން ދެއެވެ. ރިޝްވަތު ހިފުމާއި ދިނުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މާތް ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބިން ޢަމްރޫ ގެ އަރިހުން ރިވާ ކުރައްވާފައި ބަސްފުޅެއްގެ މާނަގައިވެއެވެ."ރިޝްވަތު ދޭމީހާ އާއި ރިޝްވަތު ހިފާމީހާގެ މައްޗަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ."
ރިޝްވަތުގެ ވަބާ ފެތުރިގެން ދިޔުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ. މީސްތަކުން ތަދުމަޑުކަމާއި ބަލިމަޑުކަމަށް ހުރަހޮޅިގެންދާ ކަމެކެވެ. ހަމަނުޖެހުމާއި ނުކުޅެދުންތެރިކަމާއި ބިރުވެރި ކަމުގެ ތެރެއަށް ވެއްޓިގެންދާކަމެކެވެ. މުދަލުން ރޯދިބަރަކާތް ކެނޑިގެންދާ ކަމެކެެވެ. މާތް ﷲ އަޅުގަނޑުމެން މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމާތް ކުރައްވާށިއެވެ.