30 Jun 2012, 12:09
ޑްރަގް ކޯޓަށް މިހާތަނަށް ހުށަހަޅާފައި ވަނީ ޖުމްލަ 167 މައްސަލަ ކަމަށް ޑްރަގް ކޯޓުން ބުނެފި އެވެ.
ޑްރަގް ކޯޓުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް އެ ކޯޓަށް ހުށަހަޅާފައިވާ 167 މައްސަލައިގެ ތެރޭގައި ހިމެނެނީ 17 އަންހެނުންނާއި 150 ފިރިހެނުންގެ އިތުރުން ނުވަ ކުޑަކުދިން ކަމަށެވެ.
ޑްރަގް ކޯޓުން ބުނީ ބުރާސްފަތި ދުވަހާ ހަމަޔަށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާ އިރު ކްރިމިނަލް ކޯޓުން 142 މައްސަލަ ހުށަހަޅާފައިވާ އިރު ޖުވެނައިލް ކޯޓުން ނުވަ މައްސަލަ އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައި ވަނީ އެއް މައްސަލަ ކަމަށެވެ.
އަދި ނޭޝަނަލް ޑްރަގް އެޖެންސީ އިން 15 މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ޑްރަގް ކޯޓުން ބުނީ ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އިއުތިރާފްވާ މައްސަލަތަކާއި އިއުތިރާފްވުމަށް އެއްބަސްވާ މައްސަލަތައް އެ ކޯޓަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި ޑްރަގް ކޯޓުގައި އެމީހުންގެ ޝަރީއަތް ކުރިއަށްދާ އިރު ދައުވާއަށް އިންކާރުކޮށްފި ނަމަ އެ މައްސަލަ އަނބުރާ ހުށަހެޅި ކޯޓަށް ފޮނުވާނެ ކަމަށް ވެސް ޑްރަގް ކޯޓުން ބުންޏެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން މަސްތުވާތަކެތި ބޭނުން ކުރާކަމަށް ޝަރީއަތުގައި އިއުތިރާފް ވެއްޖެ ނަމަ އެ މީހެއްގެ މައްޗަށް އެކުށުގެ އަދަބު ކަނޑައަޅައި ހުކުމް ކުރުމަށް ފަހު އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ޑްރަގް ކޯޓުން ނެރޭނެ އެވެ. އަދި އެއަށް ފަހު އެ މީހުންނަށް ރިހެބިލިޓޭޝަން ފަރުވާދިނުމަށް ޑްރަގް ކޯޓުން އަމުރު ނެރޭނެ އެވެ.
ފަރުވާ ހޯދުމުގައި އެ އަމުރާ ޚިލާފުވެއްޖެ ނަމަ ކުރިން އެމީހެއްގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ޑްރަގް ކޯޓުން އަމުރު ކުރާނެ އެވެ.