ކަރަންޓް ރޮންދާއަކުން ޖެހި ފ. ނިލަންދޫގައި ތިން އަހަރުގެ ކުޑަ ކުއްޖެއްގެ އިނގިތައް ބުރިވެ، އިއްޔެ ޒަހަމްވެއްޖެ އެވެ.

އެ ކުއްޖާ އަށް ނިލަންދޫ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާ އަށް މިއަދު ހެނދުނު ވަނީ މާލެ، ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފަ އެވެ.

ރޮންދާ އިން ޖެހި ޒަހަމްވި ކުޑަކުއްޖާގެ ބައްޕަ މުހައްމަދު އަހުމަދު މިއަދު ސަންއަށް ކިޔައިދިން ގޮތުގައި އިއްޔެ ހަވީރު އޭނާގެ ކުއްޖަކު ދަނޑިޖަހަންވެގެން ދަނޑިތަކެއް ރޮންދާ އަކުން މަށަނިކޮށް، ކައިރީގައި ހުރި ތިން އަހަރުގެ ފިރިހެން ދަރިފުޅުގެ އިނގިލިތަކުގައި ރޮންދާ އިން ޖެހި، ޒަހަމްވެފައިވާ ކަމަށެވެ. އެ ހާދިސާގައި ދަރިފުޅުގެ ވައަތުގެ މެދުއިނގިލި ކަށްޓާއެކު ބުރިވެފައިވާ ކަމަށާއި އަދި ކަށިއިނގިލި ވެސް ބުރިވެފައިވާ ކަމަށް އެކުއްޖާގެ ބައްޕަ ބުންޏެވެ.

"ވައަތުގެ މެދު އިނގިލި ކަށިތަކާ އެކު ބުރިވެގެން ގޮސްފައި އިނީ. ހަމަ ކައްޓާއެއްކޮށް ބުރިވެގެންގޮސްފައި އިނީ. ކަށި އިނގިލީގެ ވެސް އެއްބައި ބުރިވެގެން ގޮސްފައި އިނީ. އެކަމަކު އެ އިނގިލީގެ ކައްޓަކަށް ގެއްލުމެއް ނުވޭ،" ކުއްޖާގެ ބައްޕަ ބުންޏެވެ.