30 Jun 2012, 10:56
ކޮންމެ އަހަރަކު ވިޔަފާރިވެރިންގެ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބާއްވާ ވިޔަފާރީގެ މައި އީދު "އުނގުޅޭ" ބާޒާރު މާދަމާ ރޭ ފައްޓާނެ ކަމަށް ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން ބުނެފި އެވެ.
ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްފަދައިން 450 މޭޒާ އެކު ފައްޓާ ނައިޓް މާކެޓް، އޮންނާނީ ކުރީ އަހަރު ވެސް މާކެޓް އޮތް ތަން ލޮނު ޒިޔާރާތްކޮޅުގައި ކަމަށެވެ.
މިފަހަރުގެ ނައިޓް މާކެޓް ހުޅުވަން ތައްޔާރު ވެފައިވާ އިރު އެކަމަށް ވިޔަފާރިވެރިން ވަރަށް ބާރަށް ތައްޔާރުވަމުން އަންނަ ކަމަށާއި ނައިޓް މާކެޓް ކުރިއަށް ދާނީ އާދިއްތަ ދުވަހުގެ ރެއިން ފެށިގެން 10 ދުވަހަށް، ކޮންމެ ރެއަކު 8:00 އިން މެންދަމު 12:00 އަށް ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
މިއަހަރު ނައިޓް މާކެޓް ބާއްވަން މާލޭ ސިޓީ ކައުންސިލުން ހުއްދަ ދިނުން ލަސްވުމުން ބޮޑެތި ދަތިތަކަކާ ކުރިމަތިވި ކަމަށް ޖަމިއްޔާ އިން ބުނެ އެވެ. މިފަހަރުގެ ނައިޓް މާކެޓް ބާއްވަން ސިޓީ ކައުންސިލުން ހުއްދަދީފައި ވަނީ އެ ހުއްދަ ނުލިބިގެން ނައިޓް މާކެޓް ބޭއްވޭނެ ކަމާ މެދު ސުވާލު އުފައްދާފައި ވަނިކޮށް މިދިއަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެވެ.