30 Jun 2012, 09:41
ޢަންމާން (ޖޫން 30): ސޫރިޔާ އަށް ހަނގުރާމައިގެ އިންޒާރުތައް ދިނުމަށް ފަހު ތުރުކީން ސޫރިޔާގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް މެދުރާސްތާގެ މިސައިލާއި އެނޫން ބައެއް ހަތިޔާރު ޖަމާކޮށްފި އެވެ.
އެ ހަތިޔާރުތައް ޖަމާކުރުމަށް ފަހު ތުރުކީ ބުނީ މިއީ ތުރުކީގެ އަމްނަށް ސޫރިޔާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވުމުގެ ގޮތުންއެޅި ފިޔަވަޅެއް ކަމުގަ އެވެ. ތުރުކީގެ މިފިޔަވަޅާ މެދު ސޫރިޔާ އިން ބަޔާނެއް ދީފައެއްނުވެ އެވެ. ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ސޫރިޔާގެ ވައިގެ ސަރަޙައްދަށް މިދިޔަ ހަފްތާގައި ވަން ތުރުކީގެ ޖާސޫސީ މަތިންދާބޯޓެއް ސޫރިޔާ އިން ވައްޓާލުމުން އެކަމަށް ހަރުކަށި ރައްދެއް ދޭނެކަމުގެ އިންޒާރު ސޫރިޔާ އަށް ދެއްވާފަ އެވެ. އަދި ތުރުކީން ވަނީ މިއީ ސޫރިޔާ އިން ތުރުކީއާދެކޮޅަށް ހިންގި ބިރުދެއްކުމުގެ ޢަމަލެއް ކަމަށް ސިފަކޮށް އެ މައްސަލަ ނޭޓޯއަށާއި އދ.ގެ ސަލާމަތީ މަޖިލީހަށް ވެސް ގެންގޮސްފަ އެވެ.
ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ސޫރިޔާ އަށް އިންޒާރު ދެއްވަމުން ވިދާޅުވީ އެ ޤައުމެއްގެ ރައްޔިތުންނަށް އަނިޔާކުރަމުންދާ ޚުދު މުޚްތާރު ނިޒާމަކާ ކުރިމަތިލުމަށް ތުރުކީ ތައްޔާރަށް އޮތްކަމަށާއި އަދި ޚާއްސަކޮށް އެނިޒާމުން ތުރުކީއަށް ބިރުދައްކާ ނަމަ ވަރަށް ހަރުކަށިކޮށް ރައްދުދޭނެ ކަމުގަ އެވެ.
ނޭޓޯގައި ހިމެނޭ ހަމައެކަނި އިސްލާމީ ޤައުމުކަމަށްވާ ތުރުކީން އެ ޤައުމުގެ އަވަށްޓެރި އިސްލާމީ އެހެން ޤައުމެއްކަމަށްވާ ސޫރިޔާގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ހަތިޔާރު ޖަމާކުރަމުން ގެންދިޔުމުގެ ފަހަތުގައި ވަނީ އެމެރިކާ އާއި ހުޅަނގުގެ ބާރުތައް ކަމަށް މީޑިޔާ ރިޕޯޓްތަކުން ތުހުމަތުކުރުމުން އެމެރިކާގެ ދިފާޢީ މަސްއޫލުވެރިން ވަނީ މިއީ ސޫރިޔާއާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ޢަމަލެއް ނޫންކަމަށް ސިފަކުރައްވާފަ އެވެ. ތުރުކީގެ މިފިޔަވަޅާ ބެހޭ މަޢްލޫމާތު ލިބިވަޑައިގަތީ މީޑިޔާގެ ޒަރީޢާ އިން ކަމަށް ވިދާޅުވެ އެމެރިކާގެދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ ވަނީ މިއީ އެމެރިކާއާ ގުޅުންނެތް ކަމެއްކަން ހާމަކުރެއްވުމަށް މަސައްކަތް ކުރައްވާފަ އެވެ.
ތުރުކީގެ ޢަސްކަރީ ޖާސޫސީ މަތިންދާބޯޓެއް މިދިޔަ ހަފްތާގައި ސޫރިޔާގެ ވައިގެ ސަރަޙައްދަށް ވަނީ އެމެރިކާ އާއި ތުރުކީގެ ރޭވުމެއްގެ ދަށުން ކަމަށާ މިކަމުގެ ބޭނުމަކީ ސޫރިޔާގެ ދިފާޢީ ޤާބިލްކަންހުރި މިންވަރު ދެނެގަތުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ތުރުކީގެ ޢަސްކަރީ ބޯޓު ސޫރިޔާއިން ވައްޓާލީ ރަޝިޔާއާ މަޝްވަރާކުރުމަށް ފަހުގައި ކަމަށާއި ރަޝިޔާ ބޭނުންވީ ސޫރިޔާއަށް އެޤައުމުން ފޯރުކޮށްދީފައިވާ ޒަމާނީ ހަތިޔާރުތަކުގެ ޤާބިލްކަން ހުރިމިންވަރުކަން ހުޅަނގަށް ދައްކާލުން ކަމަށް ވެސް މިރިޕޯޓްތައް ބުނެ އެވެ.
ތުރުކީގެ ބޯޓުގެ މައްސަލަ ހޫނުކުރަން ތުރުކީއާއި މަސައްކަތްކުރި ނަމަވެސް ސޫރިޔާ އަށް ޢަސްކަރީ ގޮތުން ވަދެގަންނަން ތުުރުކީއަށް ނުކެރޭނެކަމަށް ތަޖްރިބާކާރުން ދެކެ އެވެ. ސަބަބަކީ ބޭރުގެ ބާރަކުން ސޫރިޔާއަށް ވަދެގެންފި ނަމަ އިސްރާއީލު ވެސް ހިމެނޭގޮތަށް ސޫރިޔާގެ މައްސަލަ ސަރަޙައްދީ ބޮޑުހަނގުރާމައަކަށް ބަދަލުވުމުގެ ފުރްސަތު ބޮޑުވެ ސޫރިޔާގެ ދާޚިލީ މައްސަލާގައި ބައްޝާރު މިހާރު ތާށިވެފައިވާ ތާށިވުމުން އޭނާގެ އަނިޔާވެރި ނިޒާމް ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެގެންދާނެކަން ތުރުކީއަށް ވެސް ޤަބޫލުކުރެވެތީ ކަމަށް މުޙައްލިލުން ވިދާޅުވެ އެވެ. (ނޫސްއެޖެންސީތައް)