29 Sep 2024, 08:33
ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ބޮލީވުޑްގެ ހެއްވާ މަޖާ ބިރުވެރި ފިލްމު "ބޫލް ބުލައްޔާ"ގެ ތިންވަނަ ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ފިލްމުގެ ޓީޒާ ރިލީޒްކުރުމާ އެކު އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މި ފްރެންޗައިސްގެ ފުރަތަމަ ފިލްމުގައި ދެއްކި 'މަންޖުލާ'ގެ ރޯލް އަލުން އިއާދަވި މަންޒަރެވެ. ނަމަވެސް, ފުރަތަމަ ފިލްމުގައި މަންޖުލާ ފެނުނު ގޮތަށްވުރެ ދެގުނަ މި ފަހަރު ބިރުވެރި ކަމަށް ޓީޒާ ބެލި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މި ސިލްސިލާގެ ތިންވަނަ ފިލްމު އިއުލާނުކުރުމާ އެކު ވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރީ މަންޖުލާގެ ރޯލް ގެނެސްދޭނެ ގޮތެއް ބަލާލުމަށެވެ. ބަތަލާ ވިދިޔާ ބާލަން ކުޅެފައިވާ 'މަންޖުލާ'ގެ ރޯލުން ބެލުންތެރިން ބިރުގަންނަވާލަން ތައްޔާރުވަމުން އަންނައިރު ފިލްމުގެ ހައި ލައިޓަކީ ވެސް އެ ކެރެކްޓަރެވެ.

ފިލްމު "ބޫލް ބުލައްޔާ 3"ގެ ޓީޒާގެ މަންޒަރެއް--ފޮޓޯ/ޕިންކްވިލާ
ކާތިކް އާރްޔަނާއި ބަތަލާ ތުރިޕްތީ ދިމްރީ މުހިއްމު ރޯލެއް ކުޅޭ މި ފިލްމަކީ މި އަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެންމެ އުއްމީދީ ފިލްމެވެ.
ބިރުވެރި ހާދިސާތަކާ އެއްވަރަށް ބެލުންތެރިން ހެއްވާލާނެ ގިނަ ހާދިސާތަކެއް ފެންނާނެ މި ފިލްމަކީ ޓީ-ސީރީސްގެ އުފެއްދުމެކެވެ. މި ފަހަރުގެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ އަނީސް ބަޒްމީއެވެ.
ފިލްމީ ތަރި ވިދްޔާ ބާލަންގެ އިތުރުން "ބޫލް ބުލައްޔާ 3"ގެ ވަރަށް މުހިއްމު ރޯލަކުން ބަތަލާ މަދޫރީ ޑިކްސިޓް ފެންނާނެއެވެ. ކާތިކް އާރްޔަންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭ ހިމެނޭ "ބޫލް ބުލައްޔާ"ގެ ތިންވަނަ ބައި ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.