28 Sep 2024, 23:28
އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބްރައިޓަން އިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމަށް ވެސް އެއްވަރަކަށެވެ. ނަމަވެސް މިމެޗުގައި ދެޓީމަށް ބަލާއިރު ތަފާތަކަށް ފެނިގެންދިޔައީ ޗެލްސީގެ ކޯލް ޕާމާއެވެ.
މިމެޗުގައި ޗެލްސީން ކާމިޔާބު ކުރި ހަތަރު ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ޕާމާއެވެ. އޭނާ މި ހަތަރު ލަނޑު ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ 20 މިނެޓްގެ ތެރޭގައެވެ. މިއީ ޕްރިމިއާ ލީގުގައި މެޗެއްގެ ފުރަތަމަ ހާފުގައި ކުޅުންތެރިޔަކު ހަތަރު ލަނޑު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
މިއާއެކު ވެސް މިމެޗުގެ ފެށުން ރަނގަޅުވީ ބްރައިޓަންގެއެވެ. މިގޮތުން އެޓީމުންވަނީ މެޗުގެ ހަތްވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖިއޮޖީނިއޯ ރުޓާ އެވެ.
ޕާމާ ވަނީ މެޗުގެ 21ވަނަ މިނެޓުގައި މިމެޗުގައި އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މެޗުގެ 28ވަނަ މިނެޓުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ ޕާމާވަނީ ޗެލްސީއަށް މިމެޗުގައި ލީޑު ވެސް ނަގައިދީފައެވެ. އަދި މެޗުގެ 31ވަނަ މިނެޓުގައި އޭނާގެ ތިންވަނަ ލަނޑު ޖަހާ ޕާމާއިން ހެޓްރިކް ފުރިހަމަ ކުރިއެވެ.
މިމެޗުގައި ބްރައިޓަން އިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 34ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކާލޯސް ބަލޭބާއެވެ. މިމެޗުގައި ޕާމާ ކާމިޔާބު ކުރި ހަތަރުވަނަ ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ މެޗުގެ 41ވަނަ މިނެޓުގައެވެ. މީގެއިތުރުން މިހާފުގައި އޭނާ ފޮނުވާލި ހަމަލާއެއް ބްރައިޓަންގެ ގޯލްގެ ދަނޑިއަށް އަމާޒުވިއިރު އިތުރު ލަނޑެއް ބަލައިގެންފައެއް ނުވެއެވެ. މިމެޗުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބުންކަން ފާހަގަވިއެވެ.
މިކާމިޔާބީއާއެކު ޗެލްސީއަށް މިހާރުވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ. އަދި ބްރައިޓަން އުޅެނީ ނުވަ ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އެވަޓަން އިން ވަނީ ކްރިސްޓަލް ޕެލަސް ބަލިކޮށް މިފަހަރުގެ ސީޒަންގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފައެވެ. މިމެޗުގެ ލީޑު މާކް ގުއޭހީ ޖަހައިދިން ލަނޑުން ޕެލަސް ނެގި ނަމަވެސް އެވަޓަންގެ ޑުވައިޓް މެކްނީލް ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިން ދެލަނޑާއެކު މިމެޗު އެވަޓަން އަށް ކާމިޔާބު ވެގެންދިޔައީއެވެ.
މިކާމިޔާބީއާއެކު އެވަޓަން އިން މިވަނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 15 ވަނައަށް ކުރިއަށްވެސް ޖެހިލާފައެވެ. އަދި ޕެލަސް މިވަނީ މެޗަކުން މޮޅުނުވެ ހަ މެޗު ފުރިހަމަ ކޮށްފައެވެ. އަދި އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.